ފޯކައިދޫ ބަލިކޮށް މާޒިޔާއިން ފޯމު ދަމަހައްޓައިފި
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ށ. ފޯކައިދޫއާއި ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް މާޒިޔާ ތާވަލުގެ ތިންވަނަ އަށް ކުރިއަށް ޖެހިލައިފިއެވެ. 16 ޕޮއިންޓާއެކު މާޒިޔާއަށް ތާވަލުގެ ތިންވަނަ ލިބޭއިރު މާދަމާރޭ ފ. ނިލަންދޫއާއި ވާދަކުރާ މެޗުން ނިއު ރޭޑިއަންޓް މޮޅުވެއްޖެ ނަމަ މާޒިޔާ ހަތަރު ވަނައަށް ވެއްޓޭނެއެވެ. ލީގުގެ އެއްވަނައިގައި 18 ޕޮއިންޓާއެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ. ދެވަނައިގައި ކްލަބް އީގަލްސް އޮތީ އެއް މެޗު އިތުރަށް ކުޅެ 17 ޕޮއިންޓާއި އެކުއެވެ.
މިއީ ލީގުގައި ޖެހިޖެހިގެން މާޒިޔާ މޮޅުވި ހަތަރު ވަނަ މެޗެވެ. ލީގުގެ ކުޅުން ދެމަސްދުވަހަށް މެދުކަނޑާލުމަށްފަހު ފެށިފަހުން އެޓީމު ދަނީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އެޓީމު ވަނީ 13 ގޯލު ޖަހާފައެވެ. ބައިކޮޅަށް ވަނީ އެންމެ ދެ ގޯލެވެ.
މިރޭގެ މެޗުން ބަލިވިނަމަވެސް ފޯކައިދޫއަށް މިހާރު ވަނީ ގަދަ އަށެއްގެ ޖާގައެއް ކަށަވަރު ވެފައެވެ. ލީގުގެ ހަވަނައިގައި އެޓީމު އޮތީ ކުޅުނު އަށް މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ. ލީގުގެ އެންމެ ފުލުގައި އޮތް ފެހެންދޫއާއި ތިމަރަފުށި ކުޅެން ޖެހޭ މެޗުތަކުން މޮޅުވެގެންވެސް ފޯކައިދޫއަށް ލިބިފައިވާ ޕޮއިންޓާއި އަރާހަމަ ނުކުރެވޭނެއެވެ. ލީގުގެ ނުވަ ވަނައިގައި ހަތަރު ޕޮއިންޓާއެކު ފެހެންދޫ އޮތްއިރު ފުލުގައި ތިމަރަފުށި އޮތީ އެއް ޕޮއިންޓާއެކުއެވެ.
މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި މާޒިޔާ ޓީމުގެ މުހިއްމު ކުޅުންތެރިޔާ ނާއިޒް ހަސަން (ދާދު) ހިމަނާފައެއް ނުވެއެވެ. ނަމަވެސް ލީގުގައި އެންމެ ފަހުން ތިމަރަފުށްޓާއި ވާދަކުރި މެދުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު އިސްމާއީލް އީސާ ވަނީ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.
މިރޭގެ މެޗުގައި މާޒިޔާގެ ދެ ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. މެޗުގެ ފުރަތަމަ ގޯލާއި ހަމައަށް އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތެއް މެޗުގައި ލިބިފައެއް ނުވެއެވެ. މާޒިޔާގެ ފުރަތަމަ ގޯލު މެޗުގެ 32 ވަނަ މިނެޓުގައި ޖެހީ އަބްދުﷲ ޖުނެއިދެވެ. އޭރިޔާ ބޭރުން ޖުނެއިދަށް ލިބުނު ބޯޅަ ފޯކައިދޫގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ދިހަ މިނެޓުފަހުން މާޒިޔާއަށް ލީޑު ފުޅާކޮށްދިނީ އަހްމަދު އިމާޒް (އާއްކޮ) އެވެ. އާއްކޮ މި ގޯލު ޖެހީ އަސަދުﷲ އަބްދުﷲ ހާފް އޭރިޔާ ބޭރުގައި ހުރެފައި ނަގައިދިން ބޯޅަ މެއިން ކޮންޓްރޯލް ކުރުމަށްފަހު އެއްފަހަރުން ފޮނުވާލައިގެންނެވެ. މިއީ ފަހަކަށް އައިސް ލީގުގައި ފެނުނު އެންމެ ހިތްގައިމު އެއް ގޯލެވެ.
ދެވަނަ ހާފު ފެށިގެން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މާޒިޔާގެ ބިދޭސީ ފޯވާޑް ކޮނޭލިޔަސް ސްޓެވާޓަށެވެ. އަމިއްލަ ހާފް ތެރެއިން މާޒިޔާގެ ކުޅުންތެރިއަކު ފޮނުވާލީ ބޯޅަ އޭނާއަށް ލިބުމުން ފޯކައިދޫގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގައި ދަނޑި ކައިރިން ތިރިތިރިން ބޭރަށެވެ.
ފޯކައިދޫން މެޗުގައި އެއްވަރުކުރީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން މުހައްމަދު ޖައިލަމް އެވެ. ޕެނަލްޓީ ލިބުނީ ޖައިލަމް އޭރިޔާ ތެރެއަށް ބޯޅަ ހޯދުމަށް ދުވެފައިދިޔަ ވަގުތު މާޒިޔާގެ ސަމޫހު އަލީ ފައުލް ކުރުމުންނެވެ. މި ޕެނަލްޓީ ދިނުމުން މާޒިޔާ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. މިއީ ލީގުގައި ކުޅުނު އަށް މެޗުގައި ޖައިލަމް ޖެހި ހަވަނަ ލަނޑެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. މާދަމާރޭ ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ނުކުންނާނީ ފ. ނިލަންދޫއާއި ދެކޮޅަށެވެ.
Advertisement
Leave a Reply