އިކާޑީގެ ލަނޑުން މިލާން ޑާބީ އިންޓައަށް

Advertisement

އިކާޑީގެ ލަނޑުން މިލާން ޑާބީ އިންޓައަށް

ޢަލީ ޝަހީމް
ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު އިކާޑީ. ފޮޓޯ: ޓްވިޓާ

މެޗުގެ ފަހު މިނެޓުގައި މައުރޯ އިކާޑީ ބޮލުން ވައްދާލި ލަނޑުން މިލާން ޑާބީ އިންޓަރ މިލާން ކާމިޔާބު ކޮށްފިއެވެ. ސެންސީރޯ ސްޓޭޑިއަމްގައި އިންޓަރ އާއި އޭސީ މިލާން ރޭ ކުޅުނު މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ އިންޓަރ އިންނެވެ.

ދެޓީމުގެ 222 ވަނަ ޑާބީގައި އިކާޑީ ލަނޑު ޖެހީ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި މަތިއަސް ވެޗީނޯ ނަގައިދިން ހުރަހަކުންނެވެ. މި ގޯލު އިކާޑީ ބޮލުން ޖެހީ މިލާނުގެ ދެ ޑިފެންޑަރުންގެ ދޭތެރެއިން އަރައި ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އަށް ފުރުސަތެއް ނުދީއެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އިންޓަރ ގެ ރަޒާ ނައިންގޮލާން ވަނީ އަނިޔާގެ ސަބަބުން ބަދަލު ކޮށްފައެވެ.

މިއީ 2013 ވަނަ އަހަރު އިންޓަރ މިލާނަށް ބަދަލުވިފަހުން އިކާޑީ އެޓީމަށް ޖަހައިދިން 124 ވަނަ ގޯލެވެ. ލީގުގައި އިންޓަރ އަށް އިކާޑީ ޖަހައިދިން 104 ގޯލަކީ އެޓީމުގެ ލެޖެންޑް ކިރިސްޓިއަން ވިއޭރީއަށް ވުރެ އެއްގޯލު އިތުރު އަދަދެކެވެ. 1999 އިން 2005 އަށް އިންޓަރ އަށް ކުޅުނު ވިއޭރީއަށް ލީގުގައި އެޓީމަށް ޖަހައިދީފައިވަނީ 103 ގޯލެވެ. އުމުރުން 25 އަހަރުގެ އިކާޑީ ވަނީ އެންމެ ފަހުން އެޓީމުން ޖެހި ނުވަ ގޯލުގެ ތެރެއިން ހަ ގޯލު ޖަހައި އެއްގޯލު ޖެހުމަށް އެހީތެރިވެދީފައެވެ. މިދިޔަ ސީޒަނުގައިވެސް މޮޅު ކުޅުމެއް ދެއްކި އިކާޑީ އަށް އާޖެންޓީނާގެ ގައުމީ ސްކޮޑުން ވޯލްޑް ކަޕްގައި ފުރުސަތު ނުލިބުމުން ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ.

މި މޮޅާއެކު އިންޓަރ ވަނީ 19 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ އަށް ކުރިއަށް ޖެހިލައިފައެވެ. ލީގުގެ އެއްވަނައިގައި 25 ޕޮއިންޓާއެކު އޮތީ ޔުވެންޓަސް އެވެ. ދެވަނައިގައި އޮތް ނަޕޯލީއަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވުމުން މިލާން އޮތީ 12 ޕޮއިންޓާއެކު 12 ވަނައިގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *