ހަޒާޑް ޖެނުއަރީ މަހު ރެއާލަށް ނުދާނެ

Advertisement

ހަޒާޑް ޖެނުއަރީ މަހު ރެއާލަށް ނުދާނެ

ޢަލީ ޝަހީމް

އަންނަ ޖެނުއަރީމަހު އޮންނަ ޓްރާންސްފާ މުއްދަތުގައި ޗެލްސީގެ ތަރި އެޑެން ހަޒާޑް އެ ކްލަބް ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ނުދާނެކަމަށް ބުނެފިއެވެ. ހަޒާޑް މިހެން ބުނީ މިރޭ ޔޫއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިން ބައްދަލުވުމުގައެވެ. ޖެނުއަރީމަހު ރެއާލަށް ނުދިއަޔަސް ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ ހޯދުމަށް ކްލަބް ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް ހަޒާޑް ވަނީ ބުނެފައެވެ.

އުމުރުން 27 އަހަރުގެ ހަޒާޑް މިމަހުގެ ކުރީކޮޅު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ރެއާލަށް ކުޅުމަކީ އެންމެ ކުޑަ އިރުގެވެސް ހުވަފެނެއް ކަމަށެވެ. ހަޒާޑް ބުނީ ސްޕެއިންއަށް ބަދަލުވާން ބޭނުންވާ އެންމެ މުހިއްމު ސަބަބަކީ ވަކިވަކި ކުޅުންތެރިންނަށްދޭ އެވޯޑުތައް ހޯދުމެވެ.

“ފަހަރެއްގައި އެއީ ކަމަށް ވެދާނެ އަހަރެން ދާން ބޭނުންވާ ސަބަބަކީ” ސްޕެއިންއަށް ބަދަލުވުމުގެ ވިސްނުން ހުރީ އަމިއްލަ އެވޯޑުތަކެއް ހޯދުމަށްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ހަޒާޑް ބުންޏެވެ.

ޗެލްސީއާއެކު ހަޒާޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރަށެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުން މި ސީޒަން ނިމުމުން 70 މިލިއަން ޕައުންޑަށް ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ. ހަޒާޑުގެ އެއްބަސްވުން ޗެލްސީއަށް އާ ނުކުރެވިއްޖެނަމަ ކޮންޓްރެކްޓް މުއްދަތު ހަމަވުމުން ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލު ކުރުމުގެ ފުރުސަތު ލިބޭނެއެވެ. ރެއާލުން ވަނީ ޗެލްސީއަށް ކުޅެމުންދިޔަ ބެލްޖިއަމްގެ ކީޕަރު ތިބައޫ ކޯޓުއާވެސް އެއްބަސްވުމުގެ މުއްދަތު ހަމަވާން އަހަރަކަށް ވުމުން ގެންގޮސްފައެވެ. މި ސީޒަނަށް އެޓީމުން ކޯޓުއާ ގެންދިޔައީ 35 މިލިއަން ޕައުންޑަށެވެ.

މި ސީޒަނުގައި މިހާތަނަށް ޖެހި 7 ގޯލާއެކު އޭނާއަކީ އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ހަޒާޑް ލީގުގައި ހަތް ގޯލު ޖެހިއިރު މުޅި ރެއާލް މެޑްރިޑަށްވެސް ލީގުގައި މިހާތަނަށް ޖެހިފައިވަނީ ހަތް ގޯލެވެ. ރެއާލާއި އަލަށް ހަވާލުވި ކޯޗު ޖޫލޭން ލޮޕެޓީގުގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ. އަނެއްކޮޅުން މިދިޔަ ސީޒަނަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބް ދޫކޮށްލުމުންވެސް ލަނޑު ޖެހުމުގެ ރޭހުގައި އެ ކްލަބް އުޅެނީ އެހެން ކްލަބްތަކަށްވުރެ ފަހަތުގައެވެ.

ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ހިމެނުނުއިރު ހަޒާޑަކީ މި ސީޒަނުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާއެވެ. ހަޒާޑް ބުނީ މިވަގުތު ހުރި ފޯމަށް ބަލާއިރު އޭނައަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަމަށެވެ.

2012 ވަނަ އަހަރު ޗެލްސީގެ ލީލް އިން ޗެލްސީއަށް ބަދަލުވުމަށްފަހު މިހާތަނަށް ކުޅުނު 216 މެޗުގައި ހަޒާޑް ވަނީ އެ ކްލަބަށް 76 ގޯލު ޖަހައިދީފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *