ލީގުގައި ޓީސީ ފުރަތަމަ ފަހަރަށް ބަލިވެއްޖެ
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުލަބް ގްރީން ސްޓްރީޓްސް އާ ވާދަކޮށް، ލީގުގައި ފުރަތަމަ ފަހަރަށް ވަރުގަދަ ޓީސީ ސްޕޯޓްސް ކުލަބް ބަލިވެއްޖެއެވެ.
ލީގު އެއްވަނައިގައި 18 ޕޮއިންޓާއެކު އޮތް ޓީސީ ބަލިވުމުން އެޓީމަށް ވަނީ ލީގު ހޯދުމަށް އެޓީމާ އެންމެ ގާތުން ވާދަކުރާ، އެއް މެޗު މަދުން ކުޅެ 13 ޕޮއިންޓާއެކު އޮތް ނިއު ރޭޑިއަންޓާ ދެމެދުގައިވާ ފަރަގު ބޮޑުކުރުމުގެ ފުރުސަތު ހަނިވެފައެވެ. މިއަދު ހަވީރު ވިކްޓްރީއާ ދެކޮޅަށް ނިއު ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެނަމަ ޓީސީއާ ދެ ޕޮއިންޓަށް ގާތް ކުރެވޭނެއެވެ.
ޓީސީ އަތުން މޮޅުވެ، ގްރީން 13 ޕޮއިންޓާއެކު ލީގުގެ ހަތަރު ވަނަ އަށް ޖެހިލިއިރު އެންމެ ފާހަގަ ކޮށްލެވެނީ ދާދި ފަހުން ޖަލުން މިނިވަންވެ، އަލުން ކުޅެން ފެށި ޒުވާން ކީޕަރު އިބްރާހީމް ލަބާން ޝަރީފުގެ މޮޅު ކުޅުމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި ލަބާން ވަނީ ޓީސީ އަށް މެޗު އެއްވަރުކުރަން ފަހު ވަގުތު ލިބުނު ޕެނަލްޓީ މަތަކުރުމުގެ އިތުރުންވެސް މެޗުގައި މުހިންމު ސޭވްތަކެއް ކޮށްފައެވެ.
މިއަހަރުގެ ޖޫން 25 ވަނަ ދުވަހު ލަބާން ގްރީން އާ ގުޅުނުއިރު، މީގެ ތިން އަހަރު ކުރިން 2015 ވަނަ އަހަރުގެ މޭ 1 ވަނަ ދުވަހު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާއެއްގެ ތެރެއިން ފުލުހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ ކްލަބް އީގަލްސްގެ ޕްރެކްޓިހުގައި ހުއްޓައެވެ. ލަބާން ޖަލުން މިނިވަންވީ މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޓީސީގެ އަލީ އަޝްފާގް (ދަގަނޑޭ) އާއި ނަޝާތު އަހުމަދުގެ އިތުތުން އިޝާން އިބްރާހިމް (ސައްޓު) އަށް ލިބުނު ފުރުސަތުތައް ވަނީ ނާކާމިޔާބު ވެފައި ވާއިރު، ގްރީން އިން ވަނީ ފުރަރަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހާ، މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. ޓީސީގެ މުހައްމަދު އަޖުފާން ކީޕަރަށް ޖައްސާލި ބޯޅަ އެޓީމުގެ ނޭޕާލް ގޯލްކީޕަރު ކިރަން ކުމާރާށް ކޮންޓްރޯލްނުވުމުން، އެބޯޅަ ހޯދައި ގޯލަށް ވައްދާލީ ގްރީންގެ ކޮލަމްބިއާ ފޯވާޑް އަވީލާ އެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު ޓީސީ އަށް އެއްވަރުކުރަން ފުރުސަތުތަކެއް ލިބުނު ނަމަވެސް ކީޕަރު ލަބާން ވަނީ ހުށިޔާރުކަމާއެކު ހަމަލާތައް ދިފާއު ކޮށްފައެވެ. ދަގަނޑޭ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އޭރިއާ ތެރެއިން މުޅިން ހުހަށް ހުރެ ފޮނުވާލި ބޯޅައިގެވެސް ހުރަހަކަށްވީ ލަބާން އެވެ.
މެޗު ނިމެން ފަނަރަ ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް އަވީލާ ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ، ގްރީންއަށް ލީޑު ފުޅާ ކޮށްދީފައެވެ. އެއަށް ފަހުވެސް ގާތް ގާތުގައި ގްރީންގެ ރޮލޭންޑް ރަސެލް އާއި އަބްދުﷲ މިސްބާހަށް އިތުރަށް ލީޑު ފުޅާކުރަން ލިބުނު ފުރުސަތުތައް ވަނީ ބޭނުން ނުކުރެވިފައެވެ.
ޓީސީން ތަފާތު ކުޑަކުރީ 80 ވަނަ މިނެޓުގައި ކޯނަރަކުން ހުރަސްކުރި ބޯޅައެއް ނިޝާމް މުހައްމަދު ރަޝީދު ގޯލަށް ވައްދާލައިގެންނެވެ. އޭގެ ތިން މިނެޓު ފަހުން ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ ދަގަނޑޭ އަށް ގްރީންސްޓްރީޓްސްގެ މުހައްމަދު ސާއިފް ފައުލްކުރުމުން ރެފްރީ ދިން ޕެނަލްޓީ ފޭދޫ އިއްބެ ޖެހުމުން މަތަކުރީ ލަބާން އެވެ.
މިއީ މިސީޒަނުގައި ރާއްޖޭގެ ކީޕަރެއް މެޗު ތެރެއިން ޕެނަލްޓީއެއް މަތަކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ ވެލެންސިއާގެ ޔޫކްރޭން ފޯވަޑް ސަރްގޭއި ޑްރިގާ ފޮނުވާލި ޕެނަލްޓީ މަތަކޮށްފައެވެ.
ރޭގެ މެޗުގެ ކުރިންވެސް ގްރީން އަށް ގަދަ ހަޔެއް ކަށަވަރުވެފައި އޮތުމާއެކު އެޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ ތަފާސް ހިސާބުތަކަށް ބަލާއިރު މި ތިން ޕޮއިންޓަކީ މި ވަގުތު އެ ޓީމަށް މާ މުހިއްމު އެއްޗަކަށް ނުވިޔަސް، ފަހުން ކުރީގައި އޮތް ޓީމުތަކާ ދެމެދުގައިވާ ފަރަގު ކުޑަކުރަން މި ތިން ޕޮއިންޓް މުހިންމު ވެދާނެ ކަމަށެވެ. އަދި ވަރުގަދަކޮށް އޮތް ޓީސީ ބަލިކުރުމުގައި ކުޅުންތެރިން ކުރި މަސައްކަތަށް ސުޒޭން ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ބަލިވީ ލަނޑު ނުޖެހިގެން ކަމަށެވެ. އަދި ރޭގެ މެޗުން ބަލިވުމުން ލީގު ހޯދުމުގެ ރޭހުގައި ޕްރެޝަރު ބޮޑުވާނެތޯ ނޫސްވެރިން އެހި ސުވާލަކަށް ޖަވާބުދެމުން ނިޒާމްބެ ބުނީ ބަލިވަންޏާ މިއީ ބަލިވާން އެންމެ ރަނގަޅު ދަނޑިވަޅަށް ވެދާނެ ކަމަށެވެ.
Advertisement
Leave a Reply