90 މިނިޓު ހަމަ ނުކުރެވުނަސް ޕަކޯ ލަނޑު ލިސްޓުގެ ކުރީގައި

Advertisement

90 މިނިޓު ހަމަ ނުކުރެވުނަސް ޕަކޯ ލަނޑު ލިސްޓުގެ ކުރީގައި

ފަހުމިނެޓް

މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ލޯނު އެއްބަސް ވުމެއްގެ ދަށުން ސްޕެއިންގެ ބާސެލޯނާއިން ޖަރުމަނުގެ ބުރޯޝިއާ ޑޯޓްމަންޑަށް ބަަދަލުވި ޕަކޯ އަލްކޭސާ، 25، ލީގުގައި ޖުމްލަ 90 މިނިޓު ހަމަ ނުކުރެވުނަސް އޭނާ އޮތީ ލަނޑު ލިސްޓުގެ އެއްވަނައިގައެވެ.

މިސީޒަނުގެ ބުންޑަސްލީގާ ގައި ޑޯޓްމަންޑް ލީގު އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަތް މެޗުން ވެސް ބަލިނުވެ، 17 ޕޮއިންޓް ހޯދައިގެންނެވެ. މީގެތެރެއިން ވެސް ޕަކޯ މިހާތަނަށް ކުޅެފައި ވަނީ އެންމެ ތިން މެޗުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

އެންމެ ފުރަތަމަ ޕަކޯ ކުޅެން އަރާފައި ވަނީ ލީގުގެ ތިންވަނަ މެޗުގައި އަމިއްލަ ދަނޑުގައި އެއިންޓްރަކްޓް ފްރެންކްފަޓް އަތުން 3-1 އިން މޮޅުވި މެޗުގައެވެ. މިމެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ އޭނާ ވަނީ 88 ވަނަ މިނިޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

ލީގުގެ ހަވަނަ މެޗުގައި ރަށުން ބޭރުގައި ބެޔާ ލެވަކޫސަން އަތުން 4-2 އިން މޮޅުވި މެޗުގައި ޕަކޯ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ޑޯޓްމަންޑް މޮޅު ކޮށްދީފައެވެ. 2-2 އިން ނަތީޖާ އެއްވަރު ވެފައި ވަނިކޮށް ޕަކޯ ވަނީ 85 ވަނަ މިނިޓުގަ އާއި 90 މިނިޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ އެންމެ ފަހުމިނިޓުގައި ގޯލުޖަހާ، ޓީމަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

އަދި ހަމައެއާއެކު ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އޭނާ ވަނީ ތިން ގޯލު ޖަހާ ހެޓްރިކް ހަދާފައެވެ. އޮގްސްބާގް އަތުން 1-0 އިން ބަލިވާން ދަނިކޮށް ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ތިންވަނަ މިނިޓުތެރޭ ޕަކޯ ވަނީ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ ނުވަ މިނިޓު ފަހުން އޮގްސްބާގުން އަނެއްކާވެސް ލީޑު ނެގުމުން ޕަކޯ ވަނީ އިތުރު ލަނޑެއް ޖަހާ، ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ ހަތަރު މިނިޓު ފަނުން މާރިއޯ ގޮޓްޒޭ ޑޯޓްމަންޑަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިން ނަމަވެސް ޓީމަށް ލީޑު ހިފަހައްޓާލެވުނީ އެންމެ ތިން މިނިޓު ވަންދެންނެވެ. ޕަކޯ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ޑޯޓްމަންޑަށް 3 ޕޮއިންޓް ކަށަވަރުކޮށްދިނީ 90 މިނިޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ އެންމެ ފަހު މިނިޓުގައެވެ.

މި ތިން މެޗުންވެސް ޕަކޯ ކުޅެފައިވަނީ ޖުމްލަ 81 މިނިޓެވެ. 6 ގޯލާއެކު ޕަކޯ ލަނޑު ލިސްޓުގެ ކުރީގައި އުޅޭއިރު 5 ގޯލު ޖަހައިގެން އޭނާއާ އެންމެ ގާތުން ވާދަކުރަނީ ހާތާ ބާލިންގެ އޮންޑްރެޖް ޑޫޑާ އާއި ބުރޯޝިއާ މޮންޗެންގްލަޑްބާޝްގެ އަލަސާނޭ ޕްލީ އެވެ.

ލީގު ތާވަލަށް ބަލައިލާއިރު ޑޯޓްމަންޑްގެ ފަހަތުން 14 ޕޮއިންޓާއެކު އޮތީ އާރުބީ ލިޕްޒިގް އާއި މޮންޗެންގްލަޑްބާޝް އަދި ވާޑާ ބްރޭމަން އާއި ހާތާ ބާލިން އެވެ. 13 ޕޮއިންޓާއެކު ވޭތުވެދިޔަ ހަ އަހަރުގެ ޗެމްޕިއަން ބެޔާން މިއުނިކް އޮތީ ތާވަލުގެ ހަވަނައިގައެވެ. ލީގުގައި ބެޔާން އެންމެ ފަހުން ކުޅުނު މެޗުން އެޓީމު ވަނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މޮންޗެންގްލަޑްބާޝް އަތުން 3-0 އިން ބަލިވެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *