އިމްރާންގެ އެއްބަސްވުން ނިއުއިން އުވާލައިފި
ކްލަބުން ބަރާބަރަށް މުސާރަ ނުދޭތީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް ނިއު ރޭޑިއަންޓުގެ ގޯލް ކީޕަރ އިމްރާން މުހައްމަދުގެ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. އިމްރާންގެ އެއްބަސްވުން ކްލަބުން އުވާލީ އިއްޔެ އޭނާއަށް ފޮނުވި ސިޓީއެއްގައި އެކަން ބަޔާން ކޮށްފައެވެ.
ނިއުއިން ބުނީ އިމްރާންގެ އެއްބަސްވުން އުވާލީ ޕްރެކްޓިހާއި މެޗުތަކަށް ހާޒިރުނުވާތީ ކަމަށެވެ. ކްލަބުން ބުނެފައިވަނީ އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން އިމްރާން ޕްރެކްޓިސްތަކުގައި ބައިވެރިނުވާކަމަށާއި، އިމްރާންގެ ކޮންޓްރެކްޓް ބާތިލްކުރަން ނިންމީ ޗެއާމަން މުހައްމަދު ޒިޔާދު ކަމަށެވެ.
ނިއުއިން މިހެން ބުނެފައި ވީނަމަވެސް އިމްރާން ބުނީ، ސާފް ސުޒުކީ ކަޕަށް ރާއްޖޭގެ ލީގު މެދުކަނޑާލުމުން ޕްރެކްޓިސް މެދުކަނޑާލި ކަމަށާއި، އެއަށްފަހު އަލުން ޕްރެކްޓިސް ފެށީ ސެޕްޓެމްބަރ 16 ވަނަ ދުވަހު ކަމަށެވެ. އަދި އޭގެ ދެދުވަސް ފަހުން ނިއުއިން ވަނީ އެކުވެރިކަމުގެ މެޗެއް ކުޅުމަށް ބަންގްލަދޭޝަށް ގޮސްފައެވެ. ނަމަވެސް އަމިއްލަ ސަބަބަކާހުރެ އިމްރާން އެމެޗުގައި ބައިވެރިވެފައެއް ނުވެއެވެ.
އިމްރާންގެ ރައްދުގައި ބުނީ ކްލަބުން އޭނާއަށް އެޑްވާންސް ފައިސާ ދިންނަމަވެސް އެއީ ބަރާބަރަށް މުސާރަ ދިނުން ހުއްޓެންޖެހޭ ސަބަބެއް ނޫންކަމަށެވެ. އަދި ކްލަބުން މުސާރަ ނުލިބޭތީ އާމްދަނީ ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެހެންވެ ކްލަބްގެ ފަރިތަކުރުންތަކުގައި ބައިވެރި ނުވެވޭ ކަމަށް އޭނާ ބުނެފައިވެއެވެ. އިމްރާންގެ ކޮންޓްރެކްޓް އުވާލުމުން މި ސީޒަނުގައި ދެން އެއްވެސް ޓީމަކުން އޭނާ ނުފެންނާނެއެވެ.
ނިއުއިން ބަރާބަރަށް މުސާރަ ނުދޭތީ މީގެ ދެހަފްތާ ކުރިން އިމްރާން ވަނީ އެފްއޭއެމްއަށް އެ މައްސަލަ ހުށަހަޅާފައެވެ. މައްސަލަ ހުށަހެޅުމަށްފަހު ސޯޝަލް މީޑިއާ މެދުވެރިކޮށް އިމްރާން ވަނީ އެވާހަކަ ސަޕޯޓަރުންނާއި ހިއްސާކޮށްފައެވެ.
“ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އަޅުގަނޑާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ވާގޮތަށް ލިބެންޖެހޭ މުސާރަ ނުލިބި ލަސްވާތީ އެތައްފަހަރެއްގެ މަތީން ކްލަބާ މަޝްވަރާ ކޮށްގެންވެސް މިކަމަށް ހައްލެއް ލިބިފައި ނުވާތީ، މިކަން ހައްލު ކޮށްދެއްވުމަށް އެދި 2018/03/10 ވަނަ ދުވަހު އަޅުގަނޑު ވާނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ހުށަހަޅާފައެވެ. މިކަން އަޅުގަނޑަށް ސަޕޯޓް ކުރަށްވާ ހުރިހާ ފަރާތްތަކަށް އެނގިފައި އޮންނަން ވާނެކަމަށް ގަބޫލުކުރެވޭތީ ތި ހުރިހާ ފަރާތްތަކަށް މިކަން ހިއްސާކޮށްލީ. އަޅުގަނޑުގެ އުއްމީދަކީ ވީހާވެސް އަވަހަކަށް މިކަމަށް ހައްލެއް ލިބިގެން ދިއުން” ފޭސްބުކްގައި މީގެ ދެހަފްތާ ކުރިން އިމްރާން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
ވިކްޓްރީން ފުޓްބޯޅަ ކެރިއަރު ފެށި އިމްރާން ނިއުއަށް ފުރަތަމަ ބަދަލުވީ 2012 ވަނަ އަހަރުއެވެ. ނިއުއަށް ބަދަލުވުމަށްފަހު އޭނާ ވަނީ އެ ކްލަބުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. 2013 ވަނަ އަހަރު ހުރިހާ މެޗަކުން މޮޅުވެގެން ސީޒަން ނިންމާލިއިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އެ އަހަރު އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލަށް ނިއު ދަތުރުކުރި އިރުވެސް އިމްރާނަކީ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. 2015 ވަނަ އަހަރު ނިއު ދޫކޮށް އިމްރާން ބަދަލުވީ މާޒިޔާއަށެވެ. އޭގެފަހުން އިމްރާން ނިއުއަށް ބަދަލުވީ މިދިޔަ ސީޒަނުގައެވެ. މިދިޔަ ސީޒަނުގައި ނިއުއާއެކު އިމްރާން ދިވެހި ޕްރިމިއަރ ލީގާއި، ޕްރެސިޑެންޓްސް ކަޕް އަދި އެފްއޭކަޕް ކާމިޔާބު ކޮށްފައިވެއެވެ. އަދި މިއަހަރުގެ މާލޭ ލީގު ނިއުއިން ކާމިޔާބު ކުރިއިރުވެސް އިމްރާން ވަނީ މޮޅު ކުޅުމެއްދައްކާފައެވެ.
1999 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް މެދުކެނޑުމެއް ނެތި ރާއްޖޭގެ ގައުމީ ޓީމުގެ ގޯލުވެސް ބެލެހެއްޓި އިމްރާނަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރުގެ އިތުރުން ދަނޑުމަތީގައި އެފަދަ ދެވަނައެއް ނެތް ލީޑަރެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. ގައުމީ ޓީމަށް 111 މެޗު ކުޅެދިނުމަށްފަހު އިމްރާން ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އިމްރާނަކީ 2004 ވަނަ އަހަރު އޭޝިޔާގެ ގަދަބާރު ދެކުނު ކޮރެއާ ލަނޑެއް ނުޖެހި ރާއްޖެއާ އެއްވަރުވި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކީޕަރެކެވެ. މީގެ އިތުރުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރުވެސް އިމްރާން ވަނީ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އިމްރާން ގޯލުގައި ހުރެގެން 2014 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމު ވަނީ އޭއެފްސީ ޗެލެންޖް ކަޕްގެ ތިންވަނަ މަގާމްވެސް ހޯދާފައެވެ.
އިމްރާނާއި ކްލަބާއި މައްސަލަ ޖެހިގެން އެއްބަސްވުން އުވާލާފައިވާއިރު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވެސް ވަނީ މުސާރައިގެ މައްސަލައިގައި ނިއު ދޫކޮށް މިއަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެފައެވެ. ކީޕަރު އިމްރާން ނިއުގެ ޕްރެކްޓިހަށް ހާޒިރު ނުވާއިރު އެޓީމުގެ ބަދަލު ކީޕަރެއްގެ ގޮތުގައި ހުރި މުހައްމަދު ފައިސަލް ވެސް ކްލަބްގެ ޕްރެކްޓިހަށް ހާޒިރު ނުވާކަމަށް މައުލޫމާތުލިބެއެވެ.
Advertisement
Leave a Reply