ބަލޮންޑިއޯ އަށް ވާދަކުރާ ކުޅުންތެރިން އިއުލާން ކޮށްފި
2018 ވަނަ އަހަރުގެ ބަލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ލިސްޓު މިހާރު އިއުލާން ކޮށްފައި ވާއިރު މި ލިސްޓުގައި އެންމެ ގިނައީ ޔޫރަޕުގެ ޗެމްޕިއަން ރިއާލް މެޑްރިޑުގެ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި އެންމެ ފަހުން ބޭއްވި “ފީފާ ދި ބެސްޓް” ކާމިޔާބުކުރި ކްތޮއޭޝިޔާގެ ލޫކާ މޮޑްރިޗް ވެސް ހިމެނެއެވެ.
ފްރާންސް ފުޓްބޯލް އިން 1956 ވަނަ އަހަރު ދޭންފެށި، އެއަހަރެއްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑުގެ މިއަހަރުގެ ލިސްޓުގައި ރިއާލް މެޑްރިޑުގެ އަށް ކުޅުންތެރިޔަކު ހިމެނިފައި ވެއެވެ.
ވޭތުވެދިޔަ އަހަރު ފަސްވަނަ ފަހަރު މި އެވޯޑް އުފުލާލި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން، މީގެ ކުރިން ހަމަ އެއަދަދަށް ބަލޮންޑިއޯ ކާމިޔާބުކުރި އާޖެންޓީނާގެ ލަޔަނޮލް މެސީ ވެސް ވަނީ މިއަހަރުގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުގައި ހިމެނިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ 11 ކުޅުންތެރިއަކު މިއަހަރުގެ އެވޯޑަށް ވާދަކުރާއިރު އޭގެ ތެރޭގައި، ޗެލްސީގެ އެޑެން ހަޒާޑާއި، ލިވަޕޫލްގެ މުހައްމަދު ސަލާހު، އެލިސަން ބެކާ، ސަޑިއޯ މާނޭ އަދި ރޮބާޓޯ ފިރްމީނިއޯގެ އިތުރުން މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ އާއި ސާޖިއޯ އަގުއެރޯ ހިމެނެއެވެ.
ވޯލްޑް ކަޕުގައި ރަން ބޫޓު ހޯދި އިންގްލޭންޑް އަދި ޓޮޓެންހަމްގެ ހެރީ ކޭން ވެސް މިއަހަރުގެ އެވޯޑަށް ނޮމިނޭޓް ވެފައި ވާއިރު މިދިޔަ ޗެމްޕިއަންސް ލީގު ރިއާލް އަށް ކާމިޔާބު ކޮށްދޭން ފައިނަލުގައި ލިވަޕޫލް ކޮޅަށް ދެ ލަނޑު ޖެހި ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ވެސް މި ލިސްޓުގައި ފާހަގަ ކޮށްލެވެއެވެ.
މިއަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސްގެ ޓީމުން މިއެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި އެޓީމުގެ ކެޕްޓަން، ޓޮޓެންހަމްގެ ހޫގޯ ލޮރިސް އާއި ޗެލްސީގެ އެންގޯލޯ ކާންޓޭގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ ހިމެނެއެވެ.
އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާއަށް ދޭ ބަލޮންޑިއޯގެ އިތުރުން ފްރާންސް ފުޓުބޯޅައިން ވަނީ މިއަހަރު މުޅިން އަލަށް ދެ އެވޯޑެއް ވެސް ތައާތަފް ކޮށްފައެވެ. އެއީ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާއަށް ދޭ ބަލޮންޑިއޯ އާއި 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާއަށް ދޭ ކޮޕާ ޓްރޮފީ އެވެ.
ބަލޮންޑިއޯޯ އެވޯޑް ހަފްލާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ފްރާންސްގެ ވެރިރަށް ޕެރިސްގަ އެވެ.
Advertisement
Leave a Reply