ފަހަތުން އަރައި މޮޅުވެ މާޒިޔާ ދެވަނައަށް

Advertisement

ފަހަތުން އަރައި މޮޅުވެ މާޒިޔާ ދެވަނައަށް

ޢަލީ ޝަހީމް
މާޒިޔާގެ ސްޓެވާޓް ގްރީންގެ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން ދަނީ. ފޮޓޯ: އިމޭޖަސް އެމްވީ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް މޮޅުވެފައި އޮއްވައި ފަހަތުން އަރައި ޖެހި ތިންގޯލުން މާޒިޔާ މޮޅުވެއްޖެއެވެ. 2-1 އިން ބަލިވެފައި އޮއްވައި މާޒިޔާއިން ތިންލަނޑު ޖަހައި މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްލީ ފަހު 10 މިނެޓުގައެވެ. ދެވަނަ ބުރުގެ ފުރަތަމަ މޮޅާއެކު މާޒިޔާ ވަނީ 22 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވުމުން ގްރީން ސްޓްރީޓްސް އޮތީ 17 ޕޮއިންޓާއެކު ފަސްވަނައިގައެވެ.

މެޗުގެ ފުރަތަމަ ލަނޑު ފަސްވަނަ ވަނަ މިނެޓުގައި ޖެހީ ގްރީން ސްޓްރީޓްސްގެ ބިދޭސީ ކުޅުންތެރިޔާ ރޮލާންޑް ރަސެލް ބިލާލާ އެވެ. ރަސެލް މި ލަނޑު ޖެހީ އެޓީމުގެ އަހްމަދު ރިލްވާން ނަގައިދިން ކޯނަރަކުން ބޮލުންނެވެ. ގްރީން ސްޓްރީޓްސްގެ ލަނޑަށް ފަހު މާޒިޔާއިން ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މާޒިޔާއިން މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ނާއިޒް ހަސަން (ދާދު) އެވެ. އޭރިޔާ ބޭރުގައި ހުރެފައި ދާދު ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. އޭގެ މިނެޓެއްފަހުން މާޒިޔާގެ ޑިފެންޑަރުން ހެދި ގޯހަކުން ރަސެލްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭރިޔާތެރޭގައި ހުސްކޮށްހުރެ ރަސެލްއަށް ބޯޅަ ގޯލަށް ފޮނުވާނުލެވުނީ ހަރަކާތް ލަސްވުމުންނެވެ. އެއަށްފަހު 19 ވަނަ މިނެޓުގައި ދެން ފެނުނީ މާޒިޔާގެ ހަމަލާއެކެވެ. އެޓީމަށް ލިބުނު ކޯނަރަކުން އަހްމަދު އިމާޒް (އާއްކޮ) ބޮލުން ޖެހި ބޯޅަ ނުކުތީ ދަނޑީގައި ޖެހިފައެވެ.

Advertisement

މާޒިޔާއިން މެޗުގައި އެއްވަރުކުރި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ޖެހީ ޔަސްފާދު ހަބީބު ނަގައިދިން ކޯނަރަކުން މުހައްމަދު އިރުފާން އެވެ. އޭގެ ތިން މިނެޓު ފަހުން ކޮނޭލިޔަސް ސްޓެވާޓް ނަގައިދިން ހުރަހަކުން މާޒިޔާގެ ޔަސްފާދަށް ބޮލުން ޖަހަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އާއްކޮ ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު އިބްރާހީމް ލަބާން ޝަރީފް ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުގައި ގްރީން ސްޓްރީޓްސް އިން ލީޑު ނެގީ މެޗުގެ 61 ވަނަ މިނެޓުގައި ރިލްވާން ފޮނުވާލި ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. ގްރީން އިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގުމުން ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) ވަނީ 72 ވަނަ މިނެޓުގައި ދެ ބަދަލެއް ގެނެސްފައެވެ. އަހްމަދު ޖުނައިދުގެ ބަދަލުގައި އިސްމާއީލް އީސާ ކުޅެން ނުކުތްއިރު އާއްކޮގެ ބަދަލުގައި ކުޅެން ނުކުތީ އަސަދުﷲ އަބްދުﷲ އެވެ.

މާޒިޔާގެ ދެވަނަ ގޯލާއި ތިންވަނަ ގޯލު ޖެހީ ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓެވެ. 80 ވަނަ މިނެޓުގައި ސްޓެވާޓް ފުރަތަމަ ލަނޑު ޖެހީ ދާދު ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ގްރީންގެ ކީޕަރު ލަބާނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސްޓެވާޓް މާޒިޔާގެ ތިންވަނަ ލަނޑު ޖެހީ 88 ވަނަ މިނެޓުގައެވެ. ސްޓެވާޓް މި ލަނޑު ޖެހީ ޔަސްފާދު ފޮނުވާލި ބޯޅައެއް ލަބާން މަތަކުރުމަށްފަހު އަތުން ދޫވި ގަޑީގައި ހުސްގޯލެއްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މާޒިޔާއިން މެޗުގައި ލީޑު ނެގުމުން ގްރީން އިން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި ލަނޑެއް ޖަހަން މަސައްކަތް ކޮށްފައެވެ. މެޗުގެ އިތުރު ވަގުތުގައި ގްރީންގެ ސަމްދޫހު މުހައްމަދު ފޮނުވާލި ބޯޅަ ޖެހުނީ ދަނޑީގައެވެ. ސަމްދޫހުގެ ހަމަލާއަށްފަހު މެޗުގެ އިތުރު ވަގުތުގައި މާޒިޔާއިން ހަތަރު ވަނަ ލަނޑު ޖެހީ އުފެއްދި ކައުންޓާ އެޓޭކެއްގައި އަސަދުﷲ އެވެ. ދާދު ދިން ބޯޅަ އަސަދުﷲ މި ގޯލުޖެހީ ހާފު މެދުން ލިބުނު ބޯޅަ ހިފައިގެން ގޮސް ކީޕަރު ކުރިއަށް އެރި ވަގުތު ޗިޕެއް ގޮތަށް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާއަށް ދެ ލަނޑު ޖަހައިދިން ސްޓެވާޓެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ފ. ނިލަންދޫ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *