ގްރީން ސްޓްރީޓްސް އަށް ވިކްޓްރީ އަތުން މުހިއްމު މޮޅެއް

Advertisement

ގްރީން ސްޓްރީޓްސް އަށް ވިކްޓްރީ އަތުން މުހިއްމު މޮޅެއް

ޢަލީ ޝަހީމް
ގްރީން ސްޓްރީޓްސްގެ އަސްހަދު އަލީ (އަޑުބަރޭ) މާޒިޔާއާއި ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ވިކްޓްރީ ސްޕޯޓްސް ކްލަބް 4-1 އިން ބަލިކޮށް ކްލަބް ގްރީން ސްޓްރީޓްސް 16 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފިއެވެ.

ލީގުގެ އެއްވަނައިގައި 18 ޕޮއިންޓާއެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ. ދެވަނައިގައި 17 ޕޮއިންޓާއެކު އީގަލްސް އޮތްއިރު ތިންވަނައިގައި 16 ޕޮއިންޓާއެކު އޮތީ މާޒިޔާއެވެ. ގްރީންއަށް ތާވަލުގެ ހަތަރު ވަނަ ލިބެނީ ފައިދާ ގޯލު މާޒިޔާއަށްވުރެ މަދުވެގެންނެވެ. ލީގުގެ ފަސްވަނައިގައި 14 ޕޮއިންޓާއެކު އޮތީ އެއްމެޗު މަދުން ކުޅެފައިވާ ނިއު ރޭޑިއަންޓެވެ.

ލީގުގެ ފުރަތަމަ ފަސް ޓީމު ގާތްގާތުގައި އޮތްއިރު މިރޭ ފ. ނިލަންދޫއާއި ކުޅޭ މެޗުން މޮޅުވެގެން ނިއު އަށް ދެވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އަދި މާދަމާރޭ ތ. ތިމަރަފުށްޓާއި ވާދަކުރާ މެޗުން މޮޅުވެގެން ޓީސީއަށްވެސް ޓޭބަލްގެ އެއްވަނައިގައި ފަރަގު ބޮޑު ކުރުމުގެ ފުރުސަތު އެބައޮތެވެ. މިއަދުގެ މެޗުން ބަލިވުމުން ގަދަ އަށެއްގައި ހިމެނުމަށް ވިކްޓްރީއަށް މިވަނީ އިތުރު މަސައްކަތެއް ކުރަން ޖެހިފައެވެ. ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ވިކްޓްރީ ނުކުންނާނީ ފުލުގައި އޮތް ތިމަރަފުށްޓާއި ދެކޮޅަށެވެ. ގަދަ އަށަކަށް ވިކްޓްރީއާއި އެންމެ ގާތުން ވާދަކުރާ ބ. ފެހެންދޫ ފުރަތަމަ ބުރުގެ ފަހު މެޗުގައި ކުޅެން ޖެހޭނީ މާޒިޔާއާއެވެ. އެމެޗުން ފެހެންދޫ މޮޅު ނުވެއްޖެނަމަ ވިކްޓްރީއަށް ގަދަ އަށެއްގެ ފުރުސަތެއް ލިބިގެން ދާނެއެވެ.

މިއަދުގެ މެޗުގައި ގްރީންގެ ގޯލު ބެލެހެއްޓީ މުހައްމަދު ޖަޒްލާން އެވެ. އެޓީމުގެ އިތުބާރު ޑިފެންޑަރ މުހައްމަދު ސާއިފް ސަސްޕެންޝަނުގައި ހުރިއިރު އަސްހަދު އަލީ (އަޑުބަރޭ) ވެސް މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައެއް ނުވެއެވެ. އެންމެ ފަހުން ޓީސީ 2-1 އިން ބަލިކުރި މެޗުގައި ގްރީންގެ ދެ ލަނޑު ޖެހި ހޯސޭ އަވީލާވެސް މެޗު ފެށިއިރު އިނީ ބެންޗުގައެވެ. ނިއު ރޭޑިއަންޓާއި ވާދަކޮށް އެއްވަރުކުރި މެޗުގައި ރީނދޫ ކާޑު ދެއްކުމުގެ ސަބަބުން ވިކްޓްރީގެ ބިދޭސީ ދެ ޑިފެންޑަރުން މިއަދުގެ މެޗަށް ވަނީ ސަސްޕެންޑް ވެފައެވެ.

މިއަދުގެ މެޗުގައި ގްރީން އިން ޖެހި ހަތަރު ގޯލުގެ ތެރެއިން ތިން ގޯލު ޖެހީ އެޓީމުގެ ބިދޭސީ ފޯވާޑް ރޮލާންޑް ރަސެލް ބިލާލާ އެވެ. ރަސެލް ފުރަތަމަ ގޯލު ޖެހީ މެޗުގެ 16 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ގްރީންއަށް ޕެނަލްޓީ ލިބުނީ ވިކްޓްރީގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުންނެވެ. މި މެޗުގައި ގްރީންގެ ދެވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ޖެހީ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު  ޝައްފާޒް (ސައްޕޭ) އެވެ. ސައްޕޭ މި ލަނޑު ޖެހީ އަރިމަތިން ކުޅޭ އެޓީމުގެ އަހްމަދު ރިލްވާން ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ގްރީންއިން ދެ ލަނޑުގެ ލީޑެއްގައި އޮއްވައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓްރީން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. 40 ވަނަ މިނެޓުގައި މިރާހު މުހައްމަދު ނަގައިދިން ހުރަސް ގްރީންގެ ކުޅުންތެރިއަކަށް ލިބުމުގެ ކުރިން އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ އަހްމަދު ރަޝީދު (އައްމަޑޭ) އެވެ.

ގްރީންގެ ތިންވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ރަސެލް ޖެހީ އަވީލާ ޖެހި ބޯޅައެއް ވިކްޓްރީގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ލިބުނު ވަގުތުއެވެ. ރަސެލް އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 80 ވަނަ މިނެޓުގައެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ހެޓްރިކް ހެދި ރަސެލްއަށެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *