ސްޓެވާޓް ނިޔާވުމުން ފުޓްބޯޅަ އާއިލާއަށް ބޮޑު ހިތާމައެއް

Advertisement

ސްޓެވާޓް ނިޔާވުމުން ފުޓްބޯޅަ އާއިލާއަށް ބޮޑު ހިތާމައެއް

ޢަލީ ޝަހީމް

ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވުމުން ފުޓްބޯޅަ އާއިލާއިން އެކަމާ ހިތާމަ ފާޅުކުރަމުން އެބަގެންދެއެވެ. ސްޓެވާޓް ނިޔާވިކަން އޮސްޓްރޭލިއާގެ މީޑިއާތަކުން ކަށަވަރު ކޮށްދީފައިވާއިރު ނިޔާވި ސަބަބު އެނގިފައެއް ނުވެއެވެ.

ސްޓެވާޓް ނިޔާވުމުން އޭނާ ކުރިން އިރުޝާދުދިން ކްލަބްތަކުންނާއި ރާއްޖޭގެ ފުޓްބޯޅައިގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިތާމައިގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

އުމުރުން 52 އަހަރުގައި ސްޓެވާޓް ނިޔާވިއިރު އޭނާ އެންމެ ފަހުން އިރުޝާދު ދިނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށެވެ. 2016 ވަނަ އަހަރުގެ އޮގަސްޓް މަހު ރާއްޖޭގެ ކޯޗުކަމާއި ވަގުތީ ގޮތުން ހަވާލުވުމަށްފަހު ސްޓެވާޓަށް ދާއިމީ އެއްބަސްވުމެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދިނީ 2017 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ. ދާއިމީ އެއްބަސްވުމަކަށްފަހު ސްޓެވާޓަށް ރާއްޖޭން ދިން ޓާގެޓަކީ އޭޝިއަން ކަޕް ކޮލިފައިންނައި ރަނގަޅު ނަތީޖާއެއް ހޯދުމާއި ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރުމެވެ.

ސްޓެވާޓްގެ  އިރުޝާދުގެ ދަށުން އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖުގެ ކޮލިފައިން މެޗުގައި ލާއޯސްއާ ދެކޮޅަށް ރާއްޖޭގައި ކުޅުނު މެޗު ވަނީ 4-0 ކާމިޔާބު ކޮށްފައެވެ. އަދި ރާއްޖޭގައި ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަކުން 5-0 އިން ވަނީ މޮޅުވެފައެވެ. ނަމަވެސް ސުޒުކީ ކަޕްގެ ތާރީހު ބަދަލުވުމާއި އޭޝިއަން ކަޕް ކޮލިފައިންގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން މިއަހަރުގެ މާޗް މަހަށް ހަމަވި ސްޓެވާޓްގެ އެއްބަސްވުން  އެފްއޭއެމް އިން އާކޮށްފައެއް ނުވެއެވެ.

މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދި ކުރީގެ އެފްއޭއެމްގެ ރައީސްގެ މަގާމްފުރި އަހްމަރު ތޯރިގް ކޮށްފައިވާ ޓްވީޓް

ސްޓެވާޓަކީ 1982 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާއި ހަމައަށް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުނު ކުޅުންތެރިއެކެވެ. ފުޓްބޯޅަ ކެރިއަރުގައި 456 މެޗު ސްޓެވާޓް ކުޅުނުއިރު 61 ގޯލު ވަނީ ޖަހާފައެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ގައުމީ ޓީމަށްވެސް 1992 ވަނަ އަހަރު ތިންމެޗު ކުޅެދީފައެވެ.

ސްޓެވާޓް ކޯޗިން ކެރިއަރު އެންމެ ފުރަތަމަ ފެށީ 2003 ވަނަ އަހަރު ސިންގަޕޫރުގެ ޕްރިމިއަރ ލީގް ކްލަބް ބަލެސްޓިއާ ޚަލްސާގެ ޔޫޓް ޓީމުންނެވެ. އެއަށްފަހު 2004 އިން 2005 އަށް ސްޓޭވާޓް މަސައްކަތް ކުރީ ސިންގަޕޫރު ލީގުގެ ގަދަބާރު ގޭލެންގް ޔުނައިޓެޑުގެ ޔޫތް ޓީމުގައެވެ. ޔޫތް ޓީމަށް އެއް އަހަރު އިރުޝާދު ދިނުމަށްފަހު ޖެހިގެން އައި އަހަރު އޭނާ ހަވާލުވީ އެ ކްލަބްގެ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމާއެވެ. އެއަށްފަހު 2008 އިން 2011 އަށް ސްޓޭވާޓް އިރުޝާދުދިނީ ސިންގަޕޫރުގެ ގޮމްބެކް ޔުނައިޓެޑަށެވެ. އަދި 2012 ވަނަ އަހަރު އޭނާ ބަދަލުވީ ކޯޗިން ކެރިއަރު ފެށި ބަލެސްޓިއާ ޚަލްސާގެ ހެޑް ކޯޗުކަމަށެވެ. އެ ކްލަބްގައި ދެ އަހަރު ހޭދަކުރުމަށްފަހު 2014 އިން 2015 އަށް ސްޓެވާޓް ކޯޗުކަން ކޮށްދިނީ ސިންގަޕޫރުގެ ވުޑްލެންޑްސް ވެލިންޓަން އެފްސީއަށެވެ. އެއަށްފަހު އޭނާ 2016 ވަނަ ހަވާލުވީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *