ލީޑަރަކަށް ވާން ކޮންމެހެން ކެޕްޓަން ބޭންޑް މުހިއްމެއް ނޫން: ޕޮގްބާ

Advertisement

ލީޑަރަކަށް ވާން ކޮންމެހެން ކެޕްޓަން ބޭންޑް މުހިއްމެއް ނޫން: ޕޮގްބާ

ޢަލީ ޝަހީމް

ފްރާންސް ގައުމީ ފުޓްބޯޅަ ޓީމުގެ ލީޑަރެއްގެ ގޮތުގައި ފެންނަނީ ކުޅުންތެރިން އެ ފުރުސަތު ދޭތީ ކަމަށް ވޯލްޑް ކަޕް ކާމިޔާބު ކުރި ފްރާންސް ޓީމުގައި ހިމެނުނު ޕައުލް ޕޮގްބާ ބުނެފިއެވެ. ފްރާންސާއެކު ދައްކަމުންދާ މޮޅު ކުޅުން މެންޗެސްޓަރ ޔުނައިޓެޑްގައި ތަކުރާރު ނުކުރެވޭތީ ޕޮގްބާ އަކީ އަބަދުވެސް ފާޑުކިއުން އަމާޒުވާ ކުޅުންތެރިއެކެވެ.

ރަހްމަތްތެރިކަމުގެ މެޗެއްގައި މިރޭ އައިސްލޭންޑާއި ވާދަކުރަން ޕޮގްބާ މިހާރު ވަނީ ގައުމީ ޓީމާއި ގުޅިފައެވެ. މިރޭގެ މެޗުގެ ކުރިން އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ވަނީ އޭނާގެ ލީޑާޝިޕަށް ތައުރީފް ކުރާތީ އުފާވާކަމަށް ބުނެފައެވެ. އެޓީމުގެ ޑިފެންޑަރ އާދިލް ރަމީ ބުނެފައިވަނީ ވޯލްޑް ކަޕްގައި ފްރާންސް ޓީމުގެ ހަގީގީ ލީޑަރަކީ ޕޮގްބާ ކަމަށެވެ. ފްރާންސް ގައުމީ ޓީމުގެ މިހާރުގެ ކެޕްޓަނަކީ އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސްގެ ކީޕަރު ހޫގޯ ލޮރިސް އެވެ.

Advertisement

“އަހަރެން ވަރަށް ހިތްހަމަޖެހިފަ މިހުރީ ރަމީ އެހެން ބުނީމަ. އަހަރެން ނުބުނާނަން އަހަރެންނެކޭ. އެއީ މުޅި ޓީމު އަހަރެން ބަހައްޓާ މަގާމް. އަހަރެންގެ ޓީމުގެ ކުޅުންތެރިންގެ ސަބަބުން އިތުބާރު ބޮޑުވެގެންދޭ” އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ބުންޏެވެ.

ޕޮގްބާ ބުނީ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބު ކޮށްދިނުމަށް އެޓީމުގެ މުހިއްމު ކުޅުންތެރިންނާއި އޭނާ ވާހަކަ ދެއްކިކަމަށެވެ.

ފްރާންސްގެ ގައުމީ ޓީމަށް ޕޮގްބާ ކުޅެން ފެށީ 2013 ވަނަ އަހަރުއެވެ. އޭގެފަހުން އޭނަ ވަނީ އެ ގައުމަށް 62 މެޗު ކުޅެދީ ބައިނަލްއަގްވާމީ ބޮޑު ތިން މުބާރާތެއްގައި ކުޅެފައެވެ. ތިން މުބާރާތުގެ ތެރެއިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެޓީމު ކެޓީ ކުއާޓާ ފައިނަލުންނެވެ. އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ޕޮގްބާ ހޯދިއިރު 2016 ވަނަ އަހަރު އޭނާ ވަނީ ފްރާންސް ޓީމާއިއެކު އަމިއްލަ ގައުމުގައި ޔޫރޯ ފައިނަލުގައި ކުޅެފައެވެ.ފައިނަލުގައި އެޓީމު ބަލިވީ ޕޯޗުގަލާއި ވާދަކޮށެވެ.

“އަހަރެންގެ މިހާރުގެ އުމުރު (25އ)، ގައި މިހުރީ ދެ އުމުރެއްގެ ކުޅުންތެރިންގެ ދެމެދުގައި. އުމުރުން ތަންކޮޅެއް ދުވަސްވީ ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން މިތިބީ. އެކަމުގެ ސަބަބުން އަހަރެންނަށްވެސް ފަސޭހަތަކެއް ވެގެންދޭ. ތަންކޮޅެއް ދުވަސްވީ ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިނަށްވެސް މެސެޖް ފޯރުކޮށްދިނުމަށް އަހަރެންނަށް އުނދަގުލެއް ނޫން”

ފްރާންސްގެ ގައުމީ ޓީމުގައި ޕޮގްބާގެ ފަރާތުން ލީޑާޝިޕް ފެނުނު ނަމަވެސް، ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފައިވަނީ އެޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ޕޮގްބާ ދެން ނުހުންނާނެ ކަމަށެވެ. ޔުނައިޓެޑްގެ ވައިސް ކެޕްޓަންކަމުގެ މަގާމުން ޕޮގްބާ ވަކި ކުރީ ކޯޗިން ސްޓާފުންނާއި ވާހަކަ ދެއްކުމަށް ފަހުގައިކަމަށް މޮރީނިއޯ ބުނެފައިވެއެވެ.

“އަހަރެން ނުކުޅެން ފްރާންސްގެ ކެޕްޓަން ބޭންޑް ހޯދާކަށް. މި ޓީމުގައި ހުރުމަކީވެސް އަހަންނަށް ލިބޭ ވަރަށް ބޮޑު އެއްޗެއް. ވާހަކަ ދެއްކޭނީ ހަމައެކަނި ކެޕްޓަން ބޭންޑު އޮވެގެނެއް ނޫން. ލީޑަރަކީ ހަމައެކަނި ކެޕްޓަން ބޭންޑް އޮންނަ ކުޅުންތެރިއެއް ނޫން. ލީޑަރެއްގެ ގޮތުގައި ކޮންމެ ކުޅުންތެރިއަކަށްވެސް ދަނޑުމަތީގައި ވާހަކަ ދެއްކިދާނެ. އަހަރެންނަށް ފެނިފަ އެބަހުރި ކެޕްޓަން ބޭންޑް އަޅައިގެން ތިބެ ވާހަކަ ނުދައްކާ ކުޅުންތެރިންވެސް” ޕޮގްބާ ބުންޏެވެ.

ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމާއެކު ޕޮގްބާ ވަނީ މިފަހަރުގެ ބެލޮންޑިއޯ އަށް ނޮމިނޭޓްވި 30 ކުޅުންތެރިންގެ ލިސްޓުގައިވެސް ހިމެނިފައެވެ. ޕޮގްބާއާއެކު ފްރާންސް ޓީމުގެ އިތުރު ފަސް ކުޅުންތެރިއަކުވެސް މި ލިސްޓުގައި ހިމެނެއެވެ. ޕޮގްބާ ބުނީ އެ މަގާމަށް ހައްގު ވަރަށް ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށެވެ.

“އަހަރެންނަށްވުރެ ގްރިޒްމަން، އެމްބާޕޭ އަދި ވަރާން އަކީވެސް މި މަގާމް ހައްގު ކުޅުންތެރިން. އަހަރެންނަކަށް ވަކި ކުޅުންތެރިއަކު ނުނެގޭނެ. އެކަމަކު އުއްމީދަކީ އެތަނުން ކުޅުންތެރިއަކަށް ލިބުން، އެ ތިން ކުޅުންތެރިންގެ އިތުރުން ހަތަރުވަނަ ކުޅުންތެރިއަކަށް އެންގޯލޯ ކާންޓޭ ވެސް އެބަހުރި” ޕޮގްބާ ބުންޏެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *