ލެސްޓާ ބަލިކޮށް އާސެނަލަށް އެގާރަ އަހަރު ކުރީގެ ހަނދާނެއް

Advertisement

ލެސްޓާ ބަލިކޮށް އާސެނަލަށް އެގާރަ އަހަރު ކުރީގެ ހަނދާނެއް

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ފަހަތުން އަރާ ލެސްޓާ ސިޓީ ބަލިކޮށް މި ސީޒަނުގައި ޖެހިޖެހިގެން 10 ވަނަ ފަހަރަށް އާސެނަލް މޮޅުވެއްޖެއެވެ. ހުރިހާ މުބާރާތެއްގައި އާސެނަލް އެންމެ ފަހުން މި ކާމިޔާބީ ހޯދީ 2007 ވަނަ އަހަރުއެވެ. މީގެ އެގާރަ އަހަރު ކުރިން އެފަހަރު އާސެނަލް ވަނީ ބަލިނުވެ 12 މެޗު ހަމަކޮށްފައެވެ.  އާސެނަލްގެ އާ ކޯޗު އުނާއި އެމެރީއާއެކު އެޓީމު މި ސިޒަނުގައި ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރޭގެ މޮޅާއެކު އާސެނަލް ވަނީ 21 ޕޮއިންޓާއެކު ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާއި ދެވަނައިގައި އޮތް ލިވަޕޫލަށްވެސް ވަނީ 23 ޕޮއިންޓް ލިބިފައެވެ. އެކަމަކު ފައިދާ ގޯލުގެ ތަފާތުން ކުރި ލިބެނީ ސިޓީއަށެވެ. ތިންވަނައިގައި 21 ޕޮއިންޓާއެކު ޗެލްސީ އޮތީވެސް އާސެނަލަށްވުރެ ފައިދާ ގޯލު ގިނަވުމުންނެވެ.

ރޭގެ މެޗުގައި އާސެނަލް ޓީމުގެ ތަފާތަކަށްވީ މެސުޓް އޮޒިލްގެ ހުނަރެވެ. އާސެނަލަށް މެޗު އެއްވަރުކޮށްދިން ގޯލު އޮޒިލް ޖަހައިދިންއިރު އޭގެ ފަހުން ޖެހި ދެގޯލުގައިވެސް އޮޒިލްގެ ދައުރު ބޮޑެވެ. ރޭގެ މެޗު ފަށައިގެން މޮޅަށް ކުޅެމުން ދިޔައީ ލެސްޓާ އިންއެވެ. ފުރަތަމަ ހާފުގެ ބޮޑުބައެއްގައި ލެސްޓާއިން އާސެނަލްގެ ގޯލަށް ނުރައްކާކުރިއިރު އެޓީމަށް ލީޑު ލިބުނީ 31 ވަނަ މިނެޓުގައި އާސެނަލްގެ ޑިފެންޑަރު ހެކްޓަ ބެޔެރިންގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލަކުންނެވެ. ބެޔެރިން ފައިގައި އެބޯޅަ ޖެހުނީ ލެސްޓާގެ ލެފްޓް ބެކަށް ކުޅޭ ބެން ޗިލްވެލް ނެގި ހުރަހެއްގައެވެ.

ލެސްޓާއިން ލީޑު ނެގުމުން އާސެނަލް ވަނީ ކުޅުން ރަނގަޅުކޮށް ލެސްޓާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގައި އާސެނަލް އެއްވަރުކޮށްދިން ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖެހީ އޮޒިލް އެވެ. މި މެޗުގެ ކުރިން ޕްރިމިއަރ ލީގުގައި ކުޅުނު ހަތަރު މެޗުގައި އޮޒިލް ވަނީ ތިން ގޯލު ޖަހައިފައެވެ. މިއީ އޮޒިލް ޕްރިމިއަރ ލީގުގައި ޖެހި 30 ވަނަ ލަނޑެވެ. މި ލަނޑާއެކު އޮޒިލް ވެފައިވަނީ ޕްރިމިއަރ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ޖަރުމަނަށް ނިސްބަތްވާ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 29 ލަނޑު ޖެހި ޔާގެން ކްލިންސްމަން އާއި އުވެ ރޮސްލާ އަތުގައެވެ.

ދެވަނަ ހާފު ފެށިގެންވެސް އާސެނަލުން ވަނީ މި ސީޒަނުގައި އެޓީމުން ދައްކަމުން އަންނަ މޮޅު ކުޅުން ތަކުރާރު ކޮށްފައެވެ. އާސެނަލްގެ ފަހު ދެލަނޑުވެސް ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން ޕިއޭ އެމެރިކް އޮބާމަޔަން އެވެ. އޮބަމަޔާން ފުރަތަމަ ލަނޑު ޖެހީ 63 ވަނަ މިނެޓުގައި އޮޒިލް އާއި ބެޔެރިން ގުޅިގެން އުފެއްދި ހަމަލާއެއްގައެވެ. އޭގެ ތިން މިނެޓު ފަހުން އޮބަމަޔާން މެޗުގެ ތިންވަނަ ގޯލު ޖެހީ އޮޒިލް ދިން ހިތްގައިމު ޕާހަކުންނެވެ. މިއީ ޕްރިމިއަރ ލީގުގައި ކުޅުނު 22 މެޗުގައި އޮބަމަޔާންގެ ހިއްސާ އޮވެގެންޖެހި 21 ވަނަ ލަނޑެވެ. ޕްރިމިއަރ ލީގަށް މިއަހަރުގެ ޖެނުއަރީ މަހު ބަދަލުވުމަށްފަހު އޮބަމަޔަން ވަނީ 18 ގޯލު ޖަހައި ފަސް ގޯލު ޖެހުމުގައި އެހީތެރިވެދީފައެވެ.

މެޗަށްފަހު އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ ފުރަތަމަ ހާފުގެ ފުރަތަމަ 30 މިނެޓަށްފަހު އާސެނަލުން ދެއްކި ކުޅުމުން މެޗުން މޮޅުވާން ހައްގު ކަމަށެވެ. އެމެރީ ވަނީ ރޭ އޮޒިލް ދެއްކި ކުޅުމަށްވެސް ތައުރީފް ކޮށްފައެވެ.

“ކޮންމެ މެޗެއްގަ އަދި ފަރިތަކުރުމުގައި އޮޒިލްގެ ބައިވެރިވުން ވަރަށް ރަނގަޅު. ކުޅުންތެރިންވެސް އެކަކު އަނެކަކަށް އެހީތެރިވެދޭން ބުރަކޮށް މަސައްކަތް ކުރޭ. އޮޒިލްއާއެކު މިރޭ ޓީމުން ދެއްކި ކުޅުން ވަރަށް މޮޅު” އެމެރީ ބުންޏެވެ.

ތިންވަނަ ލަނޑަށް ފަހުވެސް އާސެނަލަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. ލީގުގައި އާސެނަލް އަންނަ ހަފްތާ ކުޅޭ މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *