ރޮނާލްޑޯގެ ތާރީހީ ލަނޑުން ޔުވެންޓަސްއަށް ޕޮއިންޓެއް

Advertisement

ރޮނާލްޑޯގެ ތާރީހީ ލަނޑުން ޔުވެންޓަސްއަށް ޕޮއިންޓެއް

ޢަލީ ޝަހީމް

އިޓަލީ ލީގުގައި ރޭ ކްރިސްޓިއާނޯ ޖެހި ގޯލާއެކު ޔުވެންޓަސް ޕޮއިންޓަކުން ފުއްދާލައިފިއެވެ. ޔުވެންޓަސްގެ ދަނޑުގައި ރޭ ޖެނޯއާއާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ރޭގެ މެޗުގެ ކުރިން ލީގުގައި ކުޅުނު އަށް މެޗުންވެސް ޔުވެންޓަސް ވަނީ މޮޅުވެފައެވެ. ރޭ ޔުވެންޓަސްގެ ހަމައެކަނި ގޯލު މެޗުގެ 18 ވަނަ މިނެޓުގައި ރޮނާލްޑޯ ޖަހައިދިންއިރު މިއީ ޔޫރަޕްގެ ލީގުތަކުގައި އޭނާ ޖެހި 400 ވަނަ ގޯލެވެ. ރޭގެ ލަނޑާއެކު ރޮނާލްޑޯ ވެފައިވަނީ ޔޫރަޕްގެ ލީގުތަކުގައި 400 ގޯލު ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ރޮނާލްޑޯ ވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ ޖޯޒީގައި އިނގިރޭސި ޕްރިމިއަރ ލީގުގައި 84 ގޯލު އެ ކްލަބަށް ޖަހައިދީފައެވެ. އަދި ރެއާލް މެޑްރިޑްގައި ހޭދަކުރި ނުވަ ސީޒަނުގައި ރޮނާލްޑޯ ވަނީ ލަލީގާގައި 311 ގޯލު ޖަހައިފައެވެ. ރޮނާލްޑޯ 400 ވަނަ ލަނޑު ރޭ ހަމަކުރިއިރު ޔުވެންޓަސްގައި މިހާތަނަށް އޭނާ ވަނީ ލީގުގައި ފަސް ގޯލު ޖަހައިފައެވެ.

Advertisement

ރޮނާލްޑޯގެ ފަހަތުން ޔޫރަޕްގެ ލީގުތަކުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ލިއޮނަލް މެސީ އެވެ. ބާސެލޯނާގެ ޖާޒީގައި މެސީ ވަނީ އެ ކްލަބަށް 390 ގޯލު ޖަހައިދީފައެވެ.

ރޮނާލްޑޯގެ ލަނޑުން ޔުވެންޓަސް ލީޑު ނެގިގަނަވެސް މެޗުގެ 67 ވަނަ މިނެޓުގައި ޖެނޯއާގެ ޑެނިއަލް ބެއްސާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ރޭގެ މެޗަށްފަހު ތާވަލުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ 25 ޕޮއިންޓާއެކުއެވެ. ލީގުގެ ދެވަނަގައި 21 ޕޮއިންޓާއެކު އޮތީ ރޭ އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރި ނަޕޯލީއެވެ. ރޭގެ މެޗުގައި ޔުވެންޓަސް ޓީމުން 21 ޝޮޓް ގޯލާ އަމާޒުކޮށް ފޮނުވާލިއިރު ގޯލާއި ދިމާލަށް އަމާޒުކޮށް ފޮނުވާލެވުނީ ހަމައެކަނި ރޮނާލްޑޯ ފޮނުވާލި ތިން ހަމަލާއެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ޔުވެންޓަސް މި ހަފްތާގައި ދެން ކުޅޭނީ ޗެމްޕިއަންސް ލީގުގެ މެޗެކެވެ. މި މެޗުގައި ޔުވެންޓަސް ނުކުންނާނީ ރޮނާލްޑޯގެ ކުރީގެ ޓީމް މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *