ފްރާންސް އަތުން ބަލިވެ ޖަރުމަނަށް ގޮތް ހުސްވެއްޖެ

Advertisement

ފްރާންސް އަތުން ބަލިވެ ޖަރުމަނަށް ގޮތް ހުސްވެއްޖެ

ޢަލީ ޝަހީމް
ރޭގެ މެޗުގައި ގްރިޒްމަން ފްރާންސް ޓީމުގެ ޕެނަލްޓީ ވައްދާލަނީ. ފޮޓޯ: ޓްވިޓާ

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ  ފްރާންސާއި ވާދަކުރިން މެޗުން ބަލިވެ ޖަރުމަނު ލީގު ބީ އަށް ރެލިގޭޓްވުމުގެ ފުރުސަތު ބޮޑު ވެއްޖެއެވެ. ފްރާންސްގެ ދަނޑުގައި ރޭ ކުޅުނު މެޗުން އެޓީމު ބަލިވީ 2-1 އިންނެވެ. މި މެޗުން ބަލިވުމުން ތިން ޓީމު ހިމެނޭ މި ގްރޫޕުގައި އެންމެ ޕޮއިންޓަކާއެކު ޖަރުމަނު އޮތީ ފުލުގައެވެ.

ޖަރުމަނަށް ޕޮއިންޓެއް ލިބުނީ ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ފްރާންސާއި ވާދަކުރި މެޗު 0-0 އިން އެއްވަރު ކޮށްގެންނެވެ. އޭގެފަހުން މި ގްރޫޕުގެ ދެވަނައިގައި އޮތް ނެދަލޭންޑްސް އަތުން އެޓީމު ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. ރޭ ހޯދި މޮޅާއެކު ހަތް ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ފްރާންސެވެ. ދެވަނައިގައި ނެދަލޭންޑްސް އޮތީ ތިން ޕޮއިންޓާ އެކުއެވެ. މި ގްރޫޕުގައި ބާކި ދެމެޗު އޮތްއިރު އެ ދެމެޗުގައި ނެދަލޭންޑްސް ނުކުންނާއި ފްރާންސާއި ޖަރުމަނާއި ދެކޮޅަށެވެ.

ބަދަލުތަކަކާއެކު މެޗަށް ނުކުތް ޖަރުމަނު ޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި މޮޅަށްކުޅެ ލީޑުވެސް ނަގާފައެވެ. ފްރާންސްގެ ޑިފެންޑަރެއް އަތުން ބޯޅައިގައި ޖެހުމުން ލިބުނު ޕެނަލްޓީއަކުން މެޗުގެ 14 ވަނަ މިނެޓުގައި ޖަރުމަނުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޓޮނީ ކްރޫސް އެވެ. މެޗުގެ ދެވަނަ ހާފުގައި ފްރާންސަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެންޓޮއިން ގްރީޒްމަންއެވެ. 62 ވަނަ މިނެޓުގައި ގްރީޒްމަން މި ލަނޑު ޖެހީ ލޫކަސް ހެނާންޑޭޒް ނަގައިދިން ހުރަހަކުން ބޮލުންނެވެ. އޭގެ ފަހުން މެޗުގައި ފްރާންސް މޮޅުވި ލަނޑުވެސް ޖަހައިދިނީ ގްރީޒްމަން އެވެ. މި ލަނޑު 80 ވަނަ މިނެޓުގައި ގްރީޒްމަން ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. ފްރާންސަށް ޕެނަލްޓީ ލިބުނީ ޖަރުމަނުގެ ޑިފެންޑަރ މެޓް ހަމެލްސް ފްރާންސްގެ ބްލައިސް މަޓުއީޑީ އަށް އޭރިޔާ ތެރެއިން ކުރި ފައުލަކަށެވެ.

ރޭގެ މެޗުން ބަލިވުމުން އެޓީމު ވަނީ މި އަހަރު މިހާތަނަށް ހަ މެޗުން ބަލިވެފައެވެ. މިއީ އެގައުމުގެ ފުޓްބޯޅައިގެ ތާރީހުގައިވެސް މިހާ ދަށް ނަތީޖާތަކެއް ނެރުނު ފުރަތަމަ ފަހަރެވެ. އެޓީމު ވަނީ މިއަހަރު އެންމެ ފުރަތަމަ ބަލިވީ އެކުވެރިކަމުގެ މެޗެއްގައި ބްރެޒިލް އަތުން 1-0 އިންނެވެ. އޭގެ ފަހުން ވޯލްޑް ކަޕަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގައި މެޗެއްގައި އޮސްޓްރިއާ އަތުންވެސް 2-1 އިން ބަލިވިއެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިއިރު އެޓީމު ވަނީ މެކްސިކޯއާއި ސައުތު ކޮރެއާ އަތުންވެސް ބަލިވެފައެވެ. އަދި އެއަށްފަހު ނޭޝަންސް ލީގުގައި އެޓީމު ބަލިވީ ނެދަލޭންޑްސް އާއި ފްރާންސް އަތުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *