އަނެއްކާވެސް ރިޒޭގެ ހެޓްރިކެއް، މިފަހަރު ފެހެންދޫ ކޮޅަށް
ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް އީގަލްސް އިން ފެހެންދޫ 5-0 އިން ބަލިކޮށްފިއެވެ. އީގަލްސް އިން މި މެޗުގައި ޖެހި ފަސް ލަނޑުވެސް ކާމިޔާބު ކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އަހްމަދު ރިޒުވާން (ރިޒޭ) އެވެ.
މިއީ ލީގުގައި ޖެހިޖެހިގެން ރިޒޭ ހެދި ތިންވަނަ ހެޓްރިކެވެ. އޭނާ ވަނީ މި މެޗުގެ ކުރިން ފޯކައިދޫއާއި ތިމަރަފުށްޓާއި ވާދަކުރި މެޗުގައިވެސް ހެޓްރިކް ހަދާފައެވެ. މިއަދު ރިޒޭ ޖެހި ފަސް ގޯލާއެކު އޭނާ ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 14 އަށް އަރައިފައެވެ. ލީގުގެ ލަނޑު ލިސްޓުގެ ދެވަނައިގައި ރިޒޭގެ ފަހަތުން އަށް ލަނޑާއެކު އުޅެނީ ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) އެވެ.
މި މޮޅާއެކު އީގަލްސް ވަނީ 17 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ޕޮއިންޓަކަށް ކައިރި ކޮށްފައެވެ. މެޗުން ބަލިވުމުން ގަދަ އަށަކަށް އެރުމުގެ އަމިއްލަ ބާރު ފެހެންދޫއަށް މިހާރު ވަނީ ގެއްލިފައެވެ. އެޓީމަށް ގަދަ އަށެއްގެ ފުރުސަތެއް ލިބޭނީ ނިލަންދޫ އާއި ވިކްޓްރީވެސް ކުރިއަށް އޮތް ދެމެޗުން ބަލިވެ، ލީގުގެ ފަހު މެޗުގައި މާޒިޔާ ބަލިކޮށްގެންނެވެ. މިއަދުގެ މެޗުން ބަލިވުމުން ލިބުނު ހަތަރު ޕޮއިންޓާއެކު ފެހެންދޫ އޮތީ ނުވަ ވަނައިގައެވެ. ލީގުގެ އަށްވަނައިގައި ހަ ޕޮއިންޓާއެކު ވިކްޓްރީ އޮތްއިރު ހަތް ޕޮއިންޓާއެކު ހަތްވަނައިގައި އޮތީ ފ. ނިލަންދޫ އެވެ. ތާވަލުގެ ފުލުގައި ލިބުނު އެއް ޕޮއިންޓާއެކު އޮތީ ތިމަރަފުށްޓެވެ.
ރިޒޭގެ ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނެޓުގައި ޖެހީ މުހައްމަދު ނާއިމް ނަގައިދިން ހުރަހަކުންނެވެ. އޭރިޔާ ތެރެއަށް ނާއިމް ހުރަސްކޮށްލި ބޯޅަ ރިޒޭ ގޯލުގެ ތެރެއަށް ފޮނުވާލީ އެއްފަހަރުންނެވެ. މެޗުގެ ދެވަނަ ލަނޑު އޭގެ ހަތަރު މިނެޓު ފަހުން ރިޒޭ ޖެހީ އީގަލްސްގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ފެހެންދޫގެ ކީޕަރު އިބްރާހީމް ޒަޔާން އެ ބޯޅައަށް އެރުމުގެ ކުރިންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން އީގަލްސް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ރިޒޭގެ ތިންވަނަ ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ ކޮމިލޮވް އަބްދުރަސުލް ނަގައިދިން ހުރަހަކުންނެވެ. އޭރިޔާ ތެރޭގައި ހުހަށްހުރެ ކޮމިލޮވް ނަގައިދިން ބޯޅަ ރިޒޭ ގޯލަށް ފޮނުވާލީ ކީޕަރު އެބޯޅައަށް އެރިވަގުތުއެވެ. އެވަގުތު ފެހެންދޫގެ ޑިފެންޑަރުން ތިބީ އީގަލްސްގެ ކުޅުންތެރިން އޮފްސައިޑަށް ދޫކޮށްލައިގެންނެވެ.
މެޗުގައި އީގަލްސްގެ ހަތަރު ވަނަ ގޯލު 61 ވަނަ މިނެޓުގައި ރިޒޭ ޖެހީ އެޓީމުގެ ޑިފެންޑަރ ހުސައިން ސިފާއު ޔޫސުފް ނަގައިދިން ހުރަހަކުންނެވެ. ސިފާއު ނަގައިދިން ހުރަސް އެއްފަހަރުން ގޯލުގެ މަތީކަނަށް ރިޒޭ ފޮނުވާލީ ހުސްކޮށްހުރެއެވެ. މެޗުގައި ރިޒޭގެ ފަސްވަނަ ގޯލު 83 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފެހެންދޫގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައެވެ. ފަސް ލަނޑާއެކު މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ރިޒޭ އެވެ. މިއީ ޖެހިޖެހިގެން މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ރިޒޭ ހޯދި ތިންވަނަ މެޗެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ށ. ފޯކައިދޫއާއި ދެކޮޅަށެވެ.
Advertisement
Leave a Reply