ގްރީން ސްޓްރީސްއާ އެއްވަރުވެ ނިއު ހަތަރު ވަނައަށް

Advertisement

ގްރީން ސްޓްރީސްއާ އެއްވަރުވެ ނިއު ހަތަރު ވަނައަށް

ޢަލީ ޝަހީމް
ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) ގްރީންގެ ގޯލަށް ބޯޅަ ފޮނުވާލަނީ. ފޮޓޯ: އިމޭޖަސް އެމްވީ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ނިއު ރޭޑިއަންޓާއި ކްލަބް ގްރީން ސްޓްރީޓްސް ކުޅުނު މެޗު 2-2 އިން އެއްވަރުވެއްޖެއެވެ. ރޭގެ މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ ނިއުއިންނެވެ. މެޗުން ނިއު މޮޅުވާން ދަނިކޮށް ގްރީން ސްޓްރީޓްސް އިން ވަނީ ގާތް ގާތުގައި ޖެހި ދެ ލަނޑާއެކު މެޗު އެއްވަރު ކޮށްފައެވެ.

ރޭގެ މެޗު އެއްވަރުވުމުން އެއްވަނައިގައި އޮތް ޓީސީއާއި ޕޮއިންޓުގެ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ނިއުއަށް ވަނީ ގެއްލިފައެވެ. ޓޭބަލްގެ އެއް ވަނައިގައި އެއްމެޗު މަދުކޮށް 21 ޕޮއިންޓާއެކު ޓީސީ އޮތްއިރު ދެވަނަގައި 20 ޕޮއިންޓާއެކު އޮތީ އީގަލްސް އެވެ. 19 ޕޮއިންޓާއެކު މާޒިޔާއަށް ތިން ވަނަ ލިބޭއިރު ނިއުއިން ފުރަތަމަ ބުރު ނިންމާލަން ޖެހުނީ 18 ޕޮއިންޓާއެކުއެވެ. ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ފުރަތަމަ ބުރު ނިމުނުއިރު ގްރީން ސްޓްރީޓްސް އޮތީ 17 ޕޮއިންޓާއެކު ފަސް ވަނައިގައެވެ.

ނިއުއިން މެޗުގެ ދެ ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. މި ދެ ލަނޑުވެސް އެޓީމަށް ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 26 ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ އޭރިޔާ ބޭރުން ލިބުނު ބޯޅަ ގޯލުގެ ތިރީކަނަށް ވައްދާލައިގެންނެވެ. ސެންޓޭ މެޗުގެ ދެވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ލިބުނީ ސެންޓޭ ބޯޅަ ޖަހަނިކޮށް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރ މުހައްމަދު ސާއިފް ފައުލް ކުރުމުންނެވެ.

ދެވަނަ ހާފުގައި ނިއުއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި އުޅެނިކޮށް ގްރީން ސްޓްރީޓްސް އިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައިފައެވެ. އެޓީމަށް ލިބުނު ކައުންޓާ އެޓޭކެއްގައި ހޯސޭ އަވީލާ ފުރަތަމަ ގޯލު ޖެހިއިރު ދެވަނަ ގޯލު އޭގެ ދެމިނެޓު ފަހުން ޖެހީ މުހައްމަދު ރިސްވާން އެވެ. އޭނާ މި ލަނޑު ޖެހީ ގްރީން ސްޓްރީޓްސް އަށް ލިބުނު ޖެހުމެއްގައި ނިއުގެ ކުޅުންތެރިން މައްސަލަ ޖައްސަން ތިއްބައި އަވަސް ކޮށްލާފައި އުފެއްދި ހަމަލާއެއްގައެވެ. ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކުރި ގްރީން ސްޓްރީޓްސް އަށް ވަނީ މެޗުގެ ފަހުވަގުތު ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ގްރީންގެ އަބްދުﷲ މިސްބާހު އޭރިޔާ ތެރޭގައި ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގަދަ އަށަކުން ފުރުސަތު ގެއްލިފައިވާ ތ. ތިމަރަފުށްޓާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. މިރޭ ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ ށ. ފޯކައިދޫއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *