ރެއާލަށް ލަނޑު ނުޖެހުމުގެ މައްސަލަ، ލޮޕެޓީގަށް ހާސްކަން

Advertisement

ރެއާލަށް ލަނޑު ނުޖެހުމުގެ މައްސަލަ، ލޮޕެޓީގަށް ހާސްކަން

ޢަލީ ޝަހީމް

ސްޕެނިޝް ލަލީގާގައި ރޭ އަލަވެސްއާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް 1-0 އިން ބަލިވެއްޖެއެވެ. މިއީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން އެޓީމު ބަލިވި ތިންވަނަ މެޗެވެ. މި ހަތަރު މެޗުގައި އެޓީމަށް ގޯލެއްވެސް ކާމިޔާބު ކުރެވިފައެއް ނުވާއިރު މިއީ 1985 ވަނަ އަހަރުގެ ފަހުން ޖެހިޖެހިގެން ހަތަރު މެޗުގައި ލަނޑެއް ނުޖެހި އެޓީމު ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ލީގުގައި ސެވިއްޔާއާ ވާދަކުރި މެޗުން އެޓީމު ބަލިވީ 3-0 އިންނެވެ. އެއަށްފަހު އަމިއްލަ ދަނޑުގައި ލީގުގައި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އަދި، މިދިޔަ ހަފްތާގައި އެޓީމު ޗެމްޕިއަންސް ލީގުގައި އެޓީމު ނުކުތީ ރަޝިޔާގެ ސީއެސްކޭ މޮސްކޯއާއި ދެކޮޅަށެވެ. އެމެޗުން އެޓީމު ބަލިވީ 1-0 އިންނެވެ. ރެއާލް އެންމެ ފަހުން ގޯލެއް ޖެހީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ލީގުގައި އެސްޕެނިޔޯލް އާއި ވާދަކުރި މެޗުގައެވެ. 1-0 އިން އެމެޗުން މޮޅުވިއިރު ހަމައެކަނި ލަނޑު ޖަހައިދިނީ މާކޯ އެސެންސިއޯ އެވެ.

ރޭގެ މެޗުން ބަލިވުމުން 14 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އަދިވެސް އޮތީ ދެވަނައިގައެވެ. 1931 ވަނަ އަހަރުގެ ފަހުން ރެއާލް އަތުން ލިބުނު ފުރަތަމަ މޮޅާއެކު އަލަވެސް ވަނީ 14 ޕޮއިންޓާއެކު ރެއާލް އާއި އެއްވަރު ކޮށްފައެވެ. ރެއާލާއި އަލަވެސް އާއި އެއްވަރަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން އެއްވަނައިގައި އޮތީ ބާސެލޯނާއެވެ. ލީގުގައި ބާސެލޯނާ މިރޭ ކުޅޭ މެޗުން މޮޅުވެގެން ތިން ޕޮއިންޓުގެ ފަރަގެއް ގެނައުމުގެ ފުރުސަތެއް އެބައޮތެވެ.

ރޭގެ މެޗުގައި ރެއާލް ކޮޅަށް އަލަވެސް އިން ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި މަނޫ ގާސިއާއެވެ. މި ނަތީޖާއާއެކު ރެއާލްގެ ކޯޗުކަމާއި މި ސީޒަނަށް ހަވާލުވި ޖޫލޭން ލޮޕެޓީގުގެ ކުރިމަގާމެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ. ވޯލްޑް ކަޕް ފެށުމުގެ އެއްދުވަސް ކުރިން ސްޕެއިންގެ ކޯޗުކަމުން ލޮޕެޓީގު ވަކިކުރީ އެގައުމުގެ ފެޑަރޭޝަނަށް ނޭނގި ރެއާލާއި ހަވާލުވާން އެއްބަސްވުމުންނެވެ. ނަމަވެސް ނަތީޖާ ނެރުމުގައި ލޮޕެޓީގު މިހާރު ފެއިލް ވެފައިވާތީ ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެ ނަމަ މަގާމުން އޭނާ ވަކި ކުރާނެކަމަށް ބެލެވެއެވެ.

ރެއާލަށް ލަނޑު ނުޖެހުމުގެ މައްސަލަ ކުރިމަތިވުމުން އެޓީމުގެ ސަޕޯޓަރުން ބުނަމުންދަނީ މިދިޔަ ނުވަ ސީޒަނުގައި އެޓީމަށް 311 ގޯލު ޖަހައިދިން ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތައް ފޫބައްދަން ކުޅުންތެރިއަކު ހޯދުން މުހިއްމު ކަމަށެވެ. ޖެހިޖެހިގެން ތިން ސީޒަނުގައި ރެއާލް މެޑްރިޑަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމަށްފަހު ރޮނާލްޑޯ ވަނީ އިޓަލީގެ ޔުވެންޓަސް އާއި ގުޅިފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *