ފަހު ސިކުންތުގެ ލަނޑުން މޮރީނިއޯ ޖަޒުބާތުގައި ޖެހިއްޖެ

Advertisement

ފަހު ސިކުންތުގެ ލަނޑުން މޮރީނިއޯ ޖަޒުބާތުގައި ޖެހިއްޖެ

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ އަތުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވާން ދަނިކޮށް މެޗުގެ ފަހު ސިކުންތުގައި ރޮސް ބާކްލޭ ވައްދާލި ލަނޑާއެކު މޮރީނިއޯ ޖަޒުބާތުގައި ޖެހިއްޖެއެވެ. މެޗު 2-2 އިން އެއްވަރު ކުރި ލަނޑު ބާކްލޭ ފަހު ސިކުންތުގައި ވައްދާލުމުން ޗެލްސީގެ ބެންޗުގައި ތިބި ކޯޗިން ސްޓާފުންނާއި ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ.

މޮރީނިއޯ މައްސަލަގަނޑެއްގެ ތެރެއަށް ވަނީ ބާކްލޭ ލަނޑު ޖެހި ވަގުތު ޗެލްސީގެ އެސިސްޓެންޓް ކޯޗު މާކޯ އިއާނީ މޮރީނިއޯގެ ކުރިމައްޗަށް އަރައި އުފާފާޅު ކުރިގޮތުންނެވެ. މޮރީނިއޯ ރުޅިގަދަވީ އިއާނީ އޭނާގެ ކުރިމަތީގައި އުފާފާޅު ކުރުމަށްފަހު ޗެލްސީގެ ބެންޗާއި ދިމާލަށް މޮރީނިއޯ ކުރިމަތިންލާފައި ދިޔަ ވަގުތުއެވެ. އެވަގުތު މޮރީނިއޯ ތެދުވެގެން އިއާނީއާ ދިމާލަށް ދިއުމުން ހިފެހެއްޓީ ކްލަބްގެ ބައެއް ކުޅުންތެރިންނާއި ސްޓޭޑިއަމްގެ އޮފިޝަލުންނެވެ.

Advertisement

އެކަމަކު މެޗު ނިމުން މޮރީނިއޯ ފެނުނީ ހަމަޖެހިފައި ހުރިތަނެވެ. މެޗަށްފަހު މޮރީނިއޯ ބުނީ މައްސަލަ ޖެހުނީ އޭނާގެ ސަބަބުން ނޫންކަމަށެވެ. އަދި މައްސަލަ ޖެހުމުން މައުރީޒިއޯ ސާރީ އޭނާއާއި ވާހަކަ ދެއްކުމަށްފަހު އެމައްސަލަ ހައްލު ކުރާނެކަމަށް ބުނިކަމަށް މޮރީނިއޯ ބުންޏެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ސާރީ އާއި އެސިސްޓެންޓް ވެސް މިހާރު މާފަށް އެދިފައިވާކަމަށެވެ.

“އެއީ އަހަރެންގެ ފަރާތުން ފެނުނު ކަމެއް ނޫން. އެއީ ސާރީގެ އެސިސްޓެންޓް ކުރި ކަމެއް. އަހަރެން އެއްވެސް މީހަކު ދެކެ ހިތްހަމަ ނުޖެހިފައެއް ނޫން މިހުރީ. ވީ ކަމެއްވީ ސާރީގެ އެސިސްޓެންޓާއެކު. މައްސަލަ ހައްލު ކުރާނަމޭ އަހަރެން ގާތަށް އައިސް އެންމެ ފުރަތަމަ ބުނީ ސާރީ” މެޗުގެ 97 ވަނަ މިނެޓުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅޭގޮތުން މޮރީނިއޯ ބުންޏެވެ.

މެޗުގައި ޗެލްސީގެ ސަޕޯޓަރުން މޮރީނިއޯއާ ދިމާކުރުމުން އޭނާ ބުނީ ސަޕޯޓަރުން އެގޮތަށް ދިމާކުރުމަކީ އޭނާގެ ޒިންމާއެއް ނޫންކަމަށެވެ. ޗެލްސީގެ ސަޕޯޓަރުން މޮރީނިއޯއާ ދިމާކުރުމުން އޭނާ ވަނީ ތިން އިނގިލި ޗެލްސީގެ ސަޕޯޓަރުންނަށް އިޝާރާތުން ދައްކައިފައެވެ. މޮރީނިއޯ ތިން އިނގިލި ނިސްބަތްކުރީ ޗެލްސީއާއެކު އޭނާ ހޯދާފައިވާ ޕްރިމިއަރ ލީގުގެ ތިން ތައްޓަށެވެ.

