އީގަލްސްއަށް ބޮޑު މޮޅެއް، ތަފާތަކީ ރިޒޭ

ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ށ. ފޯކައިދޫއާއި ވާދަކުރި މެޗުން 5-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އީގަލްސް ޓޭބަލްގެ ދެވަނައަށް ޖެހިލައިފިއެވެ. މިރޭގެ މެޗުގައި އީގަލްސްގެ ހުނަރުވެރި ފޯވާޑް އަހްމަދު ރިޒްވާން (ރިޒޭ) ވަނީ ހެޓްރިކް ހަދާފައެވެ. ރިޒޭ ވަނީ އެންމެ ފަހުން ތ. ތިމަރަފުށްޓާއި ދެކޮޅަށް ކުޅުނު މެޗުގައި ހަތަރު ގޯލު އީގަލްސްއަށް ޖަހައިދީފައެވެ. ލީގުގައި ކުޅުނު ހަތް މެޗުގައި ޖެހި ނުވަ ގޯލާއިއެކު ރިޒޭ އުޅެނީ ލީގުގެ ލަނޑު ލިސްޓުގެ އެއްވަނައިގައެވެ. ރިޒޭގެ ފަހަތުން ހަތް ގޯލާއިއެކު ދެވަނައިގައި އުޅެނީ ނިއު ރޭޑިއަންޓުގެ އަލީ ފާސިރު (ސެންޓޭ) އެވެ.
މި މޮޅާއެކު އީގަލްސް އަށް ދެވަނަ ލިބެނީ 15 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި 18 ޕޮއިންޓާއެކު ޓީސީ ސްޕޯޓްސް ކްލަބް އެއްވަނައިގައި އޮތްއިރު ތިންވަނައިގައި 13 ޕޮއިންޓާއެކު އޮތީ ނިއު ރޭޑިއަންޓެވެ. ނަމަވެސް ލީގުގައި ހޯމަ ދުވަހުގެރޭ ވިކްޓްރީ ބަލިކޮށްފި ނަމަ ނިއުއަށް ދެވަނަ މަގާމް ލިބޭނެއެވެ. މިރޭގެ މެޗުން ބަލިވި ފޯކައިދޫ ޓީމު އޮތީ އަށް ޕޮއިންޓާއެކު ހަ ވަނައިގައެވެ.
މިރޭގެ މެޗުގައި އީގަލްސްގެ ފުރަތަމަ ލަނޑު ތިންވަނަ މިނެޓުގައި ޖެހީ ރިޒޭ އެވެ. ރިޒޭ މި ލަނޑު ޖެހީ ކައިރީގައި ހުރި ފޯކައިދޫގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ކީޕަރަށް ފުރުސަތެއް ނުދީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އީގަލްސްގެ ދެވަނަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ޖެހީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ހުސައިން ސިފާއު ޔޫސުފް އެވެ. ސިފާއު ވަނީ އެންމެ ފަހުން ތިމަރަފުށްޓާއި ވާދަކުރި މެޗުގައި ދެ ލަނޑު ޖަހާފައެވެ.
އީގަލްސްގެ ތިންވަނަ ލަނޑާއި ހަތަރު ވަނަ ލަނޑުވެސް ޖެހީ ރިޒޭ އެވެ. 38 ވަނަ މިނެޓުގައި ތިންވަނަ ލަނޑު ޖެހިއިރު ހެޓްރިކް ހެދި ލަނޑު ރިޒޭ ޖެހީ 55 ވަނަ މިނެޓުގައެވެ. އީގަލްސްގެ ފަހު ލަނޑު މެޗުގެ ފަހު މިނެޓުގައި ޖަހައިދިނީ މުސައްނިފް މުހައްމަދެވެ. މުޅި މެޗުގައިވެސް މޮޅަށް ކުޅުނު އީގަލްސް ޓީމުން މިރޭ ފޮނުވާލި ގިނަ ހަމަލާތަކެއް ފޯކައިދޫގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބު ވަނީ ދިފާއުކޮށްފައެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ތިމަރަފުށްޓާއި ދެކޮޅަށެވެ. މާދަމާރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.
Advertisement


Leave a Reply