ނޭމާ އަލުން ގެންދިއުމުގެ ވިސްނުމެއް ނެތްކަމަށް ބާސެލޯނާއިން ބުނެފި
ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 264 މިލިއަން ޑޮލަރަށް މީގެ އަހަރެއް ކުރިން ފްރާންސްގެ ޕީއެސްޖީއަށް ވިއްކާލި ނޭމާ އަލުން ބާސެލޯނާއަށް ގެނައުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް އެ ކްލަބްގެ ނާއިބު ރައީސް ޖޯޑީ ކާޑޮނާ ބުނެފިއެވެ. އޭނާ މިހެން ބުނީ ނޭމާ އަލުން ބާސެލޯނާއިން ގެންނަ އުޅޭކަމުގެ ވާހަކަ ސްޕެއިންގެ މުންޑީ ޑިޕޯޓިވޯއިން މީޑިއާގައި އާއްމު ކޮށްފައިވަނިކޮށެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ނޭމާ އަލުން ބާސެލޯނާއަށް ގެނައުމަށް ސީނިއާ ބައެއް ކުޅުންތެރިންނާއި ކްލަބްގެ ރައީސް ޖޯސެފް ބާޓެމެއު ވަނީ މަޝްވަރާތައް ކޮށްފައެވެ. މުންޑޯ ޑިޕޯޓިވޯ ނޫހުން ރިޕޯޓް ކުރީ ނޭމާ ގަންނަން ފައިސާ ހޯދުމުގެ ގޮތުން ބާސެލޯނާގެ މުހިއްމު ބައެއް ކުޅުންތެރިން ވިއްކާލުމަށެވެ. އެކަމަކު ކާޑޮނާ ބުނީ އެކަހަލަ އެއްވެސް މުއާމަލާތެއް މިހާތަނަށް ކޮށްފައިނުވާނެ ކަމަށެވެ.
“ބާސެލޯނާ ބޯޑުގެ އެކަކުވެސް ނޭމާ އަލުން ގެނައުމާމެދު ވާހަކަ ދައްކާފައެއް ނެތް. މިވަގުތު އަހަރެމެންނަށް ޖަވާބެއް ނުދެވޭނެ އެކަމާ ގުޅޭގޮތުން އެއީ އެވާހަކަ އެއްވެސް ވަރަކަށް ދައްކާފަ ނެތީމަ” ނޭމާ އަލުން ބާސެލޯނާއަށް ގެނައުމާއި ގުޅޭގޮތުން ސްޕެއިންގެ ރޭޑިއޯ ސްޓޭޝަނަކުން ސުވާލުކުރުމުން ކޯޑޮނާ ބުންޏެވެ.
ނޭމާ ވަނީ ބާސެލޯނާގައި ހޭދަކުރި ހަތަރު އަހަރުތެރޭ ދެ ލަލީގާއާއި 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ނޭމާ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ ލިއޮނަލް މެސީގެ ހިޔައިން ސަލާމަތްވެ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދުމަށެވެ.
އުމުރުން 26 އަހަރުގެ ނޭމާ ވަނީ މިދިޔަ ސީޒަނުގައި ޕީއެސްޖީން ލީގާއި ފްރެންޗް ކަޕް ކާމިޔާބު ކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެކަމަކު މިއަހަރުގެ މާރޗް މަހު އަނިޔާވުމާއި ގުޅިގެން މިދިޔަ ސީޒަނުގެ ބާކީ ބައިގައި ނޭމާ ފެނިފައެއް ނުވެއެވެ. އަނިޔާއިން ސަލާމަތްވެ ނޭމާ އަލުން ކުޅެން ފެށީ މިދިޔަ ވޯލްޑް ކަޕްގައި ބްރެޒިލް ޓީމަށެވެ. އެއަށްފަހު މި ސީޒަނުގައި ނޭމާ އަންނަނީ ޕީއެސްޖީގައި މޮޅު ކުޅުމެއްދައްކަމުންނެވެ.
“މި ޓީމު ދޫކޮށްލީ ނޭމާ. އަހަރެމެން ނެމާ ގެންނަން ބޭނުންވިނަމަ ބޯޑުން އެވާހަކަ މަޝްވަރާ ކުރާނެ. އެކަމަކު އަދި މިހާތަނަށް އެކަކުވެސް އެވާހަކަ ދައްކާފައެއް ނެތް” ނޭމާ އަލުން ބާސެލޯނާއަށް ގެނައުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ހާމަކުރަމުން ކްލަބް ނައިބު ރައީސް ބުންޏެވެ.
ރެކޯޑް އަގަކަށް ބާސެލޯނާ ދޫކޮށް ނޭމާ ޕީއެސްޖީއަށް ބަދަލުވުމުގެ ކަންތައްތައް ގެންދިޔަގޮތުން ބާސެލޯނާގެ ބޯޑުގެ މެމްބަރުންނާއި ނޭމާއާ އޭރު ވަނީ މައްސަލަ ޖެހިފައެވެ. ބޯޑު މެމްބަރުންނާއި ޖެހުނު މައްސަލައިގައި ބާސެލޯނާއަށް ނޭމާ ވަރަށް ބޮޑަށް ފާޑުވެސް ކިޔައިފައިވެއެވެ.
ނޭމާ އަލުން ބާސެލޯނާއަށް ގެނައުމާއި ގުޅޭގޮތުން މީޑިއާގައި ވާހަކަތައް ދެކެވޭއިރު އެޓީމާއި ވާދަވެރި ރެއާލް މެޑްރިޑަކީވެސް ނޭމާ ގެންދަން ވަރަށް ބޮޑަށް ޝައުގުވެރިވާ ކްލަބެކެވެ.
Advertisement
Leave a Reply