13 މިނިޓުން އެމްބާޕޭ ފެންވަރު ދައްކާލައިފި

Advertisement

13 މިނިޓުން އެމްބާޕޭ ފެންވަރު ދައްކާލައިފި

ފަހުމިނެޓް

ފްރާންސް ލީގު ވަން ގައި ޕީއެސްޖީއިން އެމީހުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާއަށް އަތުރު ބޮޅަކާއެކު 19 އަހަރުގެ ކިލިއަން އެމްބާޕޭ އޭނާގެ ފެންވަރު ދައްކާލައިފިއެވެ.

ލީގުގައި ރޭ ލިޔޯން އާދެކޮޅަށް އެޓީމުން ކުޅުނު މެޗު ކާމިޔާބު ކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 9 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީގެ ބޭނުން ހިފައި، ނޭމާ އެޓީމަށް ލީޑު ނަގައިދިން އިރު، ދެޓީމުންވެސް ފުރަތަމަ ހާފު ނިންމާލީ ރަތް ކާޑަކާއެކު އެވެ. ޕީއެސްޖީގެ ޕްރެސްނެލް ކިމްޕެމްބެ އާއި ލިޔޯންގެ ލޫކަސް ތޫޒާޓް އަށް ރަތްކާޑު ދެއްކުމުން ދެޓީމުންވެސް ދެވަނަ ހާފު ކުޅުނީ 10 ކުޅުންތެރިންނާ އެކުއެވެ.

ދެވަނަ ހާފުގައި 13 މިނިޓު ތެރޭ އެޓީމުގެ އެމްބާޕޭ ވަނީ ހަތަރު ގޯލު ކާމިޔާބު ކޮށްފައެވެ. 61 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖެހިއިރު ދެވަނަ ލަނޑު ޖެހީ 66 ވަނަ މިނިޓުގައެވެ.69 ވަނަ މިނިޓުގައި އޭނާ ހެޓްރިކް ފުރިހަމަ ކުރިއިރު، ހަތަރުވަނަ ގޯލު ޖަހައިދިނީ 74 ވަނަ މިނިޓުގައެވެ.

މިއާއެކު ޕީއެސްޖީއިން ވަނީ ލީގުގައި މިސީޒަނުގައި މިހާތަނަށް ކުޅުނު 9 މެޗުންވެސް މޮޅުވެގެން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ.

ފްރެންޗް ލީގުގައި މި ހަފްތާ ބަންދުގެ އިތުރު މެޗުތަކަށް ބަލައިލާއިރު ބޯޑޯ އާއި ލީލް އަދި މާސޭ ވެސް ވަނީ ފަސޭހަކަމާއެކު މެޗުން މޮޅުވެ، ތިން ޕޮއިންޓް ހޯދާފައެވެ. އެހެން ނަމަވެސް މޮނާކޯ ވަނީ އަމިއްލަ ދަނޑުގައި ރީންސްގެ އަތްދަށުވެފައެވެ. ރީންސްގެ ޑަމެއިން ޑަސިލްވާ ގެ ލަނޑުން އެޓީމު ލީޑު ނަގާފައި ވަނިކޮށް މޮނާކޯއަށް އެއްވަރުކޮށްދިނީ ރަޑަމެލް ފަލްކާއޯ އެވެ. ރީންސް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، ފާއިތުވެދިޔަ ދެ ސީޒަނުގައިވެސް ޕީއެސްޖީގެ ޖޯޒީގައި ފެނުނު ހަތެމް ބެން އަރފާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *