ރިޒޭ އާއި ނާއިމްގެ ލަނޑުތަކުން އީގަލްސް އަށް ބޮޑު މޮޅެއް
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް އީގަލްސް އިން ފ. ނިލަންދޫ 7-2 ބަލިކޮށްފިއެވެ. މެޗުގައި ޖެހި ހަތް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ އަހުމަދު ރިޒުވާން (ރިޒޭ) އާއި މުހައްމަދު ނާއިމް އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު މެޗުގައި ދެގޯލު ޖަހައިފައިވެއެވެ.
މި މޮޅާއެކު ފުރަތަމަ ބުރުގެ ކުޅުން އީގަލްސް އިން ނިންމާލިއިރު އެޓީމު ވަނީ ނުވަ މެޗުން 20 ޕޮއިންޓް ހޯދާފައެވެ. ލީގުގެ އެއްވަނައިގައި ޓީސީ ސްޕޯޓްސް ކްލަބް އޮތީ 21 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި 19 ޕޮއިންޓާއެކު އޮތީ މާޒިޔާއެވެ. ލީގުގައި ނިއު ރޭޑިއަންޓް މިރޭ ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފިނަމަ ޓީސީއާ އެއް ޕޮއިންޓަށް ކައިރި ކުރެވޭނެއެވެ.
މެޗުން ބަލިވިނަމަވެސް ނިލަންދޫއަށް ވަނީ ލީގުގެ ގަދަ އަށަކުން ފުރުސަތު ލިބިފައެވެ. ފުރަތަމަ ބުރުގެ ނުވަ މެޗުން ނިލަންދޫއަށް ލިބުނީ ނުވަ ޕޮއިންޓެވެ. އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތް ވަނައިގައެވެ.
އީގަލްސް އިން ވަނީ މިއަދުގެ މެޗުގައި ކުރީގެ އެއްވަނަ ކުޅުންތެރިޔާ މޫސާ މަނިކު (ކުޑަ މޫސަ) ގެ ދަރިފުޅު މުއާން މޫސާ މަނިކަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ. އަދި އެޓީމުގެ ފޯވާޑް ޖުމައިލް ޖަމީލަށް ފުރަތަމަ އެގާރައިން ފުރުސަތު ދިންއިރު މި ހަފްތާތެރޭ ސާފް ސުޒުކީ ކަޕްގެ ތައްޓާއެކު އުފަން ރަށް ސ. ހިތަދޫއަށް ދަތުރުކުރި މުހައްމަދު އާރިފް (ބަކާ) އިނީ ބެންޗުގައެވެ. ނިލަންދޫ ޓީމުން މިއަދު ވަނީ އަޒުހާން ހަލީލަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ. ނަމަވެސް ލީގުގައި އެޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އާދިލް އަލީ ފުރަތަމަ އެގާރައިގައި ހިމަނާފައެއް ނުވެއެވެ.
އީގަލްސްއިން މެޗުގެ ފުރަތަމަ ލަނޑު ޖެހީ ފަސްވަނަ މިނެޓުގައި މުހައްމަދު ނާއިމް އެވެ. ނާއިމް މި ލަނޑު ޖެހީ އޭރިޔާ ބޭރުން ލިބުނު ބޯޅަ ނިލަންދޫގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހުއެވެ. އޭގެ ހަތަރު މިނެޓުފަހުން އެޓީމަށް ލީޑު ފުޅާކޮށްދިނީ ޖުމައިލް ޖަމީލެވެ. މެޗުގެ 14 ވަނަ މިނެޓުގައި ހައިޝަމް ހަސަން ނަގައިދިން ހުރަހަކުން އީގަލްސްގެ ހަތަރު ވަނަ ލަނޑު ޖެހީ ހުސައިން ސިފާއު ޔޫސުފް އެވެ. ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި އޭރިޔާ ބޭރުން ފޮނުވާލީ ޝޮޓަކުން އީގަލްސްއަށް ހަތަރު ލަނޑުގެ ލީޑެއް ނަގައިދިނީ ރިޒޭ އެވެ. ފުރަތަމަ ހާފުގައި އީގަލްސްއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތައްވެސް ލިބި ބޭކާރުވެފައެވެ.
މެޗުގެ ދެވަނަ ހާފުގައި ނިލަންދޫ ޓީމުން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުގެ ބިދޭސީ ފޯވާޑް އަޑޮކޫ ލޫކަސްގެ ދެ ލަނޑާއެކު އެޓީމަށް އުއްމީދެއް ލިބުނެވެ. ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ލޫކަސް ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައެވެ. މި ލަނޑު ލޫކަސް ޖެހީ އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ ކައިރިން ނައްޓާލުމަށްފަހުއެވެ. އޭގެފަހުން ލޫކަސް މެޗުގައި ދެވަނަ ލަނޑު ޖެހީ 53 ވަނަ މިނެޓުގައެވެ. ނިލަންދޫގެ ލަނޑަށް ފަހުވެސް އެޓީމުން ވަނީ ކައުންޓަރ އެޓޭކުގައި އީގަލްސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ގިނަ ފައުލްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އަދި ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހިގެން ނިލަންދޫގެ ބެންޗުން ވަރަށް ބޮޑަށް ޝަކުވާ ކޮށްފައިވެއެވެ.
ނިލަންދޫ ޓީމުން އިތުރު ލަނޑެއް ޖަހަން މަސައްކަތް ކުރިނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުންހިފީ އީގަލްސް އިންނެވެ. އެޓީމުގެ ފަސްވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ރިޒޭ ޖެހީ އޭރިޔާ ބޭރުން ހުސްކޮށް ލިބުނު ބޯޅަ ފަސޭހަ ކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑު ރިޒޭ ޖެހިއިރު ނިލަންދޫގެ ކުޅުންތެރިން ތިބީ ރިޒޭ އޮފްސައިޑަށް ދޫކޮށްލައިގެންނެވެ. އޭގެ މިނެޓެއް ފަހުން މެޗުގައި ރިޒޭއަށް ހެޓްރިކް ހެދުމުގެ ފުރުސަތު ހަސަން ރާއިފް އަހްމަދު (ހަންނަ) ވަނީ ތަނަވަސް ކޮށްދީފައެވެ. ހުސްގޯލަށް ފޮނުވާލެވެން އޮތް ބޯޅަ ހަންނަ ޖައްސާލީ އޭރިޔާތެރޭގައި ހުސްކޮށްހުރި ރިޒޭއަށެވެ. ނަމަވެސް ރިޒޭ އެބޯޅަ ފޮނުވާލިއިރު ހުރީ އޮފްސައިޑުގައެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އީގަލްސްގެ ހަވަނަ ލަނޑު ޖެހީ މުހައްމަދު ނާއިމް އެވެ. ނާއިމް މި ލަނޑު ޖެހީ އޭރިޔާ ބޭރުން ހަންނަ ތިރިތިރިން ނަގައިދިން ހުރަހަކުންނެވެ. އީގަލްސްގެ ހަތްވަނަ ލަނޑަކީ ނިލަންދޫގެ އަލީ ހާޝިމް އަތުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑު ޖަހަންވެސް މަގުފަހިކޮށްދިނީ މިދިޔަ ތިން މެޗުގައިވެސް ހެޓްރިކް ހެދި ރިޒޭ އެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ރިޒޭ އެވެ. މިއީ ރިޒޭ ޖެހިޖެހިގެން މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަތަރު ވަނަ މެޗެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ނިއު ރޭޑިއަންޓާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރާނެއެވެ.
Advertisement
Leave a Reply