އިނގިރޭސި ލީގު އަވަހަށް ފެށުމުން ސައުތުގޭޓް ރަތަށް
ވޯލްޑް ކަޕަށްފަހު ޕްރިމިއަރ ލީގު އަވަހަށް ފެށުމުން ކުޅުންތެރިންގެ ތާޒާކަން ގެއްލި އުނދަގޫހާލަތެއް ކުރިމަތި ވެއްޖެ ކަމަށް އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގަރެތް ސައުތުގޭޓް ބުނެފިއެވެ. ނޭޝަންސް ލީގުގައި މިރޭ ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސައުތުގޭޓް ބުނީ ޕްރިމިއަރ ލީގުގެ ކުޅުންތެރިންނަށް އަސްލު ކުޅުން ދެއްކުމުގައި އުނގަދޫވަނީ ވޯލްޑް ކަޕަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕްރިމިއަރ ލީގު ފެށުމުންކަމަށެވެ. ވޯލް ކަޕަށްފަހު ޕްރިމިއަރ ފަށާފައިވަނީ 26 ދުވަސްފަހުންނެވެ.
“އަހަރެންނަށް ހީވަނީ ޖިސްމާނީ ގޮތުންނަށްވުރެ ސައިކޮލޮޖިކަލީ ކަންނޭނގޭ ތާޒާކަން ނެތީ ކުޅުންތެރިންގެ” ގައުމީ ޓީމުގައި އަދި ކްލަބްގައިވެސް ބައެއް ކުޅުންތެރިންގެ އަސްލު ފެންވަރު ނުދެއްކޭ ސަބަބު ހާމަކުރަމުން ސައުތުގޭޓް ބުންޏެވެ.
ސައުތުގޭޓް ބުނީ ޕްރިމިއަރ ލީގު އަވަހަށް ފެށުމުން ބައެއް ކްލަބަތައް އަދިވެސް އެމީހުންގެ ފެންވަރުގައި ނުކުޅެވޭ ކަމަށާއި، ލީގުގައި ކުޅުންތެރިންގެ އަނިޔާގެ މައްސަލަތައްވެސް ބޮޑު ކަމަށެވެ.
“ހަގީގަތުގަ ލީގު އެހާ އަވަހަށް ފެށި ސަބަބެއް ނޭނގޭ. އެކަމަކު އެކަން ކޮށްފި. އެކަމުގެ ސަބަބުން ކްލަބްތައް ދިޔައީ ވަރަށް އުނދަގޫ ހާލަތަކަށް. ބަލާބަލަ ޓޮޓެންހަމަށް. އެމީހުންގެ ބައިވެރު ކުޅުންތެރިން ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނު” ޔޫރަޕްގެ އެހެން ލީގުތަކަށްވުރެ އިނގިރޭސި ޕްރިމިއަރ ލީގު އަވަހަށް ފެށުމުން ރުޅިގަދަވެފައި ހުރި ކޯޗު ބުންޏެވެ.
ވޯލްޑް ކަޕަށްފަހު ޕްރިއަރ ލީގުގެ ފުރަތަމަ މެޗު ކުޅުނީ އޮގަސްޓް 10 ވަނަ ދުވަހުއެވެ. ސްޕެނިޝް ލީގާއި އިޓަލީ ލީގު ފެށީ އޭގެ އެއް ހަފްތާ ފަހުންނެވެ. އަދި ޖަރުމަނު ލީގު ފެށި އެމަހުގެ 24 ވަނަ ދުވަހުއެވެ.
ސައުތުގޭޓް ބުނީ ލީގު އެހާ އަވަހަށް ފަށަން ނިންމީ އިނގިރޭސި ޓީމު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދާނެކަމަށް އުއްމީދު ނުކުރާތީ ކަމަށް ވެދާނެކަމަށެވެ.
“ފަހަރެއްގަ އެމީހުން ހީކުރީ ކަންނޭނގޭ ޖޫން މަސް ނިމެންވާއިރަށް އަހަރެމެން އެނބުރި ދާނޭ” ސައުތުގޭޓް ބުންޏެވެ.
ވޯލްޑް ކަޕްގައި ހަ ލަނޑު ޖަހައިގެން ރަންބޫޓު ހޯދި ހެރީ ކޭންއަށް އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނު ހަ މެޗުގައިވެސް ލަނޑެއް ޖެހިފައެއް ނުވެއެވެ.
މިރޭ ސްޕެއިންއާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓަރ ޔުނައިޓެޑްގެ ލޫކް ޝޯ އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ޑެނީ ރޯސް ހުރީ އަނިޔާގައެވެ. މި ކުޅުންތެރިންގެ އިތުރުން ޑިފެންޑަރު ޖޭމްސް ޓާކޮސްކީ އާއި ދާދި ފަހުން ގައުމީ ޓީމުން ފުރުސަތު ލިބުނު ގޯލް ކީޕަރު އެލެކްސް މެކާތީ ވެސް ހުރީ އަނިޔާގައެވެ.
ވޯލްޑް ކަޕްގެ ފަހު ހަފްތާގެ ކުޅުން ކުރިއަށްދިޔައިރު ޕްރިމިއަރ ލީގަށް ނިސްބަތްވާ 37 ކުޅުންތެރިން އެ މުބާރާތުގައި ކުޅުނެވެ. އޭގެތެރޭގައި ޓޮޓެންހަމްގެ ނުވަ ކުޅުންތެރިން ހިމެނޭއިރު މެންޗެސްޓަރ ޔުނައިޓެޑްގެ ހަތް ކުޅުންތެރިން ހިމެނުނެވެ. އަދި ޗެލްސީގެ ހަ ކުޅުންތެރިންނާއި މެންޗެސްޓަރ ސިޓީންވެސް ހަ ކުޅުތެރިން ކުޅުނެވެ. ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރި ކްރޮއޭޝިޔާ ޓީމާއި ޗެމްޕިއަންކަން ހޯދި ފްރާންސް އަދި ތިންވަނަ މަގާމް ހޯދި ބެލްޖިއަމްގައިވެސް އިނގިރޭ ޕްރިމިއަރ ލީގު ކުޅުން ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ.
Advertisement
Leave a Reply