ގައުމީ އަންހެން ވޮލީބޯޅަ މުބާރާތް މިއަދު ފަށަނީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ 50 ވަނަ ގައުމީ އަންހެން ވޮލީބޯލް މުބާރާތް މިއަދު ފަށާނެއެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ތިން ޓީމަކުންނެވެ. މުބާރާތުގެ މެޗުތައް ކުރިއަށް ގެންދާނީ ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައެވެ.
މިފަހަރުގެ މުބާރާތުގައި ބައިވެރިވީ ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބާއި ކްލަބް ވެމްކޯގެ އިތުރުން ޕޮލިސް ކްލަބެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބާއި ކްލަބް ވެމްކޯ އެވެ. މި މުބާރާތުގައި ބައިވެރިވާ ވެމްކޯ ވަނީ މިއަހަރުގެ މެއި މަހު ކުރިއަށް ގެންދިޔަ ވީއޭއެމް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ދެވަނަ ހޯދާފައެވެ. މުބާރާތުގައި އެޓީމު ފައިނަލުގައި ބަލިވީ މާފަންނު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން (މައިޑާ) އާއި ވާދަކޮށް 3-2 ސެޓުންނެވެ.
ތިން ޓީމު ބައިވެރިވާ މި މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުންނެވެ. އެއްވަނައަށް ދާޓީމަކަށް ސީދާ ފައިނަލުގެ ޖާގައެއް ލިބޭއިރު ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ދެވަނަ އަދި ތިންވަނަ ޓީމުގެ ދެމެދުގައި ކުޅޭ ސެމީ ފައިނަލުގެ މެޗަށް ފަހުއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވާ ބުދަ ދުވަހުއެވެ.
ވީއޭއެމް އިން އަންހެން ކުޅުންތެރިންނަށް އަމާޒުކޮށްގެން މި އަހަރު ވަނީ އެސޯސިއޭޝަން ކަޕް ކުރިއަށް ގެންގޮސްފައެވެ. މިހާތަނަށް ފިރިހެން ކުޅުންތެރިންނަށް ކުރިއަށް ގެންގޮސްފައިވަނީ އިންޓަރ ރިސޯޓް ވޮލީ މުބާރާތް އެކަންޏެވެ. ނަމަވެސް އެ އެސޯސިއޭޝަނުން ވަނީ ފިރިހެން ޑިވިޝަނުގެ އެސޯސިއޭޝަން ކަޕް މުބާރާތް މާދަމާ ފަށާގޮތަށް ހަމަޖައްސާފައެވެ.
ވޯލީބޯޅަ ކަލަންޑަރުން މިފަހަރު ފެނުނު އެންމެ ބޮޑު ބަދަލަކީ ގައުމީ ވޮލީ ލީގު ނުބޭއްވުމެވެ. މީގެ ކުރިން މާލޭ ލީގުގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތަކީ ވޮލީބޯޅައިގެ އެންމެ ފޯރިގަދަ މުބާރާތެވެ.
Advertisement


Leave a Reply