ނިލަންދޫ އަތުން ބަލިވެ ފެހެންދޫއަށް ފުރުސަތު ހަނިވެއްޖެ
ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ފ. ނިލަންދޫއާ ވާދަކުރި މެޗުން 3-1 އިން ބަލިވެ ލީގުގެ ގަދަ އަށަކަށް އެރުމަށް ބ. ފެހެންދޫ ކުރި އުއްމީދަށް ހުރަސް އެޅިއްޖެއެވެ.
މިއަދުގެ މެޗުން ބަލިވުމާއެކު މިހާތަނަށް ލިބުނު ހަތަރު ޕޮއިންޓާއެކު ފެހެންދޫ އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. ފުރަތަމަ ބުރުގައި އެޓީމަށް ބާކީ ދެން އޮތީ މާޒިޔާއާއި އީގަލްސާއާ ވާދަކުރާ މެޗެވެ. މި މެޗުން މޮޅުވުމުން ހަތް ޕޮއިންޓާއެކު ނިލަންދޫއަށް ވަނީ ގަދަ އަށެއްގެ އުއްމީދު ބޮޑުވެފައެވެ. މި މޮޅާއެކު އެޓީމު ވަނީ ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. ލީގުގައި ނިލަންދޫއަށް ބާކީ އޮތީ ނިއު ރޭޑިއަންޓާއި އީގަލްސްއާ ވާދަކުރާ މެޗެވެ. ނިލަންދޫ ހަތް ވަނައިގައި އޮތްއިރު ފަސް ޕޮއިންޓާއެކު އަށްވަނައިގައި އޮތީ ވިކްޓްރީ އެވެ. އެއް ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތީ ތ. ތިމަރަފުށްޓެވެ.
ފެހެންދޫން މިއަދުގެ މެޗަށް ނުކުތްއިރު ފުރަތަމަ އެގާރައިގައި އާއްމުކޮށް ކުޅޭ ހުސައިން ޝަރީފް (އޮންލީ) ހުރީ ދެކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑް ވެފައެވެ. ލީގުގައި އެންމެ ފަހުން ފޯކައިދޫއާއި ބައްދަލުކުރި މެޗުގައި ދެއްކި ރަތްކާޑާއި ގުޅިގެން ނިލަންދޫ ޓީމުގެ ބިދޭސީ ޑިފެންޑަރ ހަބީލާ މަރްލޫވެސް ހުރީ ސަސްޕެންޝަނުގައެވެ.
މިއަދުގެ މެޗަށް ފެހެންދޫ ޓީމަށް ލަހުން މާލެ އާދެވުމުން ހަތަރެއް ޖަހާއިރު ފަށަން އޮތް މެޗު ފެށީ 4:30 ގައެވެ. ކަނޑު ގަދަވުމުގެ ސަބަބުން ފެހެންދޫ ޓީމު މިއަދުގެ މެޗަށް މާލެއައީ ދަރަވަންދޫ މަގުން މަތިންނެވެ. ނިލަންދޫ ޓީމަކީވެސް ރަށުގައި ޕްރެކްޓިސް ކުރުމަށްފަހު މެޗު ކުޅުމަށް ކަނޑުމަގުން މާލެ އަންނަ ޓީމެކެވެ.
މިއަދުގެ މެޗުގައި ނިލަންދޫ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 33 ވަނަ މިނެޓުގައި އިބްރާހީމް ފުރުގާން (ފުގޭ) އެވެ. ފުގޭ މި ލަނޑު ޖެހީ މި ސީޒަނުގެ ކުރީކޮޅު މާޒިޔާއިން ފެނުނު ނިލަންދޫއަށް އުފަން ފާރޫގު އިސްމާއިލް ނަގައިދިން ހުރަހަކުން ބޮލުންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ފެހެންދޫ ޓީމުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަލީ ހާފިޒް (ހާއްޕެ) ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ އިބްރާހީމް މާޖިދު އެވެ. އެއްވަރު ކުރުމަށްފަހު ފެހެންދޫއަށް މާގިނައިރު އެ ނަތީޖާގައި ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. މެޗުގެ 53 ވަނަ މިނެޓުގައި ނިލަންދޫއަށް ދެވަނަ ލަނޑު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ލަމްޓޭ ސެމިއުލް އެވެ.
ނިލަންދޫން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގުމުން ފެހެންދޫ ޓީމުން ވަނީ ވަރަށް ބޮޑަށް ކުރިއަށްޖެހި ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސް ކޮށްފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެޓީމަށް ހިފިފައެއް ނުވެއެވެ. ނިލަންދޫ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު ޝާން އެވެ. ޝާން މި ލަނޑު ޖެހީ ފެހެންދޫގެ ކީޕަރު އިބްރާހީމް ޒަޔާން ބޯޅައަށް އެރުމުން ނައްޓާލުމަށްފަހު ހުސްގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
Advertisement
Leave a Reply