މޮޅަކާއެކު ވިކްޓްރީ ފުރަތަމަ ބުރު ނިންމާލައިފި

Advertisement

މޮޅަކާއެކު ވިކްޓްރީ ފުރަތަމަ ބުރު ނިންމާލައިފި

ޢަލީ ޝަހީމް
ވިކްޓްރީގެ ނައްޓޭ ތިމަރަފުށީގެ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން ދަނީ. ފޮޓޯ: އިމޭޖަސް އެމްވީ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ތ. ތިމަރަފުށްޓާއި ބައްދަލުކުރި މެޗު 1-0 އިން ވިކްޓްރީ ކާމިޔާބު ކޮށްފިއެވެ. މިއީ ލީގުގައި ވިކްޓްރީ މޮޅުވި ދެވަނަ މެޗެވެ. އެންމެ ފަހުން އެޓީމު ލީގުގައި މޮޅުވީ މިދިޔަ ޖުލައި މަހުގެ ފަސްވަނަ ދުވަހު ށ. ފޯކައިދޫއާއި ވާދަކުރި މެޗުން 2-1 އިންނެވެ.

ފުރަތަމަ މޮޅަށްފަހު ވިކްޓްރީއަށް ދެވަނަ މޮޅެއް މި ލިބުނީ 105 ދުވަސް ފަހުންނެވެ. ސާފް ސުޒުކީ ކަޕަށް ގާތްގަނޑަކަށް ދެމަސްދުވަހަށް ކުޅުނު މެދުކަނޑާލުމަށްފަހު އަލުން ފެށިއިރު ވިކްޓްރީގެ ހާލަތު އޮތޯ ވަރަށް ގޯސްވެފައެވެ. ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ ސަބަބުން ޕްރެކްޓިސް ނުކުރިއިރު އޭރު މެޗުތަކަށް ޓީމު ހަމަވީ ކިރިޔާއެވެ. ލީގުގައި އެޓީމު ޓީސީ ސްޕޯޓްސް ކްލަބާއި ކުޅެން އޮތް މެޗަށް ހާޒިރު ވެފައެއްވެސް ނުވެއެވެ. އެކަމަކު ކޯޗު މުހައްމަދު ނަޒީހު އެޓީމާ ހަވާލުވުމަށްފަހު ލީގުގައި އެޓީމު އަލުން ކުޅެން ފެށިއެވެ. ނަޒީހުގެ ކޯޗުކަމުގައި ކުޅުނު ތިންމެޗުން އެޓީމު ވަނީ ހަތަރު ޕޮއިންޓް ހޯދައިފައެވެ.

މިއަދުގެ މެޗުން މޮޅުވުމުން ނުވަ ޕޮއިންޓާއެކު ވިކްޓްރީ ފުރަތަމަ ބުރު ނިންމާލީ ހަވަނައިގައެވެ. ވިކްޓްރީގެ ފަހަތުން އަށް ޕޮއިންޓާއެކު ހަތްވަނައިގައި އޮތީ ފޯކައިދޫއެވެ. ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވެގެން ނޫން ގޮތަކަށް ފޯކައިދޫއަށް ތާވަލުގައި ވިކްޓްރީއަށްވުރެ ކުރިއެއް ނުލިބޭނެއެވެ. މިއަދުގެ މެޗުން ބަލިވުމުން ތިމަރަފުށި ލީގު ނިންމާލީ ތާވަލުގެ ފުލުގައި އެންމެ ޕޮއިންޓަކާ އެކުއެވެ. ލީގުގައި އެޓީމަށް ހަމައެކަނި ޕޮއިންޓެއް ލިބުނީ ފޯކައިދޫއާ ވާދަކުރި މެޗުގައެވެ.

މެޗުގައި ވިކްޓްރީ ޓީމުގެ ހަމައެކަނި ލަނޑު 39 ވަނަ މިނެޓުގައި ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ ހާޒިމް ފައުޒީ އެވެ. ހާޒިމް މި ލަނޑު ޖެހީ އެޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި އަހްމަދު ނާޝިދު (ނައްޓޭ) ނަގައިދިން ހުރަހަކުން އޭރިޔާ ތެރޭގައި ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ވިކްޓްރީން މި ހަމަލާ އުފެއްދީ ތިމަރަފުށިން ފޮނުވާލި ޖެހުމެއް ކީޕަރު މުހައްމަދު އިމްރާން ހިފެހެއްޓުމަށްފަހު ހުސްކޮށްހުރި ނައްޓޭއަށް ދިން ބޯޅައެއްގައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ގައުމީ ޓީމުގެ މިޑްފީލްޑަރ ހުސައިން ނިހާން (ނިހާޓް) އަށެވެ.

ލީގުގައި މިރޭކުޅޭ މެޗުގައި ވާދަކުރާނީ ޓިސީ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *