ރޮނާލްޑޯގެ އެހީތެރިކަމާއެކު ޔުވެންޓަސްއިން ޔުނައިޓެޑް ބަލިކޮށްފި
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާއެކު ޔުވެންޓަސް އިން ޔުނައިޓެޑް ބަލިކޮށްފިއެވެ.
ރޭގެ މެޗުގެ ހަމައެކަނި ލަނޑު 17 ވަނަ މިނެޓުގައި ޖެހީ ރޮނާލްޑޯ ނަގައިދިން ހުރަހެއް ޔުނައިޓެޑްގެ ޑިފެންޑަރުންނަށް ސާފުކޮށް ނުލެވުމުގެ ފައިދާ ނަގައި ޕައުލޯ ޑީބަލާ އެވެ. ޑީބަލާ ވަނީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ޔަންގް ބޯއީސްއާއި އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ހެޓްރިކްވެސް ހަދައިފައެވެ.
މި މޮޅާއެކު ޔުވެންޓަސް ވަނީ ގާތްގަނޑަކަށް ދެވަނަ ބުރު ކަށަވަރު ކޮށްފައެވެ. ކުޅުނު ތިންމެޗުންވެސް މޮޅުވެ އެޓީމަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު ގްރޫޕް އެޗްގެ ދެވަނައިގައި ޔުނައިޓެޑް އޮތީ ހަތަރު ޕޮއިންޓާ އެކުއެވެ. ރޭ ރަށުން ބޭރުގައި ޔަންގް ބޯއީސްއާއި ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން ދެ ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ވެލެންސިއާ އެވެ. ރޭ ލިބުނު ޕޮއިންޓާއެކު ގްރޫޕުގެ ފުލުގައި އޮތީ ޔަންގް ބޯއީސް އެވެ.
ރޭގެ މެޗުގައި ޔުވެންޓަސްއިން ވަނީ ޔުނައިޓެޑްގެ ދަނޑުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި ޔުވެންޓަސްއިން މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު އެޓީމުން ވަނީ ޔުނައިޓެޑްގެ ގޯލަށް ދިހަ ހަމަލާ ފޮނުވާލާފައެވެ. ދެވަނަ ހާފުގައި ޔުނައިޓެޑްގެ ކުޅުން ރަނގަޅު ކުރިނަމަވެސް ގޯލާ ނުރައްކާކޮށް މާ ރަނގަޅު ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. އެޓީމުގެ އެންމެ ނުރައްކާތެރި ހަމަލާ ދެވަނަ ހާފުގައި ފޮނުވާލީ ޕައުލް ޕޮގްބާ އެވެ. ޕޮގްބާ ފޮނުވާލި ބާރު ބޯޅަށް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
މިއީ 2013 ވަނަ އަހަރު ފަހުން އަމިއްލަ ދަނޑުގައި ޔޫރަޕްގައި ޔުނައިޓް ބަލިވި ދެވަނަ މެޗެވެ. އެފަހަރުގެ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ބަލިވީ އޭރު ރެއާލް މެޑްރިޑަށް ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލުންނެވެ. އޭރު ރެއާލްގެ ކޯޗަކީ މިހާރު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ.
ރޮނާލްޑޯ އެނބުރި ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑަށް ދިއުމުން ސަޕޯޓަރުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. ރޭގެ މެޗުތެރެއިން ދަނޑަށް އެރި ސަޕޯޓަރަކާއެކު ރޮނާލްޑޯ ވަނީ މެޗަށްފަހު ސެލްފީ ނަގައިފައެވެ. އަދި މެޗަށްފަހުވެސް ގިނަ އިރެއްވަންދެން ދަނޑު މަތީގައި ހުރުމަށްފަހު ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ ސަޕޯޓަރުން ދިން ތަރުހީބަށް ޝުކުރު އަދާކޮށްފައެވެ. ޔުނައިޓެޑަށް 2003 އިން 2009 އަށް ކުޅެދިން ރޮނާލްޑޯ ވަނީ އެ ކްލަބާއެކު 2008 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އެ އަހަރު ބެލޮންޑިއޯ ވެސް ގެންގޮސްފައެވެ.
މި ގްރޫޕުގައި ދެން ކުޅޭ މެޗުތަކުގައި ޔުވެންޓަސް އަމިއްލަ ދަނޑުގައި ނުކުންނާނީ ޔުނައިޓެޑާއި ދެކޮޅަށެވެ. އަދި ވެލެންސިއާ އަމިއްލަ ދަނޑުގައި ކުޅޭނީ ޔަންގް ބޯއީސްއާ އެވެ.
Advertisement
Leave a Reply