އޮންރީގެ ފުރަތަމަ މެޗުން މޮނާކޯ ބަލިވެއްޖެ
މޮނާކޯގެ ކޯޗުކަމުގެ މަގާމަށް ދާދިފަހުން ހަމަޖެއްސި ތިއަރީ އޮންރީ ފްރާންސް ލީގުގައި އިރުޝާދުދިން ފުރަތަމަ މެޗުން އެޓީމު ބަލިވެއްޖެއެވެ. ރޭ ރަށުން ބޭރުގައި ސްޓްރެސްބާގާއި ވާދަކުރި މެޗުން އެޓީމު ބަލިވީ 2-1 އިންނެވެ.
މި މެޗުން ބަލިވުމުން 17-2016 ވަނަ އަހަރުގެ ފްރާންސް ލީގު ކާމިޔާބު ކުރި މޮނާކޯ އޮތީ ހަ ޕޮއިންޓާއެކު ލީގުގެ ފަހަތުން ދެވަނައިގައެވެ. ލީގުގެ ފުލުގައި އޮތް ގުއިންގާންޕަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު މޮނާކޯއަށް 19 ވަނަ ލިބެނީ ގެއްލުން ގޯލު މަދުވުމުންނެވެ.
މޮނާކޯ ކޮޅަށް ސްޓްރެސްބާގުން ފުރަތަމަ ގޯލު ޖެހީ މެޗުގެ 17 ވަނަ މިނެޓުގައެވެ. ކީޕަރު ހެދި ގޯހަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޑްރިއަން ތޮމަސަން އެވެ. އެއް ލަނޑުން ބަލިވެފައި އޮއްވައި މޮނާކޯއަށް މައްސަލަތައް ކުރިމަތިވީ މެޗުގެ 66 ވަނަ މިނެޓުގައި އެޓީމުގެ ސަމުއެލް ގްރަންޑްސާ އަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. އެކަކު މަދުކޮށް ކުޅުނު މޮނާކޯ ކޮޅަށް މެޗުގެ 84 ވަނަ މިނެޓުގައި ދެވަނަ ގޯލު ޖެހީ ލެބޯ މޮތިބޯ އެވެ. މޮނާކޯގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އޮންރީއާއެކު ބެލްޖިއަމްގައި މަސައްކަތްކުރި ޔޫރީ ޓެއިލަމަންސް އެވެ.
މި މެޗުން ބަލިވުމުން ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 11 މެޗުންވެސް މޮނާކޯއަށް މޮޅެއް ލިބިފައެއް ނުވެއެވެ. ދިހަ މެޗުން މިހާތަނަށް ލިބުނު ހަ ޕޮއިންޓަކީ 54-1953 ގެ ފަހުން އެ ކްލަބުގެ އެންމެ ދަށް ފެށުމެވެ.
މޮނާކޯ އިން އުމުރުން 41 އަހަރުގެ ތިއަރީ އޮންރީ މަގާމަށް ހަމަޖެއްސީ އެޓީމު ކޯޗުކަމުގައި ހުރި ލެއޮނާޑޯ ޖާޑިމަށް މި ސީޒަނުގައި ނަތީޖާ ނުނެރެވޭތީ އެވެ. މަގާމާ ހަވާލުވުމަށްފަހު އޮންރީ ބުނީ މޮނާކޯގެ ހާލަތު ބަދަލުކުރަން އޭނާއަށް ހުރިހާ ކުޅުންތެރިންގެ އެހީތެރިކަންވެސް މުހިއްމު ވާނެކަމަށެވެ.
ފުޓްބޯޅަ ކެރިއަރު މޮނާކޯއިން ފެށި އޮންރީ ވަނީ 1997 ވަނަ އަހަރު އެޓީމަށް ފްރާންސް ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެއަށްފަހު އާސެނަލް އަދި ބާސެލޯނާއަށްވެސް ކުޅުނު އޮންރީ ކޯޗިން ކެރިއަރު ފެށީ އާސެންލަގް ޔޫތް ޓީމުންނެވެ. މޮނާކޯގެ ކޯޗުކަމާއި ހަވާލުވުމުގެ ކުރިން 2016 ވަނަ އަހަރުން ފެށިގެން އޮންރީ ހުރީ ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ އެސިސްޓަންޓެއްގެ ގޮތުގައެވެ.
Advertisement
Leave a Reply