ފޯރިގަދަވި ފައިނަލުން ޗެމްޕިއަންކަން ޕޮލިހަށް

Advertisement

ފޯރިގަދަވި ފައިނަލުން ޗެމްޕިއަންކަން ޕޮލިހަށް

ޢަލީ ޝަހީމް
މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕޮލިސް ޓީމު ތައްޓާއެކު. ފޮޓޯ: ވޮލީބޯޅަ އެސޯސިއޭޝަން

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފޮނަދޫ މެދުއަވަށު ސްޕޯޓްސްއާ ވާދަކޮށް 3-2 އިން މޮޅުވެ ޕޮލިސް ކްލަބް ހޯދައިފިއެވެ. ޕޮލިސް ކްލަބުން ވަނީ ލީގު ބުރުގައިވެސް ފޮނަދޫ ޓީމު ބަލިކޮށްފައެވެ. ރޭގެ މެޗުގައި ދެޓީމުންވެސް ރަނގަޅު ކުޅުމެއް ދެއްކި އިރު ޕޮލިހަށް ޗެމްޕިއަންކަން ލިބުނީ މެޗުގެ ފަސްވަނަ ސެޓުގައި ނެރުނު އާދަޔާހިލާފު ހިތްވަރުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅެވުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓު ފަސޭހަ ކަމާއެކު ފޮނަދޫ ގެންދިޔައީ 25-15 އިންނެވެ. މި ސެޓުގައި ފޮނަދޫ ޓީމުގެ ޢާއިޝަތު ޝައްފަ އާއި ޢާއިޝަތު މާޖިދާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. ފުރަތަމަ ސެޓުން ޕޮލިސް ޓީމު ބަލިވި ނަމަވެސް ޖެހިގެން އައި ދެސެޓު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އުއްމީދު އެޓީމުން އާކުރިއެވެ. އެޓީމުގެ ފުރަތަމަ ސެޓު 19-25 އިން ގެންދިޔައިރު ދެވަނަ ސެޓު ގެންދިޔައީ 17-25 އިންނެވެ.

ޕޮލިހުން ތިންވަނަ ސެޓަށް ނުކުތީ ވަރަށް އުއްމީދާއި އެކުއެވެ. ނަމަވެސް ފޮނަދޫ ޓީމުން ވަނީ ހިތްވަރު އެލުވާ ނުލައި އެންމެ ފަހު ވަގުތާ ހަމައަށް މަސައްކަތް ކޮށްފައެވެ. ޝައްފަ އާއި މާޖިދާގެ މޮޅު ކުޅުން ފާހަގަވި މި ސެޓުން ފޮނަދޫ މޮޅުވީ 26-24 އިންނެވެ. މި ސެޓު ފަސޭހަ ކަމާއެކު ނިންމާލުމުގެ ފުރުސަތު ފޮނަދޫއަށް ލިބުނު ނަމަވެސް ޕޮލިސް ޓީމުން ވަނީ ރަނގަޅު ވާދައެއް ކޮށްފައެވެ. މެޗުގެ ފަސްވަނަ ސެޓަށް ދިޔައިރު ދެޓީމުންވެސް ވިސްނީ ކުރީކޮޅު ރަނގަޅު ލީޑެއް ނެގުމަށެވެ. 15 ޕޮއިންޓަށް ކުޅުނު މި ސެޓުގައި ތަފާތު ފެނުނީ ޕޮލިސް ޓީމުގެ ފަރާތުންނެވެ. މެޗުގެ ޓައި ބްރޭކަށް ދިޔައިރު ޕޮލިހުން އޮތީ ފަސް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ޕޮލިހުން ތަފާތު ބޮޑުކޮށް މި ސެޓުން މޮޅުވާން ދަނިކޮށް ފޮނަދޫ ޓީމުގެ ހިތްވަރުން ވަނީ ޕޮއިންޓުގެ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް އެޓީމަށް މި ސެޓު ގެއްލުނީ 08-15 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ މަގާމްތަކަށް ހޮވުނު ކުޅުންތެރިން. ފޮޓޯ: ވޮލީބޯޅަ އެސޯސިއޭޝަން

ފައިނަލް މެޗު ނިމުމުން ޕޮލިހުން ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ. އެޓީމު ވަނީ މި މުބާރާތުގައި އެންމެ ފަހުން ކުޅުނު ދެ ފައިނަލުގައިވެސް ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމާއި ވާދަކޮށް ބަލިވެފައެވެ.

ފައނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި ޕޮލިސް ޓީމުގެ ހައްވާ ރާޝިދާ އަށެވެ. ރާޝިދާގެ އިތުރުން މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ޕޮލިހުގެ ނުހާ ވަހީދާއި ފޮނަދޫ ޓީމުގެ އާއިޝަތު ޝައްފަ އާއި އާއިޝަތު މާޖިދާގެ އިތުރުން އެޓީމުގެ ޖޫޒާން ޒަރީރު އާއި ކްލަބް ވެމްކޯގެ ޝައުފާ އާދަމް އެވެ. ފެއާ ޕްލޭ ޓީމަށް ޗެމްޕިއަން ޕޮލިސް ހޮވުނުއިރު އެޓީމުގެ އާމިނަތު ސަހާ ޝާމިން އަށް ވަނީ މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ލިބިފައެވެ. އެންމެ މޮޅު ކޯޗުގެ މަގާމް ލިބުނީ ޕޮލިހުގެ ހާލިދު މުހައްމަދަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *