ކިއްސަރު ފުޓްސަލް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ގއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ “ކިއްސަރު” ކަޕް ފުޓްސަލް މުބާރާތް އަންނަ ޑިސެމްބަރު މަހު ބާއްވަން ޝެޑިއުލްކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ގއ. ކޮނޑޭގެ ކިއްސަރު ޖަމިއްޔާއިން އިންތިޒާމު ކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ބާއްވަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 11 އިން 17 އަށް ކޮނޑޭ ފުޓްސަލް ދަނޑުގައެވެ. އަންނަ މަހުގެ 12 ވަނަ ދުވަހާއި ހަމައަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވާއިރު އަތޮޅަށް ނިސްބަތްވާ ކޮންމެ ރަށަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.
2004 ވަނަ އަހަރު ފެށި މި މުބާރާތަކީ މެދުކެނޑުމެއް ނެތި އެ އަތޮޅުގައި ބާއްވާ އެންމެ ދުވަސްވީ އެއް ފުޓްބޯޅަ މުބާރާތެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމަކީ އެސްސީ ބަފާނާ އެވެ. ކޮނޑޭ އަށް ނިސްބަތްވާ ބަފާނާ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެރަށަށް ނިސްބަތްވާ ކްލަބް ޕިންކް ސްޓްރީޓްސް ބަލިކޮށްގެންނެވެ. 14 އަހަރުވީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ކޮނޑޭގެ އޭޖާސް ޔުނައިޓެޑެވެ. 2014 ވަނަ އަހަރުގެ ޗެމްޕިއަންކަން އެޓީމު ހޯދިއިރު ތިން އަހަރު ވަނީ ފައިނަލުގައި ކުޅެފައެވެ.
އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތައް ރަނގަޅު ސަޕޯޓެއް ލިބޭކަމަށް މުބާރާތް އިންތިޒާމުކުރާ ކިއްސަރު ޖަމިއްޔާއިން ބުނެއެވެ. މި މުބާރާތުގައި އެރަށުގެ ހުނަރުވެރި ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިންވެސް ކޮންމެ އަހަރަކު ކުޅޭކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ. މިގޮތުން ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހުސައިން ޝަރީފް (އޮންލީ) އާއި އަލީ ހާފިޒް (ހާއްޕެ) އަކީވެސް މީގެ ކުރިން އެރަށުގެ މުބާރާތުން ފެނިފައިވާ ކުޅުންތެރިންނެވެ.
“އަޅުގަނޑުމެންގެ އުއްމީދަކީ މިފަހަރުގެ މުބާރާތުގައިވެސް އަތޮޅުގެ ގިނަ ރަށްތަކަކުން ބައިވެރިވެ ފޯރިގަދަ މުބާރާތަކަށް ހެދުން. މިފަހަރުގެ މުބާރާތަށްވެސް މި ޖަމިއްޔާއިން ވަރަށް ބޮޑަށް ތައްޔާރުވަމުން މިދަނީ” މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުﷲ ކިނާނަތު ގާސިމް ބުންޏެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމު ގޮތުގައި 25،000 ރުފިޔާ ކަނޑައަޅައިފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ފުޓްސަލާއި ފުޓްބޯޅައިގައިވެސް ފޯރި އޮންނަ ކޮނޑޭ އަކީ އަތޮޅު ފެންވަރުގައި އަދި ރާއްޖޭގެ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި އަބަދުވެސް ބައިވެރިވާ ޓީމެކެވެ. އެރަށުގެ ފުޓްސަލް ޓީމު ވަނީ މިދިޔަ އަހަރު ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވެފައެވެ. އަދި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައިވެސް ފަހަކަށް އައިސް އެރަށުން އަންނަނީ ރަނގަޅު ވާދައެއް ކުރަމުންނެވެ. މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން ގއ. ވިލިނގިލި ފަސޭހަ ކަމާއެކު ބަލިކޮށް އެރަށުން ހޯދިއިރު ޒޯން މުބާރާތުގެ ފައިނަލުން އެޓީމު ބަލިވީ ގދ. ހޯނޑެއްދޫ އާއި ވާދަކޮށް 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެގެންނެވެ.
Advertisement


Leave a Reply