“އަހަރެންނަށް ޗެލްސީގެ ސަޕޯޓަރުންގެ ކިބައިން އިހުތިރާމް ނުލިބުމަކީ އަހަރެންގެ ޒިންމާގެ ދަށުގައި އޮތް ކަމެއް ނޫން. ސަޕޯޓަރުންގެ ކިބައިން ފެންނަ ކަންކަމަކީ އެމީހުންގެ އަމިއްލަ ކަމެއް” މޮރީނިއޯ ބުންޏެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފުރަތަމަ ލަނޑު ޖެހީ 21 ވަނަ މިނެޓުގައި އެންޓޯނިއޯ ރުޑިގާ އެވެ. ރުޑިގާ މި ލަނޑު ޖެހީ އެޓީމަށް ލިބުނު ކޯނަރެއްގައި ބޮލުންނެވެ. ފުރަތަމަ ހާފު 1-0 އިން ޗެލްސީ ކުރީގައި އޮވެގެން ނިންމާލި ނަމަވެސް ޔުނައިޓެޑުން ވަނީ ދެވަނަ ހާފުގައި މޮޅަށް ކުޅެ ފަހަތުން އަރައި ދެގޯލު ޖަހައިފައެވެ. މި ދެ ލަނޑުވެސް އެޓީމަށް ޖަހައިދިނީ އެންތަނީ މާޝިއަލް އެވެ. މާޝިއަލްގެ ފުރަތަމަ ލަނޑު 55 ވަނަ މިނެޓުގައި ޖެހިއިރު ދެވަނަ ލަނޑު ޖެހީ 73 ވަނަ މިނެޓުގައެވެ. ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޔުނައިޓެޑަށް ބޮޑު މޮޅެއް ލިބެން ދަނިކޮށް އެކަމަށް ރޮސް ބާކްލޭ ހުރަސްއެޅި އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ފަހު ސިކުންތުގައެވެ.

މި މެޗުން އެއްވަރުވުމުން ކުޅުނު ނުވަ މެޗުން ލިބުނު 14 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ.

މެޗަށްފަހު ސާރީ ބުނީ މައްސަލަ ޖެހުނު ވަގުތު އެ މަންޒަރު ނުފެންނަ ކަމަށާއި، އެކަމަކު އެކަމާއި ގުޅިގެން މޮރީނިއޯ އަދި އެސިސްޓެންޓް ކޯޗާއިވެސް ވާހަކަ ދެއްކި ކަމަށެވެ.

“އަހަރެންނަކަށް ނުފެނޭ އެކަންތައް ހިނގާދިޔަ ތަނެއް އެކަމަކު އަހަރެން މޯރިނީއޯއާ ވާހަކަ ދައްކައިފިން. އަހަރެންނަށް ގަބޫލުކުރެވޭ އަހަރެމެންކަން ގޯސްހެދީ އެހާލަތުގައި. އަހަރެންގެ އެސިސްޓެންޓާއި ވާހަކަ ދައްކައި ވަގުތުން އެކަން ހައްލު ކުރުމަށް މަސައްކަތް ކޮށްފިން” ސާރީ ބުންޏެވެ.

މި މެޗުން ލިބުނު ޕޮއިންޓާއެކު ޗެލްސީ ވަނީ އެޓީމު ލީގުގައި ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. ލީގުގައި ނުވަ މެޗުން ލިބުނު 21 ޕޮއިންޓާއެކު ޗެލްސީ އޮތީ ތާވަލުގެ ދެވަނައިގައެވެ. ލީގުގެ އެއްވަނައިގައި އޮތީ މިރޭ އަމިއްލަ ދަނޑުގައި ބާންލީ 5-0 އިން ބަލިކުރި މެންޗެސްޓަރ ސިޓީއެވެ. ލީގުގައި މިރޭ ރަށުން ބޭރުގައި ހަޑަސްފީލްޑް ޓައުން އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން ލިވަޕޫލަށްވެސް ތާވަލުގެ ދެވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *