ނަޒީހް: ކްލަބް ލޯބީގައި ދަރުމައަށް، ނަމޫނާއަކަށް ނުފުދޭތަ؟
1971 ވަނަ އަހަރު ވުޖޫދުވި ވިކްޓްރީ ސްޕޯޓްސް ކުލަބަކީ ދިވެހި ފުޓްބޯޅައިގެ އެންމެ އުހުގައި ފިޔަޖަހަމަންއައި ކާމިޔާބު ޓީމެކެވެ. އެކަމަކު މިފަހަކަށް އައިސް އެއްވެސް މުބާރާތެއްގައި ވިކްޓްރީއަށް މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. ކުލަބް ހިންގުމަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާއި މާލީ މައްސަލަތަކުގެ ސަބަބުންނެވެ. މިއަހަރުގެ ފުޓްބޯޅަ ސީޒަން ވިކްޓްރީން ފެށީ އެޓީމަށް މީގެ ކުރިން ބޮޑެތި ކާމިޔާބުތަކެއް ހޯދަދިން ލާސްލޯ ކިސް އާއި އެކުއެވެ. ނަމަވެސް މިސީޒަނުގައި ކިސްގެ ބެލުމުގެ ދަށުން ކުޅުން ގިނަ މެޗްތަކަކުން ވިކްޓްރީ ބަލިވުމުން ކުލަބާއި ކިސް އާއި ދެމެދު ހެދިފައިވާ ކޮންޓްރެކްޓް ނިމުމަކަށް ގެނައީއެވެ. އަދި ކުލަބު ކޮޅަށް ޖެހުމުގެ ބުރަ ބޮޑުވި ދަނޑިވަޅުގައި ކުލަބުގެ ޗެއާމަނާއި ވައިސް ޗެއާމަންވެސް އިސްތިއުފާ ދިނީއެވެ. ވިކްޓްރީގެ މާލީ ޙާލަތު ދަށްވެ ދިރާގު ދިވެހި ލީގުގެ މެޗެއް ނުކުޅެ ދޫކޮށްލާ ހިސާބަށް ދިޔައީއެވެ.
މިހުރިހާ ކަމެއް މިހެން އޮއްވައި ވިކްޓްރީގެ ކުރީގެ ކުޅުންތެރިޔާ، މުޙައްމަދު ނަޒީހް މިވަނީ ޓީމާއި ޙަވާލުވެފައެވެ. ނަޒީހް ވިކްޓްރީއާއި ޙަވާލުވެފައިވަނީ ކުލަބު ލޯބީގައި ހިލޭ ސާބަހަށް ކޮށްދޭ މަސައްކަތެއްގެ ގޮތުގައި ކޯޗްކަން ކޮށްދޭށެވެ. މިއީ، ފުޓްބޯޅާގައި އާ ކަމެއް ނޫނެވެ. ނަމަވެސް ދިވެހި ފުޓްބޯޅާއިގެ ފަހުގެ ތާރީޚެއްގައި ފުރަތަމަ ޑިވިޝަންގެ ޓީމަކަށް ހިލޭ ސާބަހަށް ކޯޗްކޮށްދިނުމަށް މީހަކު ނިކުތް ފުރަތަމަ ފަހަރަށްވެދާނެއެވެ.
ވިކްޓްރީގެ މިހާރުގެ ހާލަތާއިމެދު އެކުލަބުގެ ބޯޑުގައި ކުރެވުނު މަޝްވަރަތަކަށްފަހު ނަޒީހްގެ ބޭބެ، އަދި ކުލަބުގެ ކީޕަރ ޓްރެއިނަރ އަޙްމަދު ރިޔާޒް (ގާނާ) ނަޒީހުއަށް މިފުރުޞަތު އޮތްކަން ހާމަ ކުރުމުން އެކަމަށް އޭނަ އިޖާބަ ދިނީއެވެ. ބޮޑު ކޮންޓްރެކްޓެއް ހަދައި މުސާރަ ދީގެން ކޯޗެއް ނެގުމަށް ދަތިތަކެއް ހުރިކަން ގާނާ ފާހަގަ ކުރުމުން ވިކްޓްރީއާއި ޙަވާލުވާން ނަޒީހް ނިންމީއެވެ. ނަމަވެސް ނަޒީހްގެ މި ނިންމުމަކީ ދިވެހި ފުޓްބޯޅައަށާއި ވިކްޓްރީއަށް އޭނާގެ ހިތުގައި ދެވިފައިވާ ޚާއްސަ މަޤާމުގެ ސަބަބެއްކަމުގައި ޤަބޫލްކުރެވެއެވެ. ނަޒީހްގެ މި ނިންމުމަކީ ދިވެހި ހުރިހާ ކޯޗުންނަށާއި ކުޅުންތެރިންނަށް އަދި ފުޓްބޯޅައަށް ލޯބި ކުރާ ފަރާތްތަކަށް ވަރަށް ފުރިހަމަ ނަމޫނާއެކެވެ.
“އަޅުގަނޑާއި ޓީމް ޙަވާލުވި އިރު ޓީމް މިއޮތީ ދުވަހަކުވެސް ޓީމް ނުވެއްޓޭހާ ބޮޑު އަނދަވަޅަކަށް ވެއްޓިފަ. ކުލަބުގެ ހިންގުން ހީނަރުވެ ކުލަބުގެ ކުޅުންތެރިން ވަރަށް ބޮޑަށް ނިގްލެއްކްޓް ކުރެވިފަ މިއޮތީ. މިހާލަތުން އަރައިގަތުމަށް ވަރަށްގިނަ ވަރަށް ބުރަ މަސައްކަތަކެއް ކުރަންޖެހޭކަން އަޅުގަނޑު ގަބޫލްކުރަން. އަދި މިކަމުގައި ބޮޑެތި ގޮންޖެހުންތަކެއްކަން އެބަހުރި.” ނަޒީހް “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުންޏެވެ. ޓީމު ކުޅެން އޮތް މެޗެއް ދޫކޮށްލާ ހިސާބަށް ދިޔައީ ހަމައެކަނި ފައިސާގެ ދަތިކަން ހުރުމުން ނޫންކަމަށާއި ޓީމާއި ދޭތެރޭ މެނޭޖްމަންޓާއި އޮފިޝަލުންގެ އަޅާލުން ކުޑަވެ ކުޅުންތެރިންނަށް ކުލަބުގެ މިސްރާބު އޮޅި ދާންވީ ދިމާލެއް ވާންވީ ގޮތެއް ނޭންގޭ ހިސާބަށް ދިއުމުންކަން ނަޒީހްގެ ވާހަކަތަކުން އެނގެއެވެ.
“މީގެ ކުރިންވެސް ވިކްޓްރީގައި އަދި އެނޫން ކުލަބުތަކުގައިވެސް އެބަހުރި މުސާރައިގެ މައްސަލަ ދިމާވެފައި. މިދެކެވެނީ މީގެ 18 ވަރަކަށް އަހަރު ކުރީގެ ވާހަކަ. އޭރުވެސް ޓީމު ނުވެއްޓޭހާ ދަށަށް ޓީމު މިއޮތީ ވެއްޓިފަ. އޭރާ މިހާރުގެ ތަފާތަކީ މުސާރަ ނުދެވުނަސް ޓީމްގެ ބޮޑެތި މީހުން އަބަދުވެސް ޓީމާއިއެކު ވާކަން އޭރު ޓީމަށް އިނގޭ އަދި އެޔަގީންކަންވެސް އޮވޭ.” ނަޒީހް އިތުރަށް ވާހަކަ ދައްކަމުން ބުންޏެވެ.
“މީގަ ހަމައެކަނި މެނޭޖްމަންޓްގެ މައްސަލައެއްވެސް ނޫން މިއޮތީ. ކޯޗަށްވެސް އޭނާއަށް ލިބިފަ އޮންނަ ބަޖެޓް މިސްމެނޭޖް ކުރެވިފައި މިއޮތީ. މީ އެހެން ކުލަބުތަކަށްވެސް ދިމާވާ ވަރަށް ޢާއްމު މައްސަލައެއް. މިސާލަކަށް އެއް މަޤާމަކަށް ކުޅޭ ދިވެހި ދެތިން ކުޅުންތެރިން ތިއްބައި ހަމަ އެމަޤާމަށް ބޮޑު އަގުގައި ބޭރު ކުޅުންތެރިން ނެގުމަކީ ވިކްޓްރީއަށްވެސް ދިމާވެފަ އޮތް މައްސަލައެއް.” މިއީ ދިވެހި އެހެން ކުލަބުތަކުންވެސް ވިސްނާލުން ރަނގަޅު ކަމެއްކަމަށް ނަޒީހްގެ ވާހަކައިގައި ފާހަގަ ކުރިއެވެ.
ޓީމާއި ޙަވާލުވެ، ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ޓީމާއި ޙަވާލުވި ސަބަބާއި ކުޅުންތެރިންގެ އެހީ ބޭނުންވާ ވާހަކައާއި މިހާލަތުން ޓީމަށް އަރައިގަނެވޭނެ ކަމުގެ ޔަޤީންކަމާއި މޯޓިވޭޝަން ޓީމަށްދީ، ނަޒީހް ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ޕްރެކްޓިސްއަށްވެސް 15 ކުޅުންތެރިން ގަޑިއަށް ހާޟިރުވިކަން ނަޒީހް ޝުކުރުވެރިކަމާއިއެކު ފާހަގަ ކުރެއެވެ.
“ވިކްޓްރީ ޓީމްގައި މިވަގުތު ޕްރެކްޓިސްގައި ބައިވެރިވާން ތިބީ 16 ކުޅުންތެރިން، އޭގެ ތެރެއިން 15 ކުޅުންތެރިން ޕްރެކްޓިސްއަށް ނުކުތުމަކީވެސް ބޮޑު ކާމިޔާމެއްކަމުގައި އަޅުގަނޑު ދެކެން. އެކަން ވަރަށްބޮޑަށް އެޕްރިޝިއޭޓް ކުރަން. އަދި ދެންތިބި ކުޅުންތެރިންވެސް ވަރަށް އަވަހަށް ޕްރެކްޓިސްއަށް ނިކުންނަން ފަށާނެ.” ޓީމާއި ދޭތެރޭ އޮތް ޔަޤީންކަން ހާމަ ކުރަމުން ނަޒީހް ބުންޏެވެ. ކުލަބާއި ޙަވާލުވިތާ 48 ގަޑިއިރުގެ ތެރޭގައި މެޗެއްކުޅެ ޕޮއިންޓެއް ހޯދުމަކީ ކުލަބަށާއި ކުޅުންތެރިންނަށް ލިބުނު ހިތްވަރެއް ކަމަށާއި، ނަޒީހްގެ ޓާގެޓަކީ ދިރާގު ދިވެހި ލީގުގެ ގަދަ އަށެއް ޔަގީންކޮށް، ދެވަނަ ބުރުގައި ވިކްޓްރީ ވާދަ ކުރުންކަމަށް “ފަހުމިނިޓް” އަށް ދިން އިންޓަވިއު އެއްގައި ފާހަގަ ކުރިއެވެ.
ރާއްޖެތެރޭގެ 16 ޓީމަކަށް އެތަށް ފަހަރެއްގެ މަތިން ކޯޗްކޮށްދީ ދިވެހި ފުޓްބޯޅައިގެ ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ ކޯޗް ނަޒީހް އެދެނީ ދިވެހި ފުޓްބޯޅައާއި ދޭތެރޭ އެންމެވެސް ޕޮޒިޓިވް ވިސްނުމަކުން ވިސްނުމަށް ކަމަށާއި ފާޑު ކިޔާ ފަރާތްތަކަށް ގޮވާލަނީ ބިނާ ކުރަނިވި ފާޑު ކިއުމަށް މަރުޙަބާ ކިޔާ ކަމަށެވެ. އަދި ކުލަބަށް ހެޔޮއެދޭ ކުލަބުގެ ފޭނުންނަށް ޝުކުރު އަދާކުރާ ކަމަށާއި ނަޒީހްގެ މިމަސައްކަތުގައި ފޭނުންނަށް ބޮޑު ދައުރެއް އަދާކުރެވިދާނެ ކަމަށް ނަޒީހް އިންޓަރވިއު ނިންމާލަމުން ފާހަގަ ކުރިއެވެ.
ކުލަބް ލޯބީގައި ނަޒީހް ދަރުމައަށް ފެށި މަސައްކަތަށް މިއަދު އެތައް ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. އަދި، އިއްޔެގެ ނަތީޖާއާއެކު ވިކްޓަރީ ގެސަޕޯޓަރުންނަށް އުއްމީދެއް މިވަނީ ގެނެސްދީފައެވެ. މިއީ މުޅި ފުޓްބޯޅަ އާއިލާއަށްވެސް ނަޒީހް ދައްކައިދިން ރީތި މިސާލެކެވެ.
Advertisement
Leave a Reply