ރިޒޭ އާއި ނާއިމްގެ ހެޓްރިކާއެކު އީގަލްސް އަށް ބޮޑު މޮޅެއް
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ފ. ނިލަންދޫ 8-0 އިން ބަލިކޮށް ކްލަބް އީގަލްސް އިން ދެވަނަ ބުރުގެ ފެށުން ރަނގަޅު ކޮށްފިއެވެ. އަށް ލަނޑުން މިރޭ އީގަލްސް މޮޅުވިއިރު އަހުމަދު ރިޒުވާން (ރިޒޭ) އާއި މުހައްމަދު ނާއިމް ވަނީ ހެޓްރިކް ހަދައިފައެވެ. މިއީ ރިޒޭ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ހެދި ހަތަރު ވަނަ ހެޓްރިކެވެ.
ފުރަތަމަ ބުރުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ރިޒޭ ހެޓްރިކް ހެދީ ށ. ފޯކައިދޫއާއި ތ. ތިމަރަފުށީގެ އިތުރުން ބ. ފެހެންދޫ ކޮޅަށެވެ. ފުރަތަމަ ބުރުގެ ފަހު މެޗުގައި ނިލަންދޫ ކޮޅަށް ދެ ލަނޑު ޖެހިނަމަވެސް ހެޓްރިކް ހަދަން ޖެހި ލަނޑު ބަލާފައިވަނީ ނިލަންދޫ ކުޅުންތެރިން ބައިކޮޅަށް ޖެހި ގޯލެއް ގޮތަށެވެ. ނަމަވެސް އެ ލަނޑުގެ ވީޑިއޯ ބެލުމުން ފާހަގަ ކުރެވެނީ އެއީ ރިޒޭ ޖެހި ލަނޑެއް ގޮތަށެވެ. މިރޭ ހެޓްރިކް ހެދި ނާއިމް އަކީވެސް ފަހަކަށް އައިސް އީގަލްސް އަށް ގިނަ ލަނޑުތަކެއް ޖަހައިދެމުން އަންނަ ކުޅުންތެރިއެކެވެ.
މިރޭގެ މެޗުން މޮޅުވުމުން އީގަލްސް ވަނީ 23 ޕޮއިންޓާއެކު އަލުން ދެވަނަ މަގާމަށް ޖެހިލައިފައެވެ. ލީގުގެ އެއްވަނައިގައި 24 ޕޮއިންޓާއެކު އޮތީ އެއްމެޗު މަދުން ކުޅެފައިވާ ޓީސީ ސްޕޯޓްސް ކްލަބެވެ. މާދަމާ ހަވީރު އެޓީމު ވިކްޓްރީ ސްޕޯޓްސް ކްލަބާއި ކުޅޭމެޗު ކާމިޔާބު ކޮށްގެން އެއްވަނައިގެ ލީޑު ހަތަރު ޕޮއިންޓަށް ހެދުމުގެ ފުރުސަތު އެބައޮތެވެ. ލީގުގެ ތިންވަނައިގައި 22 ޕޮއިންޓާއެކު އޮތީ މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް ބަލިކުރި މާޒިޔާ އެވެ. ހަތަރު ވަނައިގައި 18 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް އޮތްއިރު ފަސްވަނައިގައި ގްރީން ސްޓްރީޓްސް އޮތީ 17 ޕޮއިންޓާއެކުއެވެ. މިރޭގެ މެޗުން ބަލިވުމުން ނިލަންދޫއަށް ތާވަލުގައި ކުރި ނުލިބި އޮތީ އަށްވަނައިގައެވެ.
އީގަލްސް ޓީމުން މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ޑިފެންޑަރު އަހްމަދު ނޫމާން (ހެލްމެޓް) ހިމަނާފައެއް ނުވެއެވެ. އަދި ދެކާޑު ހަމަވުމުގެ ސަބަބުން އެޓީމުގެ މުހައްމަދު އާރިފް (ބަކާ) ހުރީ ސަސްޕެންޝަނުގައެވެ. ނިލަންދޫ ޓީމުގެ އަހްމަދު ސާޖިދު ދެކާޑު ހަމަވުމުގެ ސަބަބުން މިރޭގެ މެޗަށް ސަސްޕެންޑް ވެފައިވާއިރު އެންމެ ފަހުން ކުޅުނު މެޗުގައި ޓީމުގައި ހިމެނިފައިނުވާ އާދިލް އަލީ ވަނީ މިރޭގެ މެޗުގައި ކުޅެފައެވެ.
އީގަލްސް އިން ވަނީ މިރޭގެ މެޗުގެ ކޮންމެ ހާފެއްގައި ހަތަރު ލަނޑު ޖަހައިފައެވެ. މެޗުގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ޖެހީ ޑިފެންޑަރު ހުސައިން ސިފާއު ޔޫސުފް އެވެ. ދެވަނަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި މުހައްމަދު ނާއިމް ޖެހިއިރު އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ތިންވަނަ ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ ކޮމިލޮވް އަބްދުރަސުލް އެވެ. ކޮމިލޮވްގެ ލަނޑަށް ފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން ނާއިމް ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ޖަހައިފައެވެ.
ދެވަނަ ހާފުގައި އީގަލްސްއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ރިޒޭ އެވެ. ރިޒޭ ފުރަތަމަ ލަނޑު ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި ޖެހިއިރު ދެވަނަ ލަނޑު ޖެހީ މެޗުގެ 58 ވަނަ މިނެޓުގައެވެ. މެޗުގައި ރިޒޭގެ ހެޓްރިކް ފުރިހަމަ ކުރީ 80 ވަނަ މިނެޓުގައެވެ. އީގަލްސްގެ އަށްވަނަ ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖަހައި ނާއިމްވެސް ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނާއިމް އެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ވިކްޓްރީ އެވެ. އަދި މާދަމާރޭ ނިއު ރޭޑިއަންޓާއި ށ. ފޯކައިދޫ ކުޅޭނެއެވެ.
Advertisement
Leave a Reply