ފޯކައިދޫ ބަލިކޮށް ދެވަނަ ބުރުގެ ފެށުން ނިއުއިން ރަނގަޅު ކޮށްފި

Advertisement

ފޯކައިދޫ ބަލިކޮށް ދެވަނަ ބުރުގެ ފެށުން ނިއުއިން ރަނގަޅު ކޮށްފި

ޢަލީ ޝަހީމް
މިރޭގެ މެޗުގައި ނިއުގެ ސެންޓޭ ފޯކައިދޫގެ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން ދަނީ. ފޮޓޯ: އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ 2-0 އިން ފޯކައިދޫ ބަލިކޮށް ނިއު ރޭޑިއަންޓުން ލީގުގެ ދެވަނަ ބުރުގެ ފެށުން ރަނގަޅު ކޮށްފިއެވެ. ލީގުގެ ފުރަތަމަ ބުރު ނިއުއިން ނިންމާލީ 18 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައި އޮވެގެންނެވެ. ފުރަތަމަ ބުރުގެ ފަހު މެޗުގައި ގްރީން ސްޓްރީޓްސްއާ ވާދަކުރި މެޗު 2-2 އިން އެއްވަރުވުމުން މިރޭގެ މެޗުން މޮޅެއް ހޯދަން އެޓީމަށް އޮތީ މަޖުބޫރުވެފައެވެ.

މި މެޗުން ލިބުނު މޮޅާއެކު 21 ޕޮއިންޓާއެކު އަދިވެސް ނިއު އޮތީ ހަތަރު ވަނައިގައެވެ. އެކަމަކު މި މޮޅާއެކު އެޓީމު ވަނީ ތިންވަނައިގައި އޮތް މާޒިޔާއާއި އެއް ޕޮއިންޓް ކައިރިއަށް ޖެހިލާފައެވެ. ތާވަލުގެ ދެވަނައިގައި 23 ޕޮއިންޓާއެކު އޮތީ ކްލަބް އީގަލްސް އެވެ. މިއަދު ހަވީރު ކުޅުނު މެޗުން މޮޅުވެ 27 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ. މިރޭގެ މެޗުން ބަލިވެ ފޯކައިދޫ އޮތީ އަށް ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.

Advertisement

މިރޭގެ މެޗަށް ނިއުއިން ވަނީ ވަރުގަދަ ޓީމެއް ނެރެފައެވެ. މިދެޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ ނިއުއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިރޭގެ މެޗު ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅުނީ ނިއުއިންނެވެ. އެކަމަކު ފޯކައިދޫ ޓީމުންވެސް ދިޔައީ ކައުންޓަ އެޓޭކުގައި ނިއުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ފުރަތަމަ ހާފުގައި ނިއުއަށް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.

އެކަމަކު ދެވަނަ ހާފު ފެށިގެން ނިއުއިން ދިޔައީ ބޮޑަށް ކުރިއަށްޖެހި ލަނޑެއް ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި ނިއުއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އިތުބާރު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ޕެނަލްޓީ ފޯކައިދޫގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފައެވެ. ސެންޓޭ ޖެހި ޕެނަލްޓީ ސާގިބް އަތްޖައްސާލުމުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ޕެނަލްޓީ ނާކާމިޔާބުވުމުންވެސް ނިއުއިން ވަނީ ހިތްވަރު އެލުވައިނުލައި ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން 57 ވަނަ މިނެޓުގައި ނިއުގެ ބިދޭސީ ފޯވާޑް ކިޕްސަން އަތުހިއޭ ނިއުއަށް ލީޑު ނަގައިދިނެވެ. މި ލަނޑު ޖެހީ އަހްމަދު އަބްދު (ލިލީ) ނަގައިދިން ހުރަހެއް ސެންޓޭ ކައިރީގައި ހުރި ކިޕްސަންއަށް ޖައްސާލުމުން މަޑުމަޑުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ލީޑު ފުޅާކުރަން ނިއުގެ ކަންޑޭލާއަށް ވަނީ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިޔާތެރޭގައި ހުރި ރިހާމް އަބްދުލްގަނީ ކަންޑޭލާއަށް ޖައްސާލިއިރު ބޭނުން ގޮތަކަށް ބޯޅަ ގޯލަށް ފޮނުވާލުމުގެ ފުރުސަތު ލިބުނެވެ. އެކަމަކު ކަންޑޭލާ ފޮނުވާލި ބާރު ބޯޅަ ބޭރަށް ދިޔައީ ގޯލާ އަމާޒު ނުވެއެވެ. އެއަށްފަހު 75 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) އަށްވެސް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިފައެވެ. ކުޑަ އޭރިޔާ ތެރެއިން ހަމްޕުއަށް ތިރީ ކަނަށް ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ ތިން މިނެޓުފަހުން  ފޯކައިދޫ ޓީމުގެ އަހުމަދު ވިޖުދާނަށް ވަނީ ދެވަނަ ރީނޑު ކާޑާއެކު ރަތްކާޑު ދައްކާފައެވެ. ރަތްކާޑުގެ ކުރިން ވިޖްދާން ބޯޅައިގައި އަތްލުމުން ލިބުނު ހިލޭ ޖެހުން ސެންޓޭ ފޮނުވާލުމުން ޖެހުނީ ގޯލުގެ ހުރަސް ދަނޑީގައެވެ. ނިއުން މެޗުގެ ދެވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ސެންޓޭ އެވެ. މި ޕެނަލްޓީ ލިބުނީ ބޯޅަ ހިފައިގެން ސެންޓޭ އޭރިޔާ ތެރެއަށް ވަނުމަށްފަހު ގޯލަށް ޖަހަން އުޅުނު ވަގުތު ފޯކައިދޫ ޓީމުގެ ހަސަން ނަޝީދު ސެންޓޭ އަށް ފައުލް ކުރުމުންނެވެ. ފުރަތަމަ ޕެނަލްޓީ ކީޕަރު މަތަކުރި ނަމަވެސް ދެވަނަ ޕެނަލްޓީ ސެންޓޭ ކާމިޔާބުކުރީ މަތީ ކަނަށް ވައްދާލައިގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނިއުގެ މެދުތެރޭގައި މޮޅު ކުޅުމެއްދެއްކި މުހައްމަދު އުމެއިރެވެ.

ލީގުގެ ދެވަނަ ބުރުގެ މެޗުތައް ދެން ކުޅޭނީ އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހުއެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ފޯކައިދޫ އެވެ. އެދުވަހުގެ ރޭ ކުޅޭ މެޗުގައި ނިއު ރޭޑިއަންޓާއި ޓީސީ ވާދަކުރާނެއެވެ. ހުކުރު ދުވަހު ހަވީރު ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ނިލަންދޫ ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި އީގަލްސް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *