ލީގު ހޯދުމުގެ ރޭހުގައި ޓީސީ މުހިއްމު މޮޅެއް ހޯދައިފި

Advertisement

ލީގު ހޯދުމުގެ ރޭހުގައި ޓީސީ މުހިއްމު މޮޅެއް ހޯދައިފި

ޢަލީ ޝަހީމް
މިރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖެހި ފޭދޫ އިއްބެއާއެކު ޓީސީގެ ކުޅުންތެރިން އުފާފާޅު ކުރަނީ. ފޮޓޯ: އިމޭޖަސް އެމްވީ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ 4-0 އިން ށ. ފޯކައިދޫ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އެއްވަނައިގައި ފުރަތަމަ ބުރު ނިންމާލައިފިއެވެ. ފުރަތަމަ ބުރު ނިމުނުއިރު އެއްވަނައިގައި ޓީސީ އޮތީ ނުވަ މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ. ކުޅުނު ނުވަ މެޗުގެ ތެރެއިން އެޓީމު ބަލިވީ ހަމައެކަނި ކްލަބް ގްރީން ސްޓްރީޓްސް އަތުންނެވެ. ދެވަނައިގައި ކްލަބް އީގަލްސް އޮތީ 20 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި 19 ޕޮއިންޓާއެކު މާޒިޔާ އޮތްއިރު ހަތަރު ވަނައިގައި 18 ޕޮއިންޓާއެކު އޮތީ ނިއު ރޭޑިއަންޓެވެ. ފަސްވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ނުވަ މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.

ޓީސީ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ތިން މެޗުގައި ނުކުންނާނީ ވިކްޓްރީއާއި މާޒިޔާގެ އިތުރުން ކްލަބް އީގަލްސްއާ ދެކޮޅަށެވެ. ދެވަނަ ބުރުގައި އެޓީމުގެ ފޯމު ދަމަހައްޓައިފިނަމަ ފުރަތަމަ ފަހަރަށް ދިވެހި ލީގު އެޓީމަށް ލިބުމުގެ ފުރުސަތު އެބައޮތެވެ.

Advertisement

މިރޭގެ މެޗުން ބަލިވިޔަސް ފޯކައިދޫއަށް ވަނީ ގަދަ އަށަކުން ފުރުސަތު ލިބިފައެވެ. އަށް ޕޮއިންޓާއެކު އެޓީމު ލީގުގެ ހަތްވަނައިގައި ފުރަތަމަ ބުރު ނިންމާލިއިރު ހަވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. ލީގުގެ އަށްވަނަ ފ. ނިލަންދޫ ހޯދިއިރު ދެވަނަ ބުރަށް ކޮލިފައިނުވެ ލީގުން ކެޓީ ނުވަ ވަނައަށްދިޔަ ބ. ފެހެންދޫ އާއި ފުލަށް ދިޔަ ތ. ތިމަރަފުށްޓެވެ.

މިއަދުގެ މެޗު ޓިސީން ފެށީ އަލީ އަޝަފާގް (ދަގަނޑޭ) ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. ޓީސީން ކުރިއަށް ޖެހިގެން ކުޅުނު މި މެޗުގެ ދިހަވަނަ މިނެޓުގައި އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އަލީ އަޝްފާގް (ދަގަނޑޭ) ފޮނުވާލި ބޯޅަ އޭރިޔާ ތެރޭގައި ހުރި އިއްބެއަށް ގޯލުގެ ތެރެއަށް ފޮނުވާނުލެވުނީ ބޯޅައިގައި ރަނގަޅަށް ނުޖެހުމުންނެވެ. އޭގެ މިނެޓެއް ފަހުން އިޝާން އިބްރާހީމް (ސައްޓު) އަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބިފައެވެ. ދަގަނޑޭ އޭރިޔާތެރޭގައި ހުރި ސައްޓުއަށް ދިން ބޯޅަ ފޮނުވާލުމުން ގޯލަށް ވަންނަން ދަނިކޮށް ގޯލު ރޮނގުމަތިން ކަހަލަ ގޮތަކަށް ފޯކައިދޫގެ ޑިފެންޑަރަކު ވަނީ އެބޯޅަ ސަލާމަތްކޮށްފައެވެ.

ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނު ފޯކައިދޫ ޓީމުން ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ހަމަލާއެއް އުފެއްދީ 15 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުންނެވެ. އެޓީމުގެ ހަލީލް ގަމާލް އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ޓިސީގެ ފުރަތަމަ ލަނޑު ޖެހީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. ފޭދޫ އިއްބެ މި ލަނޑު ޖެހީ ފޯކައިދޫގެ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިޔާތެރެއަށް ވަދެ ގޯލުގެ މަތީކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ފޭދޫ އިއްބެ ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ދިޔަ ވަގުތު ޓީސީގެ ދަގަނޑޭ އާއި އިއްބެ ވަހީދު ހުރީ ހުސްކޮށެވެ. ފޯކައިދޫގެ ކުޅުންތެރިންވެސް ވިސްނައިގެން ތިބީ ފޭދޫ އިއްބެ އެބޯޅަ ހުރަސްކުރާނެ ކަމަށެވެ. ޓީސީގެ ލަނޑަށް ފަހު 25 ވަނަ މިނެޓުގައި ފޭދޫ އިއްބެއަށް ލިބުނު ބޯޅަ އޭރިޔާ ބޭރުން ފޮނުވާލުމުން ފޯކައިދޫގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް ވަނީ ފަސޭހަކަމާއެކު މަތަކޮށްފައެވެ.

ޓީސީން ދެވަނަ ހާފު ފެށީ ފުރަތަމަ ހާފުގައި ރީނދޫ ކާޑު ދެއްކި އަހްމަދު ރިލްވާން (ބެން) ގެ ބަދަލުގައި މުހައްމަދު އައްޒާމް ކުޅެން އަރުވައިގެންނެވެ. ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ފުރަތަމަ ހަމަލާ އުފެއްދީ ޓީސީންނެވެ. އެޓީމުގެ މުހައްމަދު ސާމިރު ފޮނުވާލި ހިލޭޖެހުން އަމާޒުވީ ގޯލު ބޭރުން އަރިމަތީ ދާގަނޑަށެވެ. އަދި މެޗުގެ 63 ވަނަ މިނެޓުގައި ސައްޓު ނަގައިދިން ހުރަހެއް ފޭދޫ އިއްބެ ހުސްކޮށްހުރެ ބޮލުން ފޮނުވާލުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ޓީސީގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ގާތްގާތުގައި ޖެހީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ސައްޓު އެވެ. މެޗުގެ 78 ވަނަ މިނެޓުގައި ސައްޓު ފުރަތަމަ ގޯލު ޖެހީ މުހައްމަދު އައްޒާމް ދިން ބޯޅައަކުންނެވެ. އޭރިޔާތެރޭގައި ހުރި ސައްޓުއަށް ލިބުނު ބޯޅަ ކައިރީގައި ހުރި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލީ ފޯކައިދޫގެ ކީޕަރު ތަންކޮޅެއް ކުރިއަށް ނުކުމެ ހުރުމުން ބޯމަތިންނެވެ. އޭގެ ދެމިނެޓު ފަހުން ޓީސީގެ ތިންވަނަ ލަނޑު ސައްޓު ޖެހީ ދަގަނޑޭ ތިރިތިރިން ނަގައިދިން ހުރަހެއް ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ސައްޓު ވަނީ އެޓީމު އެންމެފަހުން ތިމަރަފުށްޓާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ދެގޯލު ޖަހައިފައެވެ. ޓީސީގެ ހަތަރު ވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ޖެހީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ދަގަނޑޭއެވެ. ދަގަނޑޭ މި ގޯލު ޖެހީ މުހައްމަދު އައްޒާމް ނަގައިދިން ކޯނަރެއް އޭރިޔާ ތެރޭގައި ހުރެފައި އެއްފަހަރުން ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ގަދަ އަށް ޓީމާއެކު ލީގުގެ ދެވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ އާދީއްތަ ދުވަހުއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *