ވިކްޓްރީގެ ކޯޗުކަމާ ނަޒީހު ހަވާލުވެއްޖެ

Advertisement

ވިކްޓްރީގެ ކޯޗުކަމާ ނަޒީހު ހަވާލުވެއްޖެ

ފަހުމިނެޓް

ސީޒަނުގެ ބާކީއޮތް ބަޔަށް ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމާ، މިސީޒަނުގެ ކުރީކޮޅު ޔުނައިޓެޑް ވިކްޓްރީގެ ކޯޗަކަށް ހުރި މުހައްމަދު ނަޒީހު ހަވާލުވެއްޖެއެވެ.

ނަޒީހު ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެފައި މިވަނީ އެޓީމު މާލީގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ ދުވަސްކޮޅެއްގައެވެ. މިސީޒަނުގެ ކުރީކޮޅު އެޓީމަށް އިރުޝާދުދިން ކޯޗު ހަންގޭރީގެ ލާޒްލޯ ކިސް ވަނީ ޓީމުން މުސާރަ ނުދޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އަނބުރާ ގައުމަށް ފުރާފައެވެ. އަދި ކުޅުންތެރިންނަށްވެސް މުސާރަ ނުލިބު ހަތަރު މަސް ފާއިތުވެ ގޮސްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މިއަހަރުގެ މާޗު މަހު ވިކްޓްރީގެ ޗެއާމަނަކަށް އައްޔަން ކޮށްފައިވާ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ވައިސް ޗެއާމަން އައްޔަން ކުރެވިފައިވާޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވަނީ ޓީމަށް ފައިދާތަކެއް ހޯދައިނުދެވި، ދާދި ފަހުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

“ވީ ސްޕޯޓްސް” އަށް މައުލޫމާތު ދެމުން ނަޒީހު ބުނީ މިވަގުތު ކްލަބް އޮތް ހާލަތުން އިތުރު ހާލަތަކަށް ގެންދިޔުމަށް ޓީމާ ހަވާލުވާން ނިންމާފައިވަނީ ކްލަބްދެކެ ވާ ލޯބީގެ ސަބަބުން އެއްވެސް އުޖޫރައަކާ ނުލާ ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނަޒީހު ވަނީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް، އިއްޔެ ހަވީރު ޓީމުގެ ފަރިތަކުރުންތައް ވެސް ކުރިއަށް ގެންގޮސްފައެވެ.

މިދިޔަ ބުދަުވަހު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ވިކްޓްރީ ކުޅެން އޮތް މެޗަށް އެޓީމު ހާޒިރުވެފައެއްވެސް ނުވެއެވެ. އެ މެޗު ކުޅެން ކުޅުންތެރިން ތައްޔާރަށް ތިބި ނަމަވެސް ނުކުޅެން ނިންމީ ޓީމުގެ ބޯޑުންނެވެ.

ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން ފަސް ޕޮއިންޓާއެކު، ތާވަލުގެ 8 ވަނައިގައި މިވަގުތު އޮތް ވިކްޓްރީ މިއަދު ހަވީރު ނުކުންނާނީ ނިއުރޭޑިއަންޓާ ދެކޮޅަށެވެ.

ކުޅުންތެރިއެއްގެ ގޮތުގައިވެސް ވިކްޓްރީއިން ފެނުނު ނަޒީހު ވަނީ މީގެ ކުރިންވެސް ދެފަހަރު މަތިން ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެފައެވެ. މިސީޒަނުގައި މާލޭ ލީގުގައި އޭނާ އިރުޝާދުދިން ޔުނައިޓެޑް ވިކްޓްރީން ލީގު ނިންމާލީ ތާވަލުގެ ހަތްވަނައިގައި އޮވެއެވެ. ޕްލޭއޮފް ގައި ކުޅުނު ދެ ލެގުން އެޓީމު ވަނީ ވެލެންސިއާގެ މައްޗަށް ކުރިހޯދާ، ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވުމުން ސަލާމަތް ވެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *