ދެވަނަ ހާފުގެ ލަނޑުތަކުން މާޒިޔާއަށް މޮޅެއް
ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ތ. ތިމަރަފުށްޓާއި ވާދަކުރި މެޗުގައި ދެވަނަ ހާފުގައި ޖެހި ލަނޑުތަކާއެކު މާޒިޔާ މޮޅުވެއްޖެއެވެ. މިއަދުގެ މެޗުން 2-0 އިން މޮޅުވުމުން ތާވަލުގައި އެޓީމު އޮތީ 13 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. ތިންވަނައިގައި ނިއު ރޭޑިއަންޓުވެސް އޮތީ 13 ޕޮއިންޓާއެކު އެވެ. ފައިދާ ގޯލުގެ ތަފާތުން ނިއުއަށް ތިންވަނަ ލިބޭއިރު މާދަމާރޭ ވިކްޓްރީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ނިއުއަށް ދެވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. މިއަދުގެ މެޗުންވެސް ބަލިވުމުން މިހާތަނަށް ލިބުނު އެއް ޕޮއިންޓާއެކު ތިމަރަފުށި އޮތީ ތާވަލުގެ ފުލުގައެވެ.
މިއަދު މެޗަށް ނުކުތްއިރު މާޒިޔާގެ އިސްމާއީލް އިސަ (މެސީ) ހުރީ ސަސްޕެންޝަނުގައެވެ. އީސައަށް ވަނީ އެންމެފަހުން ގްރީން ސްޓްރީޓްސް އާ ދެކޮޅަށް ކުޅުނު މެޗުގައި ރަތްކާޑު ދައްކާފައެވެ.
ލީގުގައި ކުޅުނު އެހެން މެޗުތަކާއި ހިލާފަށް މިއަދުގެ މެޗުގައި ތިމަރަފުށި ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މާޒިޔާއިން މެޗުގައި މޮޅަށް ކުޅުނު ނަމަވެސް ތިމަރަފުށީގެ ކުޅުންތެރިން ފެނުނީ ހަމަޖެހިގެން ކުޅުނުތަނެވެ. މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ ކޮނޭލިޔަސް ސްޓެވާޓް އަދި އަސަދުﷲ އަބްދުﷲ އަށް ލަނޑުޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. ސްޓެވާޓް އުފެއްދި ހަމަލާ ތިމަރަފުށީގެ ކުޅުންތެރިން ބްލޮކް ކުރިއިރު އަސަދުﷲ ބޮލުން ޖެހިބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ދެވަނަ ހާފު ފެށިގެންވެސް މާޒިޔާއިން ލަނޑެއް ޖަހަން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުރަތަމަ ލަނޑު ޖެހުމާއި ހަމައަށް އެޓީމަށް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. ދެވަނަ ހާފުގައި ތިމަރަފުށްޓަށް ލިބުނު ކައުންޓަރ އެޓޭކްތަކުގައި ވަނީ ލަނޑު ޖަހާނެ ފުރުސަތު ތަނަވަސްކޮށްފައެވެ. ނަމަވެސް ލަނޑު ޖެހުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.
މާޒިޔާއަށް މެޗުގައި ލީޑު ލިބުނީ 66 ވަނަ މިނެޓުގައި ތިމަރަފުށީގެ ބިދޭސީ ޑިފެންޑަރ ޓޫންޑޭ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މާޒިޔާގެ އަލީ ޝާމިސް (ތޮއްޕޭ) މަޑުމަޑުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޓޫންޑޭގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ. ތިމަރަފުށީގެ ދެވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ޖެހީ މާޒިޔާއަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންދާ ސްޓެވާޓެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ މުހައްމަދު އިރުފާން އެވެ. އިރުފާން އަކީ ތިމަރަފުށްޓަށް އުފަން ކުޅުންތެރިއެކެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.
Advertisement
Leave a Reply