ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ފޮނަދޫއަށް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ދެވަނަ ޖާގަ ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. ފޮނަދޫ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅުނު ސެމީ ފައިނަލް މެޗުގައި ކްލަބް ވެމްކޯއާ ވާދަކޮށް ތިންސެޓު އެއްސެޓުން މޮޅުވެގެންނެވެ. މި މޮޅާއެކު ފައިނަލުގައި ފޮނަދޫ ނުކުންނާނީ މިދިޔަ އަހަރުގެ ރަނަރަޕް ޕޮލިސް ކްލަބާއި ދެކޮޅަށެވެ.
މި ދެޓީމު ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައިވެސް ވާދަކޮށްފައެވެ. އެ މެޗު ފަސޭހަކަމާއެކު ސީދާ ތިންސެޓުން މޮޅުވީ ފޮނަދޫ އެވެ. ނަމަވެސް މިއަދުގެ މެޗުގައި ވެމްކޯއިން ވަނީ ރަނގަޅު ވާދައެއް ކޮށްފައެވެ. މެޗުގެ ފުރަތަމަ ދެސެޓު ގެންދިޔައީ ފޮނަދޫ ޓީމުންނެވެ. ވާދަވެރި ކުޅުމަކަށްފަހު ފުރަތަމަ ސެޓު 29-31 އިން ގެންދިޔައިރު ދެވަނަ ސެޓުން ފޮނަދޫ ޓީމުން ވަނީ ފަސޭހަ ކަމާއެކު 16-25 އިން ކާމިޔާބު ކޮށްފައެވެ. މެޗުގެ ތިންވަނަ ސެޓު ވެމްކޯ ކާމިޔާބުކުރުމުން އެޓީމަށް އުއްމީދެއް ލިބިގެންދިޔައެވެ. މި ސެޓު އެޓީމު ކާމިޔާބު ކުރީ 25-16 އިންނެވެ. އެއަށްފަހު ވެމްކޯގެ އުއްމީދުތަކަށް ނިމުމެއް އައީ ހަތަރު ވަނަ ސެޓު 20-25 އިން ފޮނަދޫ ކާމިޔާބު ކުރުމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޮނަދޫ ޓީމުގެ އާއިޝަތު ޝައްފަ އެވެ.
މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޕޮލިސް ކްލަބުން ހޯދީ ހަތަރު ޕޮއިންޓާއެކުއެވެ. ފުރަތަމަ މެޗުގައި ފޮނަދޫ އަތުން އެޓީމު މޮޅުވިއިރު ދެވަނަ މެޗުގައި ވެމްކޯ އަތުން އެޓީމު ބަލިވީ ވާދަވެރި ކުޅުމަކަށްފަހު ތިންސެޓު ދެސެޓުންނެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދި ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭ 8:30 ގައި މުބާރާތް ކުރިއަށްދާ ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައެވެ.
Advertisement
Leave a Reply