ތިމަރަފުށި ބަލިކޮށް ޓީސީ އެއްވަނައިގައި ހަމަޖެހިލައިފި

Advertisement

ތިމަރަފުށި ބަލިކޮށް ޓީސީ އެއްވަނައިގައި ހަމަޖެހިލައިފި

ޢަލީ ޝަހީމް
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސައްޓު ތިމަރަފުށި ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެންދަނީ. ފޮޓޯ: އިމޭޖަސް އެމްވީ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ތިމަރަފުށްޓާއި ވާދަކުރި މެޗު 7-0 އިން ކާމިޔާބުކޮށް ޓީސީ ސްޕޯޓްސް ކްލަބް އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މިއަދުގެ މެޗުން މޮޅުވުމުން ޓީސީ އެއްވަނައިގައި އޮތީ 21 ޕޮއިންޓާއެކުއެވެ. ޓީސީގެ ފަހަތުން ނިއު ރޭޑިއަންޓާއި ކްލަބް އީގަލްސް އަށްވެސް ވަނީ 17 ޕޮއިންޓް ލިބިފައެވެ. ނިއު ދެވަނައިގައި އޮތީ އީގަލްސްއަވުރެ ފައިދާ ގޯލު ގިނަވުމުންނެވެ. ތިންވަނައިގައި އީގަލްސް އޮތްއިރު ހަތަރު ވަނައިގައި އޮތް މާޒިޔާ އާއި ފަސްވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް ވަނީ 16 ޕޮއިންޓް ހޯދާފައެވެ.

މި މެޗުން ބަލިވުމުން ތިމަރަފުށްޓަށް ވަނީ ގަދަ އަށަކަށް އެރުމުގެ ފުރުސަތު ގެއްލިފައެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތިމަރަފުށްޓަށް ލީގުގައި މިހާތަނަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. ލީގުގެ ފަހު މެޗުގައި ތިމަރަފުށި ނުކުންނާނީ ވިކްޓްރީއާ ދެކޮޅަށެވެ.

މިއަދު މެޗުގެ ފުރަތަމަ އެގާރައިގައި ޓީސީގެ އަލީ އަޝްފާގް (ދަގަނޑޭ) ހިމަނާފައެއް ނުވެއެވެ. އެންމެ ފަހުން ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް ބަލިވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ޓީސީގެ ހަމައެކަނި ލަނޑު ޖެހި ނިޝާމް މުހައްމަދު ރަޝީދަށް މިއަދު ފުރަތަމަ އެގާރައިން ވަނީ  ފުރުސަތު ދީފައެވެ.

ފުރަތަމަ ލަނޑު މެޗު ފަށައިގެން ދެވަނަ މިނެޓުގައި  ޖެހީ ޓީސީގެ ޑިފެންޑަރ މުހައްމަދު އަޖުފާން އެވެ. ޓީސީއަށް ލިބުނު ކޯނަރެއްގައި މުހައްމަދު ސާމިރު ނަގައިދިން ބޯޅަ އަޖުފާން ގޯލުގެ ތެރެއަށް ފޮނުވާލީ އޭރިޔާތެރޭގައި ހުސްކޮށްހުރެއެވެ. އެއަށްފަހު ލީޑު ފުޅާ ކުރުމަށް އިޝާން އިބްރާހީމް (ސައްޓު) އަށް ފުރުސަތެއް ލިބުނެވެ. ނަމަވެސް ސައްޓު ފޮވާލި ބޯޅަ ތިމަރަފުށީގެ ކީޕަރު އަޑެޓުންޖީ ލޯރެންސް ވަނީ މަތަކޮށްފައެވެ. މެޗުގައި ޓީސީގެ ދެވަނަ ލަނޑު 11 ވަނަ މިނެޓުގައިޖެހީ އިބްރާހީމް ވަހީދު ހަސަން އެވެ. އޭރިޔާތެރޭގައި ހުރި ނިޝާމްއަށް ބޯޅަ ލިބުމުން އޭނާ ޖައްސާލީ ހުސްކޮށް ހުރި އިއްބެ އަށެވެ. އިއްބެ ވަނީ އެއްފަހަރުން އެބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާ ކުރުމަށް އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި ސައްޓުއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފު ޓީސީން ފެށީ ތިން ބަދަލަކާއި އެކުއެވެ. ފަހަތަށް ކުޅެމުންދިޔަ ކެޕްޓަން އަހްމަދު ފައްރާހުގެ ބަދަލުގައި ކުޅެން އެރީ މުހައްމަދު މާޒިން އެވެ. މެދުތެރެއަށް ކުޅެމުންދިޔަ ނިޝާމް އާއި އަހްމަދު ރިލްވާންގެ ބަދަލުގައި ކުޅެން އެރީ ޔާމީން އިބްރާހީމް އާއި ދަގަނޑޭ އެވެ.

ޓީސީގެ ތިން ބަދަލާއިއެކު ދެވަނަ ހާފުގައި ހަމަލާތައް ވަނީ އިތުރު ކޮށްފައެވެ. މެޗުގައި ޓީސީގެ ތިންވަނަ ލަނޑު 55 ވަނަ މިނެޓުގައި ޖެހީ ޑިފެންޑަރ އަލާ ނާސިރު އެވެ. އެރިޔާތެރެއަށް މަތިން ހުރަސްކޮށްލި ބޯޅަ އަލާ ގޯލުގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ. އެއަށްފަހު ޓީސީގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ޖެހީ ސައްޓުއެވެ. 66 ވަނަ މިނެޓުގައި ސައްޓު ލަނޑު ޖެހީ ފޭދޫ އިއްބެ ނަގައިދިން ހުރަހަކުން ބޮލުންނެވެ. އޭގެ ފަހުން 74 މިނެޓުގައި ޓީސީގެ ފަސްވަނަ  ލަނޑު ސައްޓު ޖެހީ ސާމިރު ނަގައިދިން ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. ޓީސީގެ ފަހު ދެ ލަނޑު ކާމިޔާބު ކޮށްދިނީ ދަގަނޑޭ އެވެ. 81 ވަނަ މިނެޓުގައި ދަގަނޑޭގެ ފުރަތަމަ ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސްކޮށްދިނީ ސާމިރު އެވެ. ސާމިރު ނަގައިދިން ބޯޅަ ދަނގަޑޭ ގޯލުގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ. މެޗުގެ ފަހު ލަނޑު ދަގަނޑޭ ޖެހީ އިތުރު ވަގުތުގައެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ތިމަރަފުށީގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ތިރިތިރިން ދަގަނޑޭ  ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެޗުގައި ދެ ލަނޑު ޖެހި ސައްޓުއެވެ.

ލީގުގެ ފުރަތަމަ ބުރުގައި ދެން ކުޅޭނީ ފަހު މެޗުތަކެވެ. އެއަށްފަހު ގަދަ އަށް ޓީމު ލީގުގެ ދެވަނަ ބުރަށް ކޮލިފައިވާނެއެވެ. ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނުމަށް މިހާރު މަސައްކަތް ކުރަމުން ދަނީ ބ. ފެހެންދޫއާއި ވިކްޓްރީގެ އިތުރުން ފ. ނިލަންދޫ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *