ދަގަނޑޭގެ ހެޓްރިކުން ޓީސީއަށް ހަތަރު ޕޮއިންޓުގެ ލީޑެއް

Advertisement

ދަގަނޑޭގެ ހެޓްރިކުން ޓީސީއަށް ހަތަރު ޕޮއިންޓުގެ ލީޑެއް

ޢަލީ ޝަހީމް
މެޗުގެ ފުރަތަމަ ލަނޑު ދަގަނޑޭ ޖަހަނީ. ފޮޓޯ: އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ވިކްޓްރީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ޓީސީ ސްޕޯޓްސް ކްލަބް އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މިއަދުގެ މެޗު ޓީސީން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގައި ޓީސީގެ ހަތަރު ލަނޑުވެސް ޖެހީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މި މޮޅާއެކު ކުޅުނު 10 މެޗުން ޓީސީއަށް އެއްވަނަ ލިބެނީ 27 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ކްލަބް އީގަލްސް ދިހަ މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. ތިންވަނައިގައި މާޒިޔާ 22 ޕޮއިންޓާއެކު އޮތްއިރު 18 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް އޮތީ 18 ޕޮއިންޓާ އެކުއެވެ.

މިއަދުގެ މެޗުގައި ޓީސީގެ އިބްރާހީމް ވަހީދު ހަސަންގެ އިތުރުން އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި ކެޕްޓަން އަހްމަދު ފައްރާހު (ފައްރަ) އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެއް ނުވެއެވެ. ފައްރަގެ ބަދަލުގައި ކެޕްޓަން ބޭންޑް އަޅައިގެން މިއަދު ކުޅުނީ އަހްމަދު ރިލްވާން (ބެން) އެވެ. ޓީސީގެ ފޯވާޑް ލައިނުން މިއަދު ވަނީ ދުވަސްތަކަކަށްފަހު އަހްމަދު އާރިފް (އާރީ) އަށް ފުރުސަތު ދީފައެވެ.

ވިކްޓްރީ ޓީމުގެ ކެޕްޓަން ޝާފީ އަހްމަދު ފުރަތަމަ އެގާރައިގައި ހިމެނުނު ނަމަވެސް މިއަދުގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ގައުމީ ޓީމުގެ މިޑްފީލްޑަރ ހުސައިން ނިހާން (ނިހާޓް) އެވެ.

މެޗުގެ ފުރަތަމަ ފުރުސަތު ހަތްވަނަ މިނެޓުގައި ތަނަވަސް ކުރީ ޓީސީންނެވެ. އަރިމަތިން މުހައްމަދު ސާމިރު ނަގައިދިން ހުރަސް ދަގަނޑޭ ބޮލުން ޖެހުމުގެ ކުރިން ވިކްޓްރީގެ ކީޕަރު އިމްރާން މުހައްމަދު އެބޯޅަ ބޭރުކޮށްލިއެވެ. އޭގެ ދެމިނެޓު ފަހުން ސާމިރު އޭރިޔާ ތެރޭގައި ހުރެފައި ފޮނުވާލި ބޯޅަވެސް އިމްރާން ފަސޭހަ ކަމާއެކު މަތަކުރިއެވެ. ޓީސީގެ ދެ ހަމަލާއަށްފަހު ދެން ފެނުނީ ވިކްޓްރީގެ ހަމަލާއެކެވެ. 20 ވަނަ މިނެޓުގައި އެޓީމުގެ އަހުމަދު ރިޒްވާން އިސްމާއީލް އޭރިޔާ ބޭރުގައި ހުރެފައި ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ޓީސީގެ ފުރަތަމަ ލަނޑު ދަގަނޑޭ ޖެހީ 29 ވަނަ މިނެޓުގައެވެ. އޭރިޔާ ބޭރުން މުހައްމަދު އައްޒާމް ނަގައިދިން ބޯޅަ ފުރަތަމަ ލިބުނީ އާރީ އަށެވެ. އާރީ ފައިގައި ޖެހިފައި ދަގަނޑޭއަށް ލިބުނު ބޯޅަ ވަނީ އެއް ފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މި ލަނޑު ޖެހިއިރު ދަގަނޑޭ ހުރީ އޮފްސައިޑްގައި ކަމަށްބުނެ ވިކްޓްރީ ކުޅުންތެރިން މައްސަލަ ޖެއްސިއެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އައްޒާމް ނަގައިދިން ކޯނަރަކުން ޑިފެންޑަރު އަލާ ނާސިރު ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

ދެވަނަ ހާފު ފެށިގެން ފަނަރަ މިނެޓުތެރޭ ދަގަނޑޭ ވަނީ އިތުރު ތިން ލަނޑު ޖަހައިފައެވެ. މެޗުގައި ދަގަނޑޭގެ ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައެވެ. ސާމިރު ނަގައިދިން ހުރަހެއް އޭރިޔާ ތެރޭގައި ހުރި ސައްޓު، ދަގަނޑޭއަށް ޖައްސާލުމުން އެއްފަހަރުން އެބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލިއެވެ. ދަގަނޑޭ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 57 ވަނަ މިނެޓުގައި ވިކްޓްރީގެ ޑިފެންޑަރަކު ފަހަތަށް ޖައްސާލި ބޯޅައެއް ކީޕަރު އިމްރާނަށް ލިބުމުގެ ކުރިން އަތުލުމަށްފަހު ހުސް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އޭގެ ދެމިނެޓު ފަހުން ދަގަނޑޭ ވަނީ މެޗުގައި އޭނާގެ ހަތަރު ވަނަ ލަނޑު ޖަހައިފައެވެ. ދަގަނޑޭ މި ލަނޑު ޖެހީ އޭރިޔާ ބޭރުން ސައްޓުއަށް ލިބުނު ބޯޅަ ހުސްކޮށްލާފައި ދަގަނޑޭއަށް ދިނުމުން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އެވަގުތު ދަގަނޑޭ ކައިރީގައި ވިކްޓްރީއެއް އެއްވެސް ކުޅުންތެރިއަކު ނެތެވެ.

ހަތަރު ލަނޑުގެ ލީޑެއް ލިބުމުން ޓީސީން ވަނީ ރިލްވާންގެ ބަދަލުގައި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަދި އާރީގެ ބަދަލުގައި ފޭދޫ އިއްބެ ކުޅެން އަރުވައިފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ފޭދޫ އިއްބެ ފޮނުވާލި ބޯޅަ ކީޕަރު އިމްރާން މަތަކުރިއެވެ. އެއަށްފަހު މެޗުގެ 75 ވަނަ މިނެޓުގައި ޓީސީން ވަނީ އަލާ ނާސިރުގެ ބަދަލުގައި ޒުވާން ޑިފެންޑަރު އިނާން އަހުމަދު ކުޅެން އަރުވައިފައެވެ. އިނާން ކުޅެން އަރައި ލިބުނު ފުރަތަމަ ބޯޅަ އޭރިޔާ ތެރެއަށް ހުރަސްކޮށްލުމުން ލިބުނީ ސައްޓުއަށެވެ. ސައްޓު އެ ބޯޅަ ދެފަހަރުމަތިން ފޮނުވާލުމުންވެސް ހުރަހަކަށް ވީ ކީޕަރު އިމްރާނެވެ.

މެޗުގެ ފަހު ފަނަރަ މިނެޓުގައި ވިކްޓްރީން ވަނީ ކައުންޓަ އެޓޭކުގައި ގޯލެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. އެކަމަކު ގޯލާ ނުރައްކާ ކޮށް އެޓީމަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގެ އިތުރު ވަގުތުގައި ފަސްވަނަ ލަނޑެއް ޖަހަން ދަގަނޑޭއަށް ފުރުސަތެއް ލިބުނެވެ. އޭރިޔާ ތެރޭގައި ހުރި ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ދަގަނޑޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދަގަނޑޭ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ނިއު ރޭޑިއަންޓާއި ށ. ފޯކައިދޫ ވާދަކުރާނެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *