އައްޑޫ ފަހުރުވެރިކޮށްދިން ދަރިންނަށް ހޫނު މަރުހަބާއެއް

Advertisement

އައްޑޫ ފަހުރުވެރިކޮށްދިން ދަރިންނަށް ހޫނު މަރުހަބާއެއް

ޢަލީ ޝަހީމް
ގަން އިންޓަނޭޝަނަލް އެއާޕޯޓުން ފޭދޫ އިއްބެ އާއި ބަކާއަށް މަރުހަބާ ކިޔަނީ. ފޮޓޯ: ގައުމީ ފުޓްބޯޅަ ޓީމް

ސާފް ސުޒުކީ ކަޕްގެ ތަށި ހޯދި ޓީމުގައި  ހިމެނޭ އައްޑޫ ސިޓީއަށް ނިސްބަތްވާ ދެކުޅުންތެރިންނަށް އައްޑޫން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ތަށި ހޯދި ޓީމުގައި ހިމެނޭ އައްޑޫގެ ދެ ކުޅުންތެރިންނަކީ ފޭދޫއަށް ނިސްބަތްވާ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި ހިތަދޫއަށް ނިސްބަތްވާ މުހައްމަދު އާރިފް (ބަކާ) އެވެ.

ފޭދޫ އިއްބެއަކީ މިފަހަރުގެ މުބާރާތް ރާއްޖެއަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔާއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބެންޗުން ކުޅެން އެރި ފޭދޫ އިއްބެ ވަނީ ކޯޗުގެ އިތުބާރު ހޯދައި އޭގެފަހުން ކުޅުނު މެޗުތަކުގައި ފުރަތަމަ އެގާރައިގައި  މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލް މެޗުގައި އިއްބެ ޖެހި ހިތްގައިމު ލަނޑަކީ ތަށި ހޯދުމަށް ރާއްޖެއަށް އެންމެ ބޮޑު އުއްމީދެއް ގެނެސްދިން ލަނޑެވެ. 2015 ވަނަ އަހަރު މިނިވަން ފަންސާން ފުޓްބޯޅަ މުބާރާތުގައި ފޭދޫ ޓީމުން ވިދާލުމަށްފަހު މިދިޔަ އަހަރު އެއްވަނަ ޑިވިޝަނުގެ ޓީސީ ސްޕޯޓްސް ކްލަބާ ގުޅުނު ފޭދޫ އިއްބެ އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއްވަނަ ޑިވިޝަނުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާއެވެ. ޓީސީގެ އިތުރުން ގައުމީ ޓީމުގައިވެސް ފޭދޫ އިއްބެ އަކީ މިހާރު މުހިއްމު ނަމެކެވެ.

Advertisement

އިއްބެއަށް ފޭދޫ ސްކޫލުގެ ކުދިން މަރުހަބާ ކިޔަނީ. މުބާރާތް ރާއްޖެއަށް ކާމިޔާބު ކޮށްދިނުމުގައި އޭނާގެ ދައުރު ބޮޑު. ފޮޓޯ. ގައުމީ ފުޓްބޯޅަ ޓީމް

ސާފް ތައްޓާއެކު އިއްބެ ފޭދޫއަށް ގޮސްފައިވަނީ އާދީއްތަ ދުވަހުއެވެ. އުފަން ރަށަށް ދިއުމުގެ ކުރިން ގަން އިންޓަނޭޝަނަލް  އެއާޕޯޓުން ދެކުޅުންތެރިންނަށް މަރުހަބާ ކިއުމަށް ރަތްކުލައިގެ ހެދުމުގައި ގިނަ ބަޔަކު ވަނީ ގޮސްފައެވެ. ފޭދޫއަށް ދިއުމުން ރަށުގެ ގިނަ ބަޔަކު  އިއްބެއަށް މަރުހަބާ ކިޔާފައިވާއިރު އެދުވަހު ފޭދޫ ސްކޫލުގައި ވަނީ ތައްޓާއެކު ފޮޓޯ ނެގުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ފޭދޫއަށްފަހު އިއްޔެ ތަށި ގެންދިޔައީ ބަކާ ނިސްބަތްވާ ހިތަދޫއަށެވެ. ބަކާ އަކީ ސާފް މުބާރާތް ދެ ފަހަރު ކާމިޔާބު ކުރި ދެކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ. 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ބަކާގެ އިތުރުން މިފަހަރުގެ މުބާރާތުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ ވެސް ހިމެނުނެވެ. މީގެ 10 އަހަރު ކުރިން ސާފްގެ ތަށި ރާއްޖޭން ކާމިޔާބުކުރި ޓީމުގައި އައްޑޫއަށް ނިސްބަތްވާ ތިން ކުޅުންތެރިން ހިމެނުނެވެ. ބަކާގެ އިތުރުން އެފަހަރުގެ ޓީމުގައި ހިމެނުނީ އަހްމަދު ސައީދު (އައްމަޓީ) އާއި ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. ދުވަސްތަކަކަށްފަހު ގައުމީ ޓީމުން ފުރުސަތު ލިބެންފެށި ބަކާއަކީ މިފަހަރުގެ ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

އެއާޕޯޓުން ބަކާއަށް މަރުހަބާ ކިޔަނީ. ބަކާ އަކީ ސަރަހައްދުގެ ޗެމްޕިއަންކަން ދެފަހަރު ކާމިޔާބު ކޮށްފައިވާ ކުޅުންތެރިއެއް. ފޮޓޯ: ގައުމީ ފުޓްބޯޅަ ޓީމް

ބަކާއަށް މަރުހަބާ ކިއުމުގެ ހަރަކާތްތައް ހިތަދޫ ސްކޫލުގައި ކުރިއަށް ގެންދިޔައިރު ހާއްސަކޮށް ސްކޫލް ދަރިވަރުން ވަނީ އެ ކާމިޔާބީގައި ވަރަށް ބޮޑަށް ބައިވެރިވެފައެވެ. ރަތްކުލައިގެ ހެދުމުގައި ތިބި ދަރިވަރުން ބަކާއަށް މަރުހަބާކީ ގައުމީ ޖޯޝާއި އެކުއެވެ. މީގެ އިތުރުން އިއްޔެ ވަނީ ހިތަދޫ ސްކޫލުގައި ތައްޓާއެކު ފޮޓޯ ނެގުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައެވެ.

ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރި ކުޅުންތެރިންގެ ރަށްރަށަށް ތަށި ގެންދަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައި ދަތުރުތައް ފަށާފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. ސާފް ތައްޓާއެކު އެންމެ ފުރަތަމަ ދަތުރުކުރީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ ނިސްބަތްވާ ނ. މާފަރަށާއި ސަމްދޫހު މުހައްމަދު ނިސްބަތްވާ ނ. ކުޑަފަރީއަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *