މާޒިޔާ އަތުން ބަލިވެ ފެހެންދޫއަށް ލީގު ނިމިއްޖެ

Advertisement

މާޒިޔާ އަތުން ބަލިވެ ފެހެންދޫއަށް ލީގު ނިމިއްޖެ

ޢަލީ ޝަހީމް
މިއަދު ހަވީރު މާޒިޔާއާއި ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް އެމްވީ

ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު މާޒިޔާއާއި ވާދަކުރި މެޗުން 2-0 އިން ބަލިވެ ލީގުގެ ގަދަ އަށަކުން ފުރުސަތު ނުލިބި ފެހެންދޫ ލީގު ނިންމާލައިފިއެވެ. މިއަދުގެ މެޗުން ބަލިވުމުން 10 ޓީމު ވާދަކުރާ ލީގުގައި ފެހެންދޫ އޮތީ ނުވަ ވަނައިގައެވެ.  ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން އެޓީމު މޮޅުވީ ހަމައެކަނި ތިމަރަފުށި އަތުންނެވެ. އަދި ވިކްޓްރީއާއި ވާދަކުރި މެޗު ވަނީ އެއްވަރު ކޮށްފައެވެ. ފެހެންދޫއާއެކު ލީގުގެ ދެވަނަ ބުރުން ފުރުސަތު ނުލިބި ކެޓީ ތ. ތިމަރަފުށްޓެވެ. މި މެޗުން މޮޅުވުމުން މާޒިޔާ ވަނީ 19 ޕޮއިންޓާއެކު ދެވަނައަށް ޖެހިލާފައެވެ. ނަމަވެސް ލީގުގައި ކުރިއަށްހުރި މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން މާޒިޔާއަށް ދެވަނަ މަގާމް މަގާމު ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

މިއަދުގެ މެޗަށް ނުކުތްއިރު އެންމެ ފަހުން ށ. ފޯކައިދޫއާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިނުވާ ނާއިޒް ހަސަން (ދާދު) އަދި ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު އަމްދާން އަލީ (އެންޑީ) ވެސް ވަނީ މިއަދު ފުރަތަމަ އެގާރައިގައި ކުޅެފައެވެ. ނަމަވެސް މިއަދުގެ މެޗަށް އެޓީމުގެ ބިދޭސީ ފޯވާޑް ކޮނޭލިޔަސް ސްޓެވާޓް ހުރީ ސަސްޕެންޝަނުގައެވެ.

މެޗުގައި ފެހެންދޫ ޓީމުން ފެނުނު އެންމެ ބޮޑު ބަދަލަކީ އުމުރުން 40 އަހަރުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުލްމަޖީދު އިބްރާހީމް ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުމެވެ. ފެހެންދޫ ލީގަށް ކޮލިފައި ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ބ. އޭދަފުށްޓަށް އުފަން މަޖިއްޓޭ މިފަހަރުގެ ލީގުގައި ހަމައެކަނި ކުޅެފައިވަނީ ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.

މެޗުގެ ފުރަތަމަ ލަނޑު މާޒިޔާއިން ޖެހީ ނުވަ ވަނަ މިނެޓުގައެވެ. ނާއިޒް ހަސަން (ދާދު) ނަގައިދިން ކޯނަރަކުން މާޒިޔާގެ މި ލަނޑު މުހައްމަދު އިރުފާން (އިރޭ) ޖެހީ އޭރިޔާތެރޭގައި ހުރެފައި ބޮލުންނެވެ. މުޅި މެޗުގައިވެސް މާޒިޔާއަށް ލިބުނު ގިނަ ފުރުސަތުތައް ހުއްޓުވުމުގައި ފެހެންދޫ ޓީމުގެ ޒުވާން ކީޕަރު އިބްރާހީމް ޒަޔާން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފެހެންދޫއަށް މައްސަލަ ކުރިމަތިވީ މެޗުގެ 64 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ޑިފެންޑަރ ޗިމާ ޕޮޓެންޝިއަލްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ. ޗިމާއަށް ރަތްކާޑު ދެއްކީ ދާދުއަށް ކުރި ފައުލަކަށެވެ. މާޒިޔާގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހްމަދު އިމާޒް (އާއްކޮ) އެވެ. މާޒިޔާގެ ކުޅުންތެރިއަކު ފޮނުވާލި ބާރު ބޯޅަ ފެހެންދޫގެ ކީޕަރު ޒަޔާން މަތަކުރުމުން ލިބުނީ އާއްކޮއަށެވެ. އާއްކޮ ވަނީ ކީޕަރު ދެވަނަ ފަހަރަށް އެބޯޅައަށް އެރުމުގެ ކުރިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާގެ ޑިފެންޑަރު މޫސާ ޔާމީން އެވެ.

މެޗަށްފަހު ފެހެންދޫގެ ކޯޗު މޫސާ ނަސީމް ބުނީ ފެހެންދޫ ކްލަބެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށްފަހު ފުރަތަމަ އަހަރުވެސް ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. އެއީ އެރަށުން ވަރަށް ފާހަގަ ކުރާ ކާމިޔާބީއެއް ކަމަށާއި، ޓީމުގެ ސަޕޯޓަރުންވެސް ތިބީ ޓީމާއިއެކު ކަމަށް ނަސީމް ބުނެފައިވެއެވެ. ފެހެންދޫ ލީގަށް ކޮލިފައިވީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމުގެތެރޭގައި ހިމެނިގެންނެވެ. މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އަތޮޅު ޗެމްޕިއަންކަން އެޓީމު ހޯދީ 2016 ވަނަ އަހަރު އެ މުބާރާތް ކާމިޔާބު ކުރި ވަރުގަދަ އޭދަފުށި ބަލިކުރުމަށްފަހު އެވެ. އަދި ޒޯން މުބާރާތުގައި އެޓީމު ޗެމްޕިއަންކަން ހޯދީ ރ. މީދޫ ބަލިކުރުމަށްފަހު އެވެ. ފައިނަލް ބުރުގައި އެޓީމު ވަނީ މިދިޔަ އަހަރު ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރި މާޅޮސް ޓީމުވެސް ބަލިކޮށްފައެވެ.

މާޒިޔާގެ ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) ބުނީ މިއަދުގެ މެޗުގައި އެޓީމުން ކުޅުނީ ޕްރެޝަރެއް ނެތިކަމަށާއި، މައްސަލައަކަށް ދިމާވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުންކަމަށެވެ. މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވިނަމަވެސް ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ ކަމަށް އިންމަ ބުންޏެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސްއާއި ފ. ނިލަންދޫ އެވެ. މާދަމާރޭ ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *