"ރެއާލް އަކީ ދުނިޔޭގެ އެންމެ މޮޅު ކުލަބް" - ހަޒާޑް

Advertisement

“ރެއާލް އަކީ ދުނިޔޭގެ އެންމެ މޮޅު ކުލަބް” – ހަޒާޑް

ފަހުމިނެޓް

އިނގިރޭސި ކުލަބް ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް، 27، ސްޕެއިންގެ ރިއާލް މެޑްރިޑަށް ކުޅުމަކީ އެންމެ ކުރީއްސުރެންވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި، ނަމަވެސް ކުރިމަގާމެދު ގޮތެއް ނިންމަން އަދި ހުރީ ދެ ހިޔާލެއްގައިކަމަށް އޭނާ ބުނެފިއެވެ.

ފްރާންސްގެ ލީލް އިން 2012 ވަނަ އަހަރު ޗެލްސީއަށް ބަދަލުވި ހަޒާޑް ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެއަހަރު އޮތްއިރު، ނިމިދިޔަ ހޫނުމޫސުމުގެ ޓްރާންސްފާ ބާޒާރުގައި އޭނާ ރެއާލް މެޑްރިޑަށް ބަދަލުވުމާ ގާތަށް ޖެހިލިއެވެ. ނަމަވެސް ފަހުވަގުތު އޭނާ ވަނީ ޗެލްސީގައި މަޑުކުރަން ނިންމާފައެވެ.

“އަހަރެން ބޭނުމެއް ނޫން ‘އާން، އަހަރެން އާ ކޮންޓްރެކްޓެއްގައި ސޮއި ކުރާނަން’ ބުނެފައި ފަހުވަގުތު ސޮއި ނުކޮށް ހުންނާކަށް.”، މި ސީޒަނުގެ ލީގުގައި ޗެލްސީއަށް ހަތް ގޯލު ޖަހާދީފައިވާ ފޯވަޑް ބުންޏެވެ.

ހަޒާޑް ބުނީ އޭނާ އަމިއަލަ ނަފްސަށް ރަނގަޅުގޮތް އެދޭފަދައިން ކުލަބަށް ވެސް ރަނގަޅުގޮތް އެދޭކަމަށެވެ. ބައެއް ފަހަރު ދާންވީއޭ ހިތަށް އެރިޔަސް އަނެއްބައި ފަހަރު ޗެލްސީގައި މަޑުކުރަންވެސް ބޭނުންވާކަމަށް ހަޒާޑް މީޑިއާގައި ބުންޏެވެ.

“މިއީ އުނދަގޫ ނިންމުމެއް. އަހަރެންގެ ކުރިމަގު މިއީ.”

ހަޒާޑް ވަނީ އާދިއްތަ ދުވަހުގެ ރޭ ލީގުގައި ޗެލްސީން ސައުތްހެމްޕްޓަން ބަލިކުރި މެޗުގައި ލަނޑުޖަހާ، މިސީޒަނުގައި އެޓީމު ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ދަމަހައްޓަން އެހީތެރިވެދީފައެވެ.

ރެއާލް މެޑްރިޑަކީ ދުނިޔޭގެ އެންމެ މޮޅު ކުލަބު ކަމަށް ބުނަމުން ހަޒާޑް ވަނީ މީގެ ކުރިން ވެސް އޭނާ ރިޓަޔާ ވުމުގެ ކުރިން އިތުރު ބޮޑު ކުލަބަކަށް ބަދަލުވާން ބޭނުންވާކަން ހާމަ ކޮށްފައެވެ.

“އެހެން ވެގެން ވޯލްޑް ކަޕަށްފަހު އަހަރެން ބުނީ މިއީ ބަދަލުވާން އެންމެ ރަނގަޅު ވަގުތު ކަންނޭންގެޔޭ، ސަބަބަކީ ވޯލްޑް ކަޕުގައި އަހަންނަށް ވަރަށް ރަނގަޅަށް ކުޅެވުނު.”

ހަ އަހަރު ސްޓޭމްފޯޑް ބްރިޖުގައި (ޗެލްސީގައި) ހޭދަކުރުމަށްފަހު މިއީ ތަފާތު ތަޖުރިބާއެއް ކޮށްލުން ރަނގަޅު ވަގުތެއް ކަމުގައި، މިދިޔަ ޖުލައި މަހު ވޯލްޑް ކަޕަށްފަހު ހަޒާޑް މީޑީއާގައި ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.

“އަހަރެން މިވަގުތު ރަނގަޅު ފުޓުބޯޅައެއް އެބަ ކުޅެން.

“ރިއާލް މެޑްރިޑަކީ ދުނިޔޭގެ އެންމެ މޮޅު ކުލަބް. މިއަދު ދޮގު ހަދާކަށް ބޭނުމެއް ނޫން. އަހަރެން ކުޑައިރުން ފެށިގެން ދެކެމުން އަންނަ ހުވަފެނެއް އެއީ.

“އަހަރެން ބޭނުމެއް ނުވޭ މިއާބެހޭގޮތުން ކޮންމެ ދުވަހަކު ވާހަކަ ދައްކާކަށް، އެހާ ވަގުތެއް ނެތް. އެކަމަކު އަހަރެންގެ ކުރިމަގާމެދު ވަރަށް އަވަހަށް ވާހަކަ ދައްކާނަން.”

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *