އާސެނަލަކީ ތައްޓަށް ވާދަކުރާ ޓީމެއް ނޫން: ޕުއެލް

Advertisement

އާސެނަލަކީ ތައްޓަށް ވާދަކުރާ ޓީމެއް ނޫން: ޕުއެލް

ޢަލީ ޝަހީމް

އިނގިރޭސި ކްލަބް އާސެނަލް މިވަގުތު ރަނގަޅު ފޯމެއްގައި އޮތަސް އެޓީމަކީ ތައްޓަށް ވާދަކުރާ ޓީމެއް ނޫންކަމަށް ލެސްޓާ ސިޓީގެ ކޯޗު ކްލައުޑް ޕުއެލް ބުނެފިއެވެ. ލީގުގައި މިރޭ އާސެނަލާއި ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕުއެލް ވަނީ އާސެނަލަށް ލީގު ލިބުމުގެ ފުރުސަތު ކުޑަނަމަވެސް މި ސީޒަނުގައި އެޓީމުގެ ކޯޗުކަމާއި ހަވާލުވި އުނައި އެމެރީ އަށް ތައުރީފް ކޮށްފައެވެ.

“ފުރަތަމަ ދެމެޗުން ބަލިވެގެން އެމެރީ ފެށީ އުނދަގޫތަކަކާއެކު. އެކަމަކު އެމީހުންގެ މަސައްކަތުން މޮޅަށް ކުޅެ ކަޕް މެޗުތަކާއި ޔޫރޮޕާ ލީގާއި ޕްރިމިއާ ލީގުގައިވެސް އެޓީމު ދަނީ މޮޅުވަމުން” ޕުއެލް ބުންޏެވެ.

Advertisement

އެމެރީގެ އިރުޝާދުގެ ދަށުން ސީޒަނުގެ ފުރަތަމަ ދެމެޗުން އާސެނަލް ބަލިވި ނަމަވެސް އޭގެ ފަހުން ހުރިހާ މުބާރާތެއްގައި ކުޅުނު ނުވަ މެޗުންވެސް އެޓީމު ވަނީ މޮޅުވެފައެވެ. މިވަގުތު ރަނގަޅު ފޯމެއްގައި އޮތްއިރު އެޓީމުން އަންނަނީ ގިނަ ގޯލުތަކެއްވެސް ޖަހަމުންނެވެ. ލީގުގައި މިހާތަނަށް ކުޅުނު އަށްމެޗުން ހޯދި 18 ޕޮއިންޓާއެކު ލީގު ތާވަލުން އެޓީމަށް ލިބެނީ ފަސްވަނަ އެވެ. މިރޭގެ މެޗު ކާމިޔާބު ކޮށްގެން އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާއި ދެ ޕޮއިންޓް ކައިރިއަށް އެޓީމަށް ޖެހިލެވޭނެއެވެ.

“އެންމެ ފަހުން ކުޅުނު ނުވަ މެޗުން މޮޅުވުމަކީ ވަރަށް ބޮޑު ކާމިޔާބެއް. އެމީހުންގެ ކުޅުމުގައި އިތުބާރު އޮވޭ. އެމީހުންނަށް އެ އިތުބާރު ކުރިއަށް އޮތްތަނުގައި ބޮޑުވެސް ކުރެވިދާނެ. އެކަމަކު ތަށި ހޯދަން އަހަރެންނަކަށް ހިއެއް ނުވޭ. މިއީ އަދި ސީޒަނުގެ ކުރީކޮޅު. ޕްރިމިއާ ލީގަކީ ބައިވަރު ގޮތްތައް އޮންނަ ލީގެއް” އާސެނަލަށް ލީގު ހޯދިދާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޕުއެލް ބުންޏެވެ.

އާސެނަލަށް ތަށި ހޯދުމުގެ ފުރުސަތު ކުޑަނަމަވެސް ޕުއެލް ބުނީ އާސެން ވެންގާ ކަހަލަ މެނޭޖަރަކު ދިއުމަށްފަހު އެމެރީގެ ފުރަތަމަ ސީޒަނުގައި އާސެނަލް ދައްކަނީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ.

“އޭނަ އެ އަދާކުރަނީ ވަރަށް ފުރިހަމަ ވަޒީފާއެއް. އާސެން ވެންގާ އަތުން ޓީމު ނަގައިގެން މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން. އެހާބޮޑު ޕްރެޝަރަކާއެކުވެސް އެމީހުންގެ ފެށުން ވަރަށް ރަނގަޅު ކޮށްފި. އެމެރީގެ މަސައްކަތުގެ ކުޅަދާނަ ކަމަށް އަހަރެން ވަރަށް އިހުތިރާމް ކުރަން” ޕުއެލް ބުންޏެވެ.

ލީގުގައި ލެސްޓާ ސިޓީ އޮތީ 12 ޕޮއިންޓާއެކު 11 ވަނައިގައެވެ. އާސެނަލްގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12:00 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *