ހާލުގައި ޖެހުނު ވިކްޓްރީން ވަރުގަދަ ނިއު ހިފަހައްޓައިފި
ހާލުގައި ޖެހިފައިވާ ވިކްޓްރީ ސްޕޯޓްސް ކުލަބު ގޮވައިގެން މުހައްމަދު ނަޒީހު ނުކުމެ، އެޓީމު ކުޅުނު ފުރަތަމަ މެޗުންވެސް ލީގު ދިފާއުކުރަން ނުކުތް ވަރުގަދަ ނިއު ރޭޑިއަންޓް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.
މިއަދު މެޗުގެ ކުރިން އެއް މެޗު މަދުން ކުޅެ، 13 ޕޮއިންޓާއެކު ލީގު ތާވަލުގެ ތިން ވަނައިގައި އޮތް ނިއު އިން މިއަދުގެ މެޗުން މޮޅުވެގެން، ތާވަލުގެ އެއްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބާ ދެމެދުގައިވާ ޕޮއިންޓުގެ ފަރަގު ކުޑަކޮށްލުމުގެ ފުރުސަތު އޮތް ނަމަވެސް، އެ ފުރުސަތު ބޭކާރުވީ މިއަދު ހަވީރު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީއާ ވާދަކޮށް 1-1 އިން މެޗު އެއްވަރު ވުމުންނެވެ.
ނިއުއިން ފުރަތަމަ ހާފުގައި މެޗު ޑޮމިނޭޓު ކޮށްގެން ކުޅުނު ނަމަވެސް، ފަހަތުގައި ފަސް ކުޅުންތެރިން ބައިތިއްބައިގެން ކުޅުނު ވިކްޓްރީގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ ވިކްޓްރީއިންނެވެ. 60 ވަނަ މިނިޓުގައި އެޓީމުގެ ލަނޑު ކާމިޔާބު ކޮށްދިނީ، ހުސައިން ނިހާން (ނިހާޓް) އެވެ.
ނިއުއިން އެއްވަރުކުރި ލަނޑު 75 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ މިއަދުގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ މި ލަނޑު ކާމިޔާބު ކޮށްދިނީ ވިކްޓްރީގެ ޕެނަލްޓީ އޭރިޔާ ކުރިމަތިން ލިބުނު ހިލޭޖެހުމެއް ގޯލުގެތެރަށް ވައްދާލައިގެންނެވެ.
މި ނަތީޖާއާއެކު ނިއާ އެއްވަރަކަށް އީގަލްސް އިން ޕޮއިންޓް ހޯދާފައި ވީނަމަވެސް ނިއުއަށް ދެވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެއްވަނާގައިވާ ޓީސީއަށް 18 ޕޮއިންޓް ލިބިފައި ވާއިރު މާޒިޔާ އާއި ގްރީން ސްޓްރީޓްސް އަށް ލިބިފައި ވަނީ 13 ޕޮއިންޓެވެ. ހަ ޕޮއިންޓައެކު ވިކްޓްރީ އޮތީ 8 ވަނައިގައެވެ.
Advertisement
Leave a Reply