މޮރީނިއޯ އަށް އިހްތިރާމް ލިބެންޖެހޭ: ސާރީ
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކޯޗު ކަމަށާއި، މޮރީނިއޯ އަށް އިހްތިރާމް ހައްގުކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ. ސާރީ މިހެން ބުނީ މިއަދު ހަވީރު މި ދެޓީމު އިނގިރޭސި ޕްރިމިއަރ ލީގުގައި ވާދަކުރާ މެޗުގެ ކުރިން އިއްޔެ ބޭސްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިއަދުގެ މެޗަށް ނުކުންނައިރު ޗެލްސީ އޮތީ 20 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. މި ސީޒަނުގައި ޔުނައިޓެޑުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ކޯޗު މޮރީނިއޯ ހުރީ ޕްރެޝަރުގައެވެ. ލީގުގައި އެޓީމުން ކުޅުނު އަށް މެޗުގައި މޮޅުވެވުނީ ހަތަރު މެޗުންނެވެ. އެޓީމަށް މިހާތަނަށް ލިބުނު 13 ޕޮއިންޓާއެކު ލީގު ތާވަލުން ލިބެނީ އަށް ވަނައެވެ.
“އަހަރެމެން މި ދައްކަނީ ހުރިހާ ތައްޓެއް ހޯދާފަ ހުރި ކޯޗެއްގެ ވާހަކަ. މޮރީނިއޯ ހުރިހާ ތަނެއްގަ ކާމިޔާބު ހޯދައިފި. އެހެންވީމަ އަހަރެން އޭނާއަށް އިހުތިރާމް ކުރަންޖެހޭނެ. އަހަރެންނަށް ބުނެވޭނީ ތި އެންމެންވެސް މޮރީނިއޯ އަށް އިހްތިރާމް ކުރަން ޖެހޭނޭ. އެއީ ވަރަށް މޮޅު ކޯޗެއް. ވަރަށް ރަނގަޅު މެނޭޖަރެއް. ދުނިޔޭގައި ހުރި އެންމެ މޮޅު އެކަކު” މޮރީނިއޯއަށް ތައުރީފް ކުރަން ސާރީ ބުންޏެވެ.
މެޗުގެ ކުރިން މޯރީނިއޯ ބުނީ މިއަދުގެ މެޗާ އެހެން މެޗުތަކާ ވަކި ތަފާތެއް ނެތްކަމަށެވެ. މިއަދު ޗެލްސީ ދަނޑުގައި ކުޅުނަސް އޭނާއަކީ 100 އިންސައްތަ ޔުނައިޓެޑްގެ މީހެއް ކަމަށާއި، މެޗުން މޮޅުވިޔަސް އެކަން މާބޮޑަށް ފާހަގަ ނުކުރާނެކަމަށް މޮރީނިއޯ ބުންޏެވެ.
“އަހަރެން މަސައްކަތް ކުރަންޖެހޭނެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން އަދި އެ ސްޓޭޑިއަމަށާއި ސަޕޯޓަރުންނަށް އިހުތިރާމް ކުރަން. އެ ސަޕޯޓަރުންނަކީ އެތައް އަހަރެއް ވަންދެން އަހަރެންގެ ސަޕޯޓަރުން” ދެފަހަރެއްގެ މަތީން ޗެލްސީއަށް ކޯޗުކަން ކޮށްދިން މޮރީނިއޯ ބުންޏެވެ.
މިއަދުގެ މެޗަށް ނުކުންނައިރު ޗެލްސީ އަކީ މި ސީޒަނުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއްޓީމެވެ. ޔުނައިޓެޑްގެ ކުރީގެ ކޯޗު ސަރ އެލެކްސް ފާގަސަން ރިޓަޔާ ކުރިފަހުން ޗެލްސީ ދަނޑުގައި ޔުނައިޓެޑަށް މޮޅެއް ލިބިފައެއް ނުވެއެވެ. އޭގެ ފަހުން ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން އެޓީމު ވަނީ ފަސް މެޗުން ބަލިވެފައެވެ. އެއްމެޗުން އެއްވަރުވިއިރު އެންމެ ފަހުން ކުޅުނު ތިންމެޗުގައި ލަނޑެއްވެސް ޖެހިފައެއް ނުވެއެވެ.
މިއަދުގެ މެޗަށް ނުކުންނައިރު ދެޓީމުގެވެސް އަނިޔާގެ މާބޮޑު މައްސަލައެއް ނޫޅެއެވެ. ޗެލްސީގެ ޑިފެންސްގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެންޓޯނިއޯ ރުޑިގާ އަނިޔާއިން ސަލާމަތްވެސް މިއަދުގެ މެޗުގައި ކުޅޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަނިޔާގެ ސަބަބުން އެންމެ ފަހުން ކުޅުނު ތިންމެޗުގައި ނުކުޅޭ ޔުނައިޓެޑްގެ އެންޑަރ ހެރޭރާ މިއަދުގެ މެޗަށް ފިޓުވެފައި ވާއިރު ލޫކް ޝޯ އާއި ނިމެންޔާ މަޓިޗްގެ އިތުރުން މަރުއާން ފެލައިނީ މެޗުގައި ބޭނުންކުރާނީ އެ ކުޅުންތެރިންގެ ފިޓްނެސް ބެލުމަށް ފަހުއެވެ.
ޗެލްސީ ދަނޑުގައި އެޓީމު މިއަދު ހަވީރު މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ނުކުންނަ މެޗު ފަށާނީ ރާއްޖޭ ގަޑިން ހަވީރު 4:30 ގައެވެ.
Advertisement
Leave a Reply