ނިލަންދޫ އަތުން ނިއުއަށް އުނދަގޫ މޮޅެއް

Advertisement

ނިލަންދޫ އަތުން ނިއުއަށް އުނދަގޫ މޮޅެއް

ޢަލީ ޝަހީމް
މިރޭގެ މެޗުގެ ހަމައެކަނި ލަނޑު ސެންޓޭ ޖަހަނީ. ފޮޓޯ: އިމޭޖަސް އެމްވީ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ފ. ނިލަންދޫއާ ވާދަކުރި މެޗުން 1-0 އިން މޮޅުވެ ނިއު ރޭޑިއަންޓް ލީގުގެ ދެވަނައަށް ޖެހިލައިފިއެވެ. މިރޭގެ މެޗުގައި ނިލަންދޫ ޓީމުން ވަނީ ނިއުގެ ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ނިއުއިން ވަނީ މިނިވަން ޗެމްޕިއަންޝިޕުން ލީގަށް ކޮލިފައިވި ފެހެންދޫ އަދި ތިމަރަފުށި ކޮޅަށް ގިނަ ލަނޑުތަކެއް ޖަހައިފައެވެ.

މިރޭގެ މެޗުން މޮޅުވުމުން 17 ޕޮއިންޓާއެކު ނިއު ވަނީ އެއްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި އެއް ޕޮއިންޓް ކައިރިއަށް ޖެހިލައިފައެވެ. ތާވަލުގެ ތިންވަނައިގައި އީގަލްސް އޮތީވެސް 17 ޕޮއިންޓާއެކުއެވެ. ނަމަވެސް ފައިދާ ގޯލުން ކުރި ލިބެނީ ނިއުއަށެވެ. ލީގުގައި މާދަމާރޭ ތިމަރަފުށި ބަލިކޮށްގެން ޓީސީއަށް އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އެބައޮތެވެ.

Advertisement

މިރޭގެ މެޗަށް ނިއުގެ ޓީމުން ފެނުނު އެންމެ ބޮޑު ބަދަލަކީ އެޓީމުގެ ތިންވަނަ ކީޕަރު ހަސަން އަބްދުލްހަކީމަށް ފުރަތަމަ އެގާރައިން ފުރުސަތު ދިނުމެވެ. ހަސަން އަކީ މިދިޔަ އަހަރު ބޭއްވި ސިޔާމް މައުރޫފް ސޮކާ ކަޕުން ފާހަގަ ކުރެވިގެން މި އަހަރު ނިއުއަށް ގެނައި ކުޅުންތެރިއެކެވެ. ނަމަވެސް ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދާއި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ހިމެނޭ ނިއުގެ ޓީމުން ހަސަން އަށް ފުރަތަމަ އެގާރައިން މީގެ ކުރިން ފުރުސަތު ލިބިފައެއް ނުވެއެވެ. މިރޭގެ މެޗުގައި ނިއުއިން ވަނީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށްފަހު ފުރަތަމަ ފަހަރަށް އަކްރަމް އަބްދުލްގަނީވެސް ފުރަތަމަ އެގާރައިގައި ހިމަނައިފައެވެ.

ނިލަންދޫ ޓީމުން މިރޭގެ މެޗު ފެށިގެންވެސް ކުޅެމުން ދިޔައީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންނެވެ. އެޓީމުގެ ފަހަތުގައި އާއްމުކޮށް ކުޅެމުން އަންނަ ފާރޫގް އިސްމާއީލް މިރޭ ފެނުނީ ޓީމުގެ މެދުތެރޭގައި ހަރަކާތްތެރި ވާތަނެވެ. ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އާދަމް އަބްދުއްލަޠީފް (ލައްޗޭ) ގެ އިރުޝާދުގެ ދަށުން ނިލަންދޫ ޓީމު އަންނަނީ ލީގުގައި ރަނގަޅު ވާދައެއް ކުރަމުންނެވެ. މިރޭގެ މެޗުން ބަލިވިނަމަވެސް ހަތް ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ ހަތްވަނައިގައެވެ.

މިރޭގެ މެޗު ފެށިގެން ފުރަތަމަ ފަސް މިނެޓު ތެރޭގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) އަށް ލަނޑު ޖަހާނެ ހުސް ދެ ފުރުސަތެއް ވަނީ ލިބިފައެވެ. ތިންވަނަ މިނެޓުގައި އޭރިޔާތެރޭގައި ހުރި ސެންޓޭއަށް ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އޭގެ މިނެޓެއް ފަހުން އޭރިޔާތެރޭގައި ހުސްކޮށް ހުރެ ސެންޓޭ ފޮނުވާލި ބޯޅަވެސް ދިޔައީ ތިރިތިރިން ބޭރަށެވެ. މެޗުގައި ނިއުގެ ހަމައެކަނި ލަނޑު ސެންޓޭ ޖެހީ 29 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ނިއުއަށް ޕެނަލްޓީ ލިބުނީ ސެންޓޭއަށް ނިލަންދޫ ޓީމުގެ އަހްމަދު ސާޖިދު ކުރި ފައުލަކަށެވެ.

ދެވަނަ ހާފުގައިވެސް ނިއުއިން ވަނީ ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ. މި ހާފުގައި ނިލަންދޫ ޓީމުންވެސް ވަނީ ލިބުނު ކައުންޓަރ އެޓޭކްތަކުގައި ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. ނިލަންދޫ ޓީމުގެ އާދިލް އަލީ ވަނީ މިރޭގެ މެޗުގައި ލިބުނު ބޯޅަތަކުގައި ނިއުގެ ޑިފެންސަށް ބާރު ބޮޑުކޮށްފައެވެ. ނަމަވެސް އާދިލްއަށް ސަޕޯޓް ދޭނެ ކުޅުންތެރިން ނެތުމުން ލަނޑު ޖަހާނެ މާ ހުސް ފުރުސަތެއް އެޓީމަށް ލިބިފައެއް ނުވެއެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ތ. ތިމަރަފުށްޓެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *