ސިޓީން ފެންވަރު ދައްކާލައިފި، ލިވަޕޫލަށް އުނދަގޫ މޮޅެއް

Advertisement

ސިޓީން ފެންވަރު ދައްކާލައިފި، ލިވަޕޫލަށް އުނދަގޫ މޮޅެއް

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީ 5-0 އިން ބާންލީ ބަލިކުރިއިރު ރަށުން ބޭރުގައި ހަޑަސްފީލް ޓައުންއާއި ވާދަކުރި މެޗުން 1-0 އިން ލިވަޕޫލް މޮޅުވެއްޖެއެވެ.

އިއްޔެ ހަވީރު މެންޗެސްޓަރ ޔުނައިޓެޑާއި ކުޅުނު މެޗުގައި ފަހު ވަގުތު އެއްވަރުކޮށް ލިބުނު ޕޮއިންޓާއެކު ސިޓީއާއި ލިވަޕޫލްގެ ފަހަތުން ޗެލްސީ އޮތީ ތިންވަނައިގައެވެ. ލީގުގެ އެއްވަނައާއާއި ދެވަނައިގައި އޮތް ސިޓީއާއި ލިވަޕޫލަށްވެސް ވަނީ 23 ޕޮއިންޓް ލިބިފައެވެ. އެކަމަކު ފައިދާ ގޯލުގެ ތަފާތުން އެއްވަނަ ލިބެނީ ސިޓީއަށެވެ.

Advertisement

ރޭގެ މެޗުގައި ސިޓީން ޖެހި ފަސް ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޑޭވިޑް ސިލްވާގެ އެހީތެރިކަމާއެކު ޖެހީ ސާޖިއޯ އަގުއޭރޯ އެވެ. ސިޓީގެ އަނެއް ހަތަރު ލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާގެ ޕާހަކުން ބެނާޑޯ ސިލްވާ ދެވަނަ ލަނޑު ޖެހިއިރު ތިންވަނަ ލަނޑު އޭގެ ދެމިނެޓު ފަހުން ޖެހީ ބްރެޒިލްގެ ފެނާންޑީނިއޯ އެވެ. މެޗުގެ ފަހު ދިހަ މިނެޓުގައި ސިޓީގެ ހަތަރު ވަނަ ލަނޑާއި ފަސްވަނަ ލަނޑު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރިޔާދް މާރޭޒް އާއި ލެރޯއީ ސާނޭ އެވެ. އޭރިޔާ ބޭރުން މާރޭޒްގެ ހިތްގައިމު ލަނޑު ޖެހީ މެޗުގެ 83 ވަނަ މިނެޓުގައެވެ. ސިޓީގެ ފަހު ލަނޑު މެޗުގެ ފަހު މިނެޓުގައި ޖެހީ ސާނޭ އެވެ.

ރޭ ލިވަޕޫލުން ހަޑަސްފީލްޑް ބަލިކުރީ މެޗުގެ 24 ވަނަ މިނެޓުގައި ޒެރްދާން ޝަގީރީގެ ތަނަވަސްކޮށްދިން ފުރުސަތެއްގައި މުހައްމަދު ސަލާހް ޖެހި ގޯލުންނެވެ. މިއީ އިނގިރޭސި ފުޓްބޯޅައިގައި ސަލާހް ޖެހި 50 ވަނަ ގޯލެވެ. މިދިޔަ ސީޒަނުގައި ހުރި ލަނޑު ޖެހުމުގެ ފޯމު މި ސީޒަނުގައި މިހާތަނަށް ސަލާހްގެ ފަރާތުން ފެނިފައެއް ނުވެއެވެ. ރޭގެ މެޗުގެ ކުރިން ކުޅުނު ހަތަރު މެޗުގައިވެސް ސަލާހް އަށް ގޯލެއް ޖެހިފައެއް ނުވެއެވެ. ރޭގެ މެޗުން ލިވަޕޫލް މޮޅުވި ނަމަވެސް ހަޑަސްފީލްޑުން ވަނީ މޮޅަށް ކުޅެ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ރަށުން ބޭރުގައި 1-0 އިން ވެސްޓް ހަމް ޔުނައިޓެޑް 1-0 އިން ބަލިކޮށްފައެވެ. ޓޮޓެންހަމްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ޖެހީ އާޖެންޓީނާގެ އެރިކް ލަމޭލާ އެވެ. މި މޮޅާއެކު އެޓީމު ވަނީ ތާވަލުގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެންމެ ފަހުން ކުޅުނު ހަ މެޗުންވެސް ބަލިވެފައިނުވާ ވުލްވްސް ވަނީ ރޭ އަމިއްލަ ދަނޑުގައި ވެޓްފޯޑް އަތުން 2-0 އިން ބަލިވެފައެވެ. ރޭގެ މެޗުން ބަލިވުމުން ވުލްވްސް އޮތީ 15 ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *