ޕޮލިސް ފައިނަލަށް، ހުޅުމާލެ ތިންވަނަ ސެމީއަށް

Advertisement

ޕޮލިސް ފައިނަލަށް، ހުޅުމާލެ ތިންވަނަ ސެމީއަށް

ޢަލީ ޝަހީމް
އިއްޔެ ހަވީރު ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޕޮލިސް ކްލަބްގެ މުރާދު ޖީހާން. ފޮޓޯ: ވޮލީބޯޅަ އެސޯސިއޭޝަން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޕޮލިސް ކްލަބް ހޯދިއިރު ހުޅުމާލެ ސްޕޯޓްސް ކްލަބް ތިންވަނަ ސެމީއަށް ދަތުރު ކޮށްފިއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ޕޮލިސް ދަތުރުކުރި ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕޮލިސް ނުކުތީ ގްރޫޕް ބީގެ އެއްވަނަ ހޯދި ދިވެހި ސިފައިންގެ ކްލަބާއި ދެކޮޅަށެވެ. ވާދަވެރި ކުޅުމަކަށްފަހު ޕޮލިސް މި މެޗު ކާމިޔާބު ކުރީ ތިންސެޓު ދެސެޓުންނެވެ.

Advertisement

މެޗުގެ ފުރަތަމަ ސެޓު 18-25 އިން ގެންދިޔައީ ޕޮލިސް ޓީމެވެ. ފުރަތަމަ ސެޓު ޕޮލިސް ގެންދިޔަ ނަމަވެސް ސިފައިންގެ ކްލަބުން ވަނީ ފަހަތުން އަރައި ދެ ސެޓު ގެންގޮސް އެޓީމު ކޮޅަށް މެޗު އަނބުރާލައިފައެވެ. މެޗުގެ ދެވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 25-23 ސިފައިންގެ ކްލަބް ގެންދިޔައިރު ތިންވަނަ ސެޓު އެޓީމުން ގެންދިޔައީ 25-15 އިންނެވެ. އެއަށްފަހު ޖެހިގެންއައި ސެޓު 18-25 އިން ކާމިޔާބުކޮށް ޕޮލިސް ކްލަބުން ހިތްވަރު ހޯދިއެވެ. އެޓީމު މެޗުން މޮޅުވީ ފަސްވަނަ ސެޓު 12-15 އިން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި މުރާދު ޖީހާން އެވެ. ޕާކިސްތާނަށް ނިސްބަތްވާ މުރާދު މިދިޔަ އަހަރު ކުޅުނީ މުބާރާތް ކާމިޔާބު ކުރި މޯލްޑިވިއަން ރެކްރިއޭޝަން ކްލަބަށެވެ.

ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗު ހުޅުމާލެ ސްޕޯޓްސް ކްލަބް ކާމިޔާބު ކުރީ ގުޑީސް ސްޕޯޓްސް ކްލަބާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މުބާރާތުގެ ސެމީއަށް ހުޅުމާލެ ސްޕޯޓްސް ކްލަބް ދަތުރު ކުރީ ގްރޫޕް އޭގައި ޕޮލިސްގެ ފަހަތުން ދެވަނަ ލިބިގެންނެވެ. ދިވެހި ސިފައިންގެ ކްލަބް ހިމެނުނު ގުޑީސްއަށް ގްރޫ ބީއިން ލިބުނީ ދެވަނަ އެވެ. ރޭގެ މެޗުގެ ސެޓުތައް ހުޅުމާލެ ސްޕޯޓްސް ކްލަބުން ގެންދިޔައީ 20-25، 24-26 އަދި 19-25 އިންނެވެ. މި މެޗުން ބަލިވުމުން ގުޑީސްއަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހުޅުމާލެ ސްޕޯޓްސް ކްލަބްގެ އިސްމާއީލް ސާޖިދު އެވެ. މެޗުން މޮޅުވި ހުޅުމާލެ ޓީމް ތިންވަނަ ސެމީގައި ވާދަކުރަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވި ދިވެހި ސިފައިންގެ ކްލަބާއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅޭ މިމެޗު ފަށާނީ މިރޭ 8:30 ގައެވެ.

ތިންވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމެއް އަންނަ އަންގާރާ ދުވަހުގެރޭ ކުޅޭ ފައިނަލުން ނުކުންނަނީ ޕޮލިސް ކްލަބާއި ދެކޮޅަށެވެ.

މިފަހަރުގެ މުބާރާތުގައި މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބާއި ވ. އަތޮޅަށް ނިސްބަތްވާ ސީލައިފް ސްޕޯޓްސް ކްލަބް ބައިވެރިވެފައެއް ނުވެއެވެ. މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން މޯލްޑިވިއަން ހޯދީ ފައިނަލުގައި ސީލައިފް ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *