އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަނުގައި މިފަހަރު ހަތް ޓީމު

Advertisement

އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަނުގައި މިފަހަރު ހަތް ޓީމު

ޢަލީ ޝަހީމް
މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވިއަން ޓީމް ޓްރޮފީއާއެކު. ފޮޓޯ: މިހާރު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަނުގައި މިފަހަރު ހަތް ޓީމަކުން ބައިވެރި ވެއްޖެއެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި އަށް ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ހަތް ޓީމު ބަހާލައިފައިވަނީ ދެ ގްރޫޕަކަށެވެ. ގްރޫޕް އޭ ގައި ހިމެނެނީ ޕޮލިސް ކްލަބާއި، ހުޅުމާލެ ސްޕޯޓްސް ކްލަބް، ހޯކްސް ސްޕޯޓްސް ކްލަބް އަދި އޭއޭއައި ސްޕޯޓްސް ކްލަބެވެ. ގްރޫޕް ބީ ގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާއި، ގުޑީސް ސްޕޯޓްސް ކްލަބް އަދި މަލްސަން ސްޕޯޓްސް ކްލަބެވެ.

Advertisement

މިފަހަރުގެ މުބާރާތުގައި މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބާއި ވ. އަތޮޅަށް ނިސްބަތްވާ ސީލައިފް ސްޕޯޓްސް ކްލަބް ބައިވެރިވެފައެއް ނުވެއެވެ. މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން މޯލްޑިވިއަން ހޯދީ ފައިނަލުގައި ސީލައިފް ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މޯލްޑިވިއަން އަކީ މިދިޔަ އަހަރު ގައުމީ ވޮލީ ލީގުގެވެސް ޗެމްޕިއަނުންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ ޕޮލިސް ކްލަބާއި ހުޅުމާލޭ ސްޕޯޓްސް ކްލަބެވެ. މި މެޗު ފަށާނީ މިރޭ 8:30 ގައެވެ. މި މުބާރާތުގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާއިރު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދެ ގްރޫޕުގެ އެއްވަނަ ހޯދާ ދެޓީމެވެ. ފުރަތަމަ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށް ފައިނަލުން ސީދާ ޖާގައެއް ލިބޭނެއެވެ. ދެވަނަ ސެމީ ފައިނަލުގައި ވާދަކުރާނީ ދެ ގްރޫޕުންވެސް ދެވަނައަށް ދާ ދެޓީމެވެ. އެތަނުން މޮޅުވާ ޓީމެއް ތިންވަނަ ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ ފުރަތަމަ ސެމީ ފައިނަލުން ބަލިވާ ޓީމާއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.

ވީއޭއެމް އިން ވަނީ އަންހެން ކުޅުންތެރިންނަށް އަމާޒުކޮށްގެން މި އަހަރު އެސޯސިއޭޝަން ކަޕް ކުރިއަށް ގެންގޮސްފައެވެ. އަދި އިއްޔެ ވަނީ 50 ވަނަ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތްވެސް ފަށާފައެވެ. މިއަހަރު މިހާތަނަށް ފިރިހެން ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި އިންޓަރ ރިސޯޓް ވޮލީ މުބާރާތެވެ.

ވޯލީބޯޅަ ކަލަންޑަރުން މިފަހަރު ފެނުނު އެންމެ ބޮޑު ބަދަލަކީ ގައުމީ ވޮލީ ލީގު ނުބޭއްވުމެވެ. މީގެ ކުރިން މާލޭ ލީގުގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތަކީ ވޮލީބޯޅައިގެ އެންމެ ފޯރިގަދަ މުބާރާތެވެ. ވީއޭއެމް އިން ބުނީ މިފަހަރުގެ މުބާރާތް ކެންސަލްކުރަން ޖެހުނީ ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓު ލިބިފައިވާ މުއްދަތަށް ބަލައިގެން ކަމަށެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *