މެސީއަށް އަނިޔާވެ ސަޕޯޓަރުންނަށް މާޔޫސްކަން

Advertisement

މެސީއަށް އަނިޔާވެ ސަޕޯޓަރުންނަށް މާޔޫސްކަން

ޢަލީ ޝަހީމް
ރޭގެ މެޗުގައި މެސީއަށް އަނިޔާވުމުން ބާލަނީ. ފޮޓޯ: ޓްވިޓާ

ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާއާ ވާދަކޮށް 4-2 އިން މޮޅުވެ ބާސެލޯނާ ތާވަލުގެ އެއްވަނައަށް އެރިނަމަވެސް ލިއޮނަލް މެސީއަށް އަނިޔާވުމުން ސަޕޯޓަރުން މާޔޫސްކޮށްލައިފިއެވެ.

މެސީއަށް އަނިޔާވީ މެޗުގެ 26 ވަނަ މިނެޓުގައި ސެވިއްޔާގެ ފްރާންކޯ ވަސްކުއޭޒާއި އެކު ބޯޅައަކަށް އެރި ވަގުތު ވެއްޓިގެންނެވެ. ރިޕޯޓުތައް ބުނާގޮތުން މެސީގެ އަތުގައި ވަނީ ރެނދެއް ލައިފައެވެ. މި އަނިޔާގެ ސަބަބުން ތިން ހަފްތާއަށް މެސީ ކުޅުމާ ދުރަށް ދާންޖެހޭނެ ކަމަށް ބެލެވޭއިރު މި ހަފްތާގެ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާއި ދެކޮޅަށް ކުޅޭ މެޗާއި ސްޕެނިޝް ލީގުގައި އަންނަ ހަފްތާ ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗުގައި މެސީ ނުފެންނާނެއެވެ. އެލް-ކްލެސިކޯ މެޗަށް މެސީއަށް އަނިޔާވުމުން މިއީ އަހަރުތަކަކަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯއާއި މެސީ ނެތި މި ދެޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. ރޮނާލްޑޯ ވަނީ މި ސީޒަނަށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވެފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ދެވަނަ މިނެޓުގައި ޖެހީ ފިލިޕް ކުޓީނިއޯ އެވެ. އެއަށްފަހު ބާސެލޯނާއަށް މެޗުގެ 12 ވަނަ މިނެޓުގައި މެސީ ލީޑު ފުޅާކޮށްދިނެވެ. ރޭގެ ލަނޑަކީ ސްޕެނިޝް ލީގުގައި މެސީ ބާސެލޯނާއަށް ޖަހައިދިން 390 ވަނަ ލަނޑެވެ. ބާސެލޯނާގެ ތިންވަނަ ލަނޑު 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ލުއިސް ސުއަރޭޒް އެވެ. ބާސާއިން ތިން ގޯލުގެ ލީޑެއްގައި އޮއްވައި އެޓީމު ކްލެމެން ލެންގްލޭ އަތުން ބައިކޮޅަށް ވަން ގޯލަކުން ސެވިއްޔާއަށް އުއްމީދެއް ލިބުނެވެ. އޭގެ ފަހުން ބާސާގެ ހަތަރު ވަނަ ލަނޑު މެޗުގެ ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ އިވާން ރަކިޓިޗް އެވެ. ރަކިޓިޗްގެ މި ގޯލަށްފަހު ސެވިއްޔާގެ ލުއިސް މުރިއެލް ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްލާފައެވެ.

ލީގުގައި ރޭ ކުޅުނު މެޗުންވެސް ބަލިވެ ރެއާލް މެޑްރިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަމިއްލަ ދަނޑުގައި ރޭ އެޓީމު ބަލިވީ ލެވަންޓޭ އާ ވާދަކޮށް 2-1 އިންނެވެ. މެޗުގައި ލެވަންޓޭގެ ދެގޯލުވެސް ޖެހީ ފުރަތަމަ 13 މިނެޓުގައެވެ. މެޗުގެ ހަވަނަ މިނެޓުގައި ފުރަތަމަ ލަނޑު ލުއިސް މޮރަލެސް ޖެހިއިރު 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ދެވަނަ ލަނޑު ޖެހީ ރޮޖާ މާޓީ އެވެ. ރެއާލްގެ ހަމައެކަނި ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ޖެހީ ޑިފެންޑަރ މާސެލޯ އެވެ. ރޭގެ މެޗުން ބަލިވުމުން މިއީ އެޓީމު މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލި ފަސްވަނަ މެޗެވެ.

އެންމެ ފަހުން ލީގުގައި އެޓީމު ކުޅުނު މެޗުތަކުގެ ތެރެއިން ސެވިއްޔާ އަދި ޑިޕޯޓިވޯ އަލަވެސް އަތުން ވަނީ ބަލިވެފައެވެ. އަދި އަމިއްލަ ދަނޑުގައި އެތްލެޓިކޯ މެޑްރިޑާއި ވާދަކުރި މެޗު އެއްވަރުވިއިރު ޗެމްޕިއަންސް ލީގުގައި ރަޝިޔާގެ ސީއެސްކޭ މޮސްކޯ އަތުން ވަނީ ބަލިވެފައެވެ.

ރޭ ކުޅުނު މެޗުތަކަށްފަހު 18 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ބާސެލޯނާއެވެ. 17 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ޑިޕޯޓިވޯ އަލަވެސް އަށް ލިބޭއިރު ތިންވަނައިގައި 16 ޕޮއިންޓާއެކު އޮތީ ސެވިއްޔާއެވެ. ފައިދާ ގޯލުގެ ތަފާތުން 16 ޕޮއިންޓް ހޯދައި އެތްލެޓިކޯ މެޑްރިޑް ހަތަރު ވަނައިގައި އޮތްއިރު ފަސްވަނައިގައި ރެއާލް މެޑްރިޑް އޮތީ 14 ޕޮއިންޓާއެކުއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